ރިޕޯޓް

އަނގަ ގަދަވެ، ހަލާލު ނޫން ފައިސާގެ "އިއުތިރާފު"

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތެއް ހިނގައި، އެކަމުގައި ރައީސް އަބްދުﷲ ޔާމީން "ހާލިދު ބުން ވަލީދު" ކަމަށް ސިފަކުރައްވަމުން ގެންދެވި އަހުމަދު އަދީބު ކުށްވެރިވެފައިވާއިރު އެ ކޮރަޕްޝަންގެ ހަޑި ނަމާއި ތުހުމަތު ރައީސް ޔާމީންގެ އިސްތަށިފުޅުގައި އޮތީ އެޅިފަ އެވެ. ނުވަތަ އަޅުވާފަ އެވެ. އެ ތުހުމަތުގެ އިނގިލި ވަރަށް ބޮޑަށް އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީނަށް އައީ އަބަދުވެސް ދިއްކުރަމުން އެވެ.

އިދިކޮޅު ފަރާތްތަކުން ކިތަންމެ ތުހުމަތުތަކެއް ކުރަމުން ދިޔަ ނަމަވެސް ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެ ކޮރަޕްޝަން ހިނގާފައިވަނީ އެމަނިކުފާނުގެ "އަތް ދަށުން" އެމަނިކުފާނަށް ހިލަމެއް ވެސް ނުވެ އެވެ. އެ ކޮރަޕްޝަންގެ ހުރިހާ ކަމެއްގެ ޒިންމާއެއް އެމަނިކުފާނު އަޅުއްވަނީ އުމުރު ދުވަހަށް ވުރެ ގިނަ ދުވަސްތަކަކަށް ޖަލަށްލާފައިވާ އަދީބަށެވެ.

ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެމްއެމްޕީއާރްސީއިން ގެއްލިފައިވާ ފައިސާ ވީ ތަނެއް އެނގޭނީ އަދީބަށް ކަމަށާއި އެ ފައިސާ ނުދައްކާ އަދީބަށް "ސަލާމަތްވެވެން" ނެތް ކަމަށެވެ. އަދީބު އަތުގައި ވަރަށް ގިނަ ފައިސާ ހުންނަކަން ރައީސްއަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް ކުރިން ވިދާޅުވި އެވެ. ރައީސް ވިދާޅުވި އޭރު ހީކުރެއްވީ އެ ފައިސާއަކީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކަށާއި އެމަނިކުފާނުގެ ކެމްޕޭނަށް އެކި ހެޔޮ އެދޭ ފަރާތްތަކުން ދެއްވާ ފައިސާ ކަމަށެވެ. ފައިސާގެ ހިސާބު ކިތާބު ބެލެއްޓުމާއި ފައިސާ "ޒުވާން ގުރޫޕްތަކަށް" ބެހުމުގެ ޒިންމާ ވެސް ރައީސް ޔާމީން އަމިއްލަފުޅަށް ހަވާލުކުރައްވާފައި އޮތީ، އެމަނިކުފާނުގެ ދެވަނަ ނައިބު ރައީސް އަދީބަށް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އަދީބުގެ ބޮލުގައި އިލްޒާމަކަށްފަހު އިލްޒާމެއް އަޅުވަން ގޮސް، އަމިއްލަ އިސްތަށިފުޅުގައި އަމިއްލައަށް ރައީސް ޔާމީން މިވަނީ އިލްޒާމެއް އަޅުއްވާފަ އެވެ. އަމިއްލަ ގެކޮޅަށް ކޮރަޕްޝަންގެ ފައިސާ ވަދެ، އެ ފައިސާ ސިޔާސީ ކަންކަމަށް ހަރަދު ކުރި ކަމުގެ ތުހުމަތު ބަޔަކު ކުރީއެއް ނޫނެވެ. ރައީސް އަމިއްލަފުޅަށް ރޭ އިއުތިރާފްވެ ވާހަކަ ދެއްކެވީ އެވެ.

"ފައިސާ ވަދެފައިވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް (ރައީސްގެ އަމިއްލަގެކޮޅަކަށް) ނޫން، ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފަ ހުންނާނީ އަހުމަދު އަދީބު، އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން، މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލު ކުރެވޭނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވީ މިހެނެވެ.

ގެކޮޅަށް ވަތް ފައިސާއަކީ ހަލާލު ފައިސާއެއް ނޫން ކަން އެނގުނީ ފަހުން ވިޔަސް އަދި ކުރިން ވިޔަސް އެއީ ރައީސް އަބްދުﷲ ޔާމީން ޒިންމާ ނަންގަވަންޖެހޭނެ ކަމެކެވެ. އެއީ ހަމައެކަނި އަދީބުގެ ކުށެކޭ ކިޔާ ނިންމައެއް ނުލެވޭނެ އެވެ. ސަބަބަކަށް ވަނީ ރައްޔިތުން ރައީސް އަބްދުﷲ ޔާމީންއަށް ވެރިކަން ހަވާލު ކުރީ ރައްޔިތުންގެ ބައިތުލްމާލަށް ރައްކާތެރިވުމަށް ﷲ ގަންދީ ހުވާކުރުވައިފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި، އަދީބުގެ ފައިސާ ވަރަށް ގިނަ މަޖިލިސް މެންބަރުން ވަނީ ބޭނުން ކުރައްވާފަ އެވެ. އެ މެންބަރުން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލެއްވި އެވެ.

މެންބަރުންނަށް ފައިސާ ލިބުނު ގޮތަށް ދޫވެއްސަށް ވަނީ ފައިސާތައް ވަދެފަ އެވެ. އެހެން ވިދާޅުވީ، ރައީސް ޔާމީނެވެ. އެ ފައިސާތަކަށް ވީ ކިހިނެއްބާވަ އެވެ؟ އެ ފައިސާތައް ހަރަދުކުރީ ކާކު ކޮން ގޮތަކަށްބާވަ އެވެ؟ އަދީބުގެ ފައިސާއިން އިންތިހާބުވި މެންބަރުން އިސްތިއުފާ ދެއްވަން ޖެހޭނަމަ، އަދީބުގެ ފައިސާ ގެކޮޅަށް ވަދެފައި ވާތީ، އަދި އެމަނިކުފާނަށް އެނގިހުރެ އެ ފައިސާ ހަރަދުކޮށްފައި ވާތީ ރައީސް ޔާމީނަށް އޮތީ ކޮން އަދަބެއް ހެއްޔެވެ؟ މިއީ އެތައް ރައްޔިތުންނެއް މިއަދު އުފައްދާ ސުވާލެވެ.

އެއީ ކޮރަޕްޝަންގެ ފައިސާ ކަމަށް ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވާ ފަދައިން އިސްތިއުފާ ދޭން އެންގެވި މެންބަރުންނަށް ވެސް އެކަން ހަމަ އެގޮތަށް ނޭނގި އޮވެދާނެ ނޫންތޯ އެވެ؟ އަބަދުވެސް ކުށްވެރިވަނީ ޖެހިގެން އަރިހުގައި އުޅުއްވާ މީހުންތޯ އެވެ؟

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނަތަކީ ރައީސްއަށް ނޭނގި ހިނގި ކަމެއް ކަމަށް ވިދާޅުވާއިރު އަދީބާ ގުޅޭ މައްސަލައެއް އޮޑިޓް އޮފީހުން ފެންމަތިކުރި އެވެ. އިދިކޮޅު ފަރާތްތަކުން ބޮޑެތި ތުހުމަތުތައް އަދީބަށް ކުރި އެވެ. އެ ތުހުމަތުތަކާއެކު އަދީބު އެ ހުރިހާ ފައިސާއެއް ގެންގުޅުއްވައި، "ފޮށިފޮށީ"ގައި ރައީސްގެ ގެކޮޅަށް އެ ފައިސާ ވައްދާއިރު އެއީ ކިހިނެއް ކޮން ގޮތަކުން ހޯދާ ފައިސާއެއްތޯ ބެލުމަކީ ރައީސް ޔާމީންގެ ޒިންމާއެއް ނޫންތޯ އެވެ؟ ގައުމު ރައްޔިތުން ވެރިކަމުގެ ބާރު އެމަނިކުފާނާ ހަވާލުކުރީ ހާދަ އިތުބާރެއްކޮށްފަ އެވެ.

އޭރު ރައީސް ޔާމީނަށް އެނގިވަޑައިނުގެންނެވި ނަމަވެސް ހަމަ ޔަގީނަށް ވެސް މިހާރު އެމަނިކުފާނަށް އަދީބުގެ ފައިސާގެ ޖާޑީގައި ހުރީ ހަލާލު ނޫން ފައިސާކަން އެނގިވަޑައިގަންނަވާކަން ރޭގެ ވާހަކައިން އެބަ އެނގެ އެވެ. ފައިސާ ބެހި ގޮތާއި ހިފި މީހުންނާ އެބަ އެނގެ އެވެ. "ކޮންމެހެން ހޮވަންޖެހޭ" މަޖިލިސް މެންބަރުންނަށް އަދީބުގެ ފައިސާ ބެއްސެވި ވާހަކަ އެ ވަނީ ވިދާޅުވެފަ އެވެ. ފައިސާ ފޮށިތައް ވަތް ތަންތަން އެމަނިކުފާނަށް އެބަ އެނގިވަޑައިގަންނަވާ ކަމަށް އިދިކޮޅު ފަރާތްތަކުން މި ވަނީ ބުނަން ފަށައިފަ އެވެ.

"ރައީސް ޔާމީންގެ އަރިހު މި އެދެނީ ނާޖައިޒު ގޮތުގައި ދައުލަތުގެ މުދާ ބޭނުންކޮށްގެން ހޮވަން ހަރަދުކޮށްފައިވާނަމަ އެ މެންބަރުންގެ މައުލޫމާތުތައް ވެސް ހާމަކުރަން، ކީއްވެގެންތޯ އެ މެންބަރުންތައް ވިދާޅު ނުވަނީ، ހައްގު ނޫން ގޮތުގައި ކަންތައްތައް ކުރައްވާފައިވާނަމަ އެކަން ހާމަކުރައްވަން ޖެހޭނެ ނޫންތޯ، ގައުމުގެ ރައިސުލްޖުމްހޫރިއްޔާ ނޫންތޯ؟ އެމަނިކުފާނުގެ މައްޗަށް އެބަ އޮތް ވާޖިބެއް އެ ތަފްސީލްތައް ހާމަކުރެވުމުގެ، ދޫވެއްސަށް ވަތް ފައިސާ އާއި ގޭންގްތަކާއި ގުރޫޕްތަކަށް ހަރަދުކުރި ފައިސާ އާއި އެއްވުންތަކަށް ބޭނުން ކުރި ފައިސާ އާއި އަދި އެ ނޫން ކަންތައްތަކަށް ވެސް ބެންކް އެކައުންޓްތަކަށް ވަތް ފައިސާތަކާއި މި ހުރިހާ ފައިސާތަކެއްގެ ތަފްސީލް ރައީސް ޔާމީން ހާމަކުރޭ، ހުދު އެމަނިކުފާނު އެ ވިދާޅުވަނީ އެއީ ހަލާލު ނޫން ފައިސާ ކަމަށް، އެހެން ނޫނަސް ގާނޫނީ ގޮތުން އެބަ ލާޒިމްކުރޭ އެމަނިކުފާނު މާލީ ހިސާބުތައް ހުށަހަޅަން، އެހެންވީމަ މި ފައިސާ ނުހިމެނޭ ގޮތަށް އެ ހިސާބުތައް ވެސް ހުށަހެޅިގެން ނުވާނެ، މި ފައިސާއާ ގުޅޭ ގޮތުން ގާނޫނީ ގޮތުން އެމަނިކުފާނު ޖަވާބުދާރީވާން އެބަޖެހޭ ދައުލަތުގެ މުއައްސަސާތަކަށް،" ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވި އެވެ.

ރައީސްގެ ހަލާލު ނޫން ފައިސާގެ ވާހަކަ އޮޅުވާލަމުންދާ ކަމަށް ޕީޕީއެމްއިން ބުނި ނަމަވެސް އެމަނިކުފާނު އެ ވާހަކަފުޅު ދެއްކެވި ހާލަތާއި އެމަނިކުފާނަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން އެއީ އޮޅުވާލާފައިވާ ވާހަކަފުޅެއް ކަމަށް ބުނެ މައްސަލަ ހިންދާލެވެން ނެތެވެ. ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވެސް ވިދާޅުވަނީ ރައީސްއަށް ހަލާލު ނޫން ފައިސާ ލިބިވަޑައިގަތް ކަމަށް ވިދާޅުވީ އަލްޖަޒީރާގެ ތަހުގީގު ރިޕޯޓް، ސްޓީލިން ޕެރަޑައިޒްއަށް ރެފަރެންސް ދެއްވުމަށް ފަހު ކަމަށެވެ.

ދިވެހިންގެ ތަރިކައިގެ ގޮތުގައި ހުރި އެތައް ރަށަކާއި ފަޅެއް ވިއްކާލައިގެން އެމްއެމްޕީއާރުސީއަށް ލިބުނު 1.2 ބިލިއަން ރުފިޔާ ނޫނީ އެއަށް ވުރެވެސް ބޮޑު އަދަދެއް ގެއްލިފައި ވަނީ އޮޅުމަކުން ނޫނެވެ. އެއީ ތަހުގީގު ކުރަންޖެހޭ ވަރުގެ ބޮޑު މައްސަލައެކެވެ. ދުނިޔޭގެ އެހެން ގައުމެއްގައި ނަމަ މިފަދަ ތުހުމަތެއް ރައީސްގެ މައްޗަށް ކުރެވޭ ނަމަ ރައީސްގެ ނުފޫޒު ނުފޯރާނެ، މިނިވަން ކޮމިޝަނެއްގެ ބެލުމުގެ ދަށުން އާންމުކޮށް ހުޅުވާލެވިގެންވާ ތަހުގީގެއް ހިންގާނެ އެވެ. އެންމެފަހުން ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވެރިކަމުން ދުރުކުރީ ހަމަ މިކަހަލަ ކަންތައްގަނޑެއްގައި އެމަނިކުފާނު ތާށިވެ ސަލާމަތްނުވެވިގެން އެވެ. ރައީސް ޔާމީން ވިދާޅުވި ގޮތަށް "އަމިއްލަ އަބުރު ރައްކާތެރިކުރުމަށް" ހަމަ އެކަނި އެ ފައިސާ ރިކަވާކޮށް ދައުލަތަށް ޖަމާކުރުން އެކަންޏެއް ނޫނެވެ. ފޮށިފޮށީގައި ރައީސްގެ އަމިއްލަ ގެކޮޅަށް ދައުލަތުގެ ފައިސާތަކެއް ވަތްކަމަށް އަމިއްލައަށް ބުނެދެއްވި މައްސަލަ ބަލަން ޖެހެ އެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ އަމާނަތްތެރިވާނެ ކަމަށް ﷲ ގަންދީ އެންމެހާ ރައްޔިތުންގެ ކިބައިން ހުވާ ކުރައްވައިފަ އެވެ.