ރިޕޯޓް

މެޖޯރިޓީ ބީވުމުގެ ހައްލަކަށް މަޖިލިސް "ގެއްލުވާލުން"

ދުނިޔޭގެ ބޮޑެތި ގައުމުތަކުން ޑިމޮކްރަސީ ނިޒާމް ބަލައިގަނެ، އެއަށް އަމަލު ކުރަމުން ދާ އެންމެ މުހިންމު ސަބަބަކީ އެ ނިޒާމުގައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންނާ ހަމައިން ކަމަށްވާތީ އެވެ. އެންމެ ބޮޑު ބާރަކީ ރައްޔިތުންނެވެ. އެއަށް ފަހުގައި ދައުލަތް ހިންގާނެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ބޭފުޅަކު އައްޔަން ކުރަނީ ވެސް ހަމަ ރައްޔިތުންނެވެ.

ސިޔާސީ މާހިރުން ގަބޫލު ކުރާ ގޮތުގައި ގައުމެއް ހިންގުމަށް ޑިމޮކްރަސީ ނިޒާމް އެންމެ ފައްކާވާ އެހެން ސަބަބެއް ވެސް އޮވެ އެވެ. އެއީ ބާރުތައް އެންމެ މީހެއްގެ އަތަށް ދޫކޮށް ލުމުގެ ބަދަލުގައި، ގާނޫން ހެދުމުގެ ބާރު އަދި ޝަރުއީ ނިޒާމް ވަކިކޮށް އެއް ބާރު އަނެއްބާރުގެ މައްޗައް ފާރަވެރިވެވޭ ގޮތަށް އޮންނަ އޮތުމެވެ. މިއީ ރާއްޖެއިން ވެސް 8 އޮގަސްޓު، 2008 ވަނަ ދުވަހު ތަސްދީގު ކުރި ފެހި ގާނޫން އަސާސީގައި ވެސް ލިޔެވިފައި ހުރި ކަންކަމެވެ. އަދި މިއީ، އެތަށް ގުރުބާނީތަކެއް ވެގެން ރައްޔިތުން ހޯދި ހައްގުތަކެވެ.

އެ ދުވަހަށް ފަހު ހަތް އަހަރު ފަހަނައަޅާ ދިޔަ އިރު މިއަދު މި އޮތީ އެ ނިޒާމް އޭގެ އެންމެ ފުރިހަމަކަމުގެ މަތީގައި ހިނގައިގަތުމަށް ހުރަސްތަކެއް އެޅި "ތަޅު އެޅުވިފަ" އެވެ. ބާރުތައް ބެހިގެން އަންނަ ތިން ގޮފީގެ ތެރެއިން، އެއް ގޮފި "ކަނޑާލުމަށް" މަސައްކަތް ފަށާފައިވާ މަންޒަރު އެބަފެނެ އެވެ. އެއްބާރު އަނެއްބާރުގެ މައްޗައް ފާރަވެރިވުމުގެ މާނަ އޮޅުވާލައިގެން ކަންތައްތައް ކުރަން މި ވަނީ ފަށައިފަ އެވެ. ރައްޔިތުން މަޖިލިސް ހުއްޓުމަކަށް އައިސް އެތަނުގެ ބާރުތައް ކެނޑި، ރައްޔިތުން އިންތިހާބު ކުރި މެންބަރުން ކުށްވެރިންނަށް ހަދާ މި ވަނީ ދައުވާ އުފުލާފަ އެވެ.

"މިހާރު މި ދައުލަތް ހިނގަމުން ދަނީ ގާނޫން އަސާސީގެ ތެރެއަކުން ނޫން، ދައުލަތުގެ ތިން ބާރުންކުރެ އެއް ބާރުގަ ތަޅު އަޅުވާފައި ބާއްވައިގެން ދެން ހުރި ކަންކަން ކުރަނީ ނަމަ އެއީ ގާނޫން އަސާސިއާ ހިލާފަށް ވެރިކަން ކުރުން، ވަކި ބާރެއް ހައިޖެކްޓުކޮށްފައި ދެން ހުރި ބާރުތަކުން ސަރުކާރުގެ ކަންކަން ހިންގަމުން ގެންދަނީ ނަމަ މުޅި ގާނޫން އަސާސީ ތަސައްވަރު ކުރާ އުސޫލުތަކެއް ވެސް ނޯންނާނެ، ޖުމުލަކޮށް މުޅި ދައުލަތް ހިންގުމުގެ ނިޒާމް މި މި އޮތީ ގާނޫން އަސާސީން ބޭރުވެ ހަރާބުވެފައި،" ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކެންދޫ ދާއިރާ ތަމްސީލު ކުރާ މެންބަރު އަލީ ހުސެން 'އަވަސް' އަށް ވިދާޅުވި އެވެ.

މަޖިލީހުގެ މަސައްކަތް ގަސްތުގައި ހުއްޓުވާފައި!

މަޖިލީހުގެ މަސައްކަތްތައް ކުރުމަށް އެއް ދުވަސް ތެރޭގައި ބޮޑެތި ބިލުތަކުގެ ތިން ކިޔުން އެއްފަހަރާ އިއްވާލާ، ބަހުސްގެ މަރުހަލާ ކުރިޔަށް ގެންގޮސް، ކޮމިޓީގައި ދިރާސަ ކުރުމަށް ފަހު އަނެއް ދުވަހު ގާނޫންތައް ފާސްކޮށްލާ މަންޒަރު ވެސް ފެނުނީ ހަމަ މި ސަރުކާރުގަ އެވެ. "ރޮކެޓު ސްޕީޑުގައި" ދިޔަ މި މަސައްކަތް ކުއްލިއަކަށް "ބުރެކި" ޖެހި މަސައްކަތްތައް ހުއްޓުމަކަށް އައީ، މަޖިލީހުގެ ރައީސް އެ މަގާމުން ދުރު ކުރުމަށް 45 މެންބަރުން އެއްބަސްވެ، ސަރުކާރު އަތުން މެޖޯރިޓީ ގެއްލުނު ދުވަހުން ފެށިގެންނެވެ. ނަމަވެސް ގާނޫން ހަދާ މަޖިލީހުގެ މަސައްކަތްތައް ހިނގަން ޖެހޭނީ ހަމައެކަނި ސަރުކާރުގެ އަތުގައި މެޖޯރިޓީ އޮވެގެން ހެއްޔެވެ؟ އެހެން ނޫން ނަމަ ދެން އޮތް ގޮތަކީ މެޖޯރިޓީ ގެއްލުނުހެން އެ ބާރު ވެސް "ގެއްލުވާލުން ހެއްޔެވެ؟

ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮތް އިރު ދައުރެއްގެ ތެރޭގައި 22 ޖަލްސާ ވެސް ބާއްވާފައިވެސް އެބަހުއްޓެވެ. އަދި ކޮމިޓީތަކުގެ މަސައްކަތް ވެސް ހިފަހައްޓާ ނުލެވޭވަރަށް ބާރަށް ކުރިޔަށް ގެންދެވިފައި އެބަހުއްޓެވެ. ނަމަވެސް މެޖޯރިޓީ ގެއްލުނު ފަހުން މި ދައުރުގެ ތެރޭގައި ކުރިޔަށް ގެންދެވުނީ އެންމެ އަށް ޖަލްސާ އެވެ. ޓިޝޫއެއްގައި ރޯވުމަކީ އުޒުރަކަށް ހަދައި މަޖިލީހުގެ ޖަލްސާތައް ވަނީ ހުއްޓުވާފަ އެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ޖަލްސާތައް ކުރިޔަށް ގެންދިޔުމުގެ މުހިންމުކަން ބަޔާން ކުރާ ނުވަތަ އޭގެ މުހިންމުކަން ދޭހަވާ އެތަށް މާއްދާތަކެއް އޮވެ އެވެ. މިސަލަކަށް ކުއްލި ނުރައްކަލެއްގެ ހާލަތު ބަޔާން ކުރުމަށް ގަރޫރު ހުށަހަޅާ ގޮތް ބަޔާން ކުރަމުން މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ އެ ހާލަތުގައި ވެސް ބަންދު ދުވަސްތައް ހިމަނާގެން 14 ދުވަސް ތެރޭގައި ޖަލްސާ ބާއްވަން ޖެހޭ ކަމަށެވެ. ގައުމެއް ކުއްލި ހާލަތު އިއުލާން ކުރަނީ ޓިޝޫއެއްގައި ރޯވުން ފަދަ ކަމަކަށް ނޫނެވެ. އެންމެ ފަހުން އެ ހާލަތު އިއުލާން ކުރީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ލޯންޗު ގޮއްވާލުމުންނެވެ. ނަމަވެސް އެފަދަ ނާޒުގު ހާލަތުގައި ވެސް މަޖިލީސް ބާއްވަން ޖެހޭ ކަމަށް ގާނޫނުގައި ބުނެ އެވެ. އެހެންކަމުން މިއަދު މަޖިލިސް ޖަލްސާތައް ހުއްޓުވާފައި އެ އޮތީ ކީއްވެތޯ ސުވާލު އުފެދެ އެވެ.

މެޖޯރިޓީ ހޯދަން މުއައްސަސާތައް ބޭނުންކުރުން؟

އުފައްދަން ޖެހޭ ސުވަލުތައް އެހާ ހިސާބުން ނިންމާލެވޭކަސް ވެސް ނެތެވެ. މަޖިލީހުގެ މަސަައްކަތް ހުއްޓުމަކަށް ގެނައުމާ ހަމައިން ނިންމާލެވޭކަށް ނެތެވެ. މަޖިލީހުގެ އިދިކޮޅު ޕާޓީތަކުގެ މެންބަރުން މިއަދު ތިބީ ކުށްވެރިންނަށް ހަދާފަ އެވެ. އެއީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާލާފައި ވަނިކޮށް މަޖިލީހަށް ވަތް މައްސަލާގަ އެވެ. މަޖިލީހުގެ މެންބަރުންނަށް މަޖިލީހަށް ނުވަދެވޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟ އެގޮތުން 12 މެންބަރުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ވަނީ މައްސަލަ ފޮނުވައިފަ އެވެ.

އެ މައްސަލާގައި ފުލުހަށް ހާޒިރުކޮށްފައި ވަނީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލް ކަރީމް އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހް އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އެވެ.

އޭގެ އިތުރުން ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މެންބަރުންނަށް ރިޝްވަތު ދިން މައްސަލާގައި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗައް ދައުވާކޮށް ބަންދުގައި ބަހައްޓާފައިވާ އިރު މަމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މައްސަލައެއް ވެސް ކޯޓު ކުރިޔަށް ދެއެވެ.

މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓީގެ މަސައްކަތްތަކަށް ބުރު އެރުމުގެ ކުރިން މިއިން އެއްވެސް މެންބަރެއްގެ މައްސަލައެއް ނެތެވެ. އަދި ސަރުކާރަށް ފާޑު ނުކިޔާ ތިބި އިރު އެއީ ކުށްވެރިންނެއް ނޫނެވެ. ނަމަވެސް ކުއްލިއަކަށް "ކަސްތަޅު" އަޅުވާ ހިސަބަށް ދިޔައީ ކީއްވެ ހެއްޔެވެ؟

"މަޖިލީހުގެ މެޖޯރިޓީ ރައީސް ޔާމީންއަށް ގެއްލުނީމަ އެ މެޖޯރިޓީ ހޯދަން ރައީސް ޔާމީން ހަވާލު ކުރީ ފުލުހުންނާ، އެކަމަކު އަޅުގަނޑު ކުރިން ވެސް ބުނިހެން އަދިވެސް މި ބުނަނީ 20 މެންބަރުން ގަޔަށް ބަޑި ޖަހާ މަރާލިޔަސް އަޅުގަނޑުމެން ސަރުކާރާ ނުގުޅޭނަން، ދެން މަޖިލީހުގައި ޖަލްސާ ބޭއްވިޔަސް ޕީޕީއެމްއަށް 43 ވޯޓު ހަމަކޮށްގެން ޖާގައެއް ނެތް،" ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވި އެވެ.

ކޮންމެއަކަސް މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމަ މުހާތަބު ކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅެއް ހަނދާން އެބަހުއްޓެވެ. އެމަނިކްފާނު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީ ލިޔެވިފައި އޮތް ގޮތުން އެއީ އިދިކޮޅު ފަރާތްތަކަށް ރައީސް އަކަށް ހުންނަ މީހެއްގެ "އަތް ފަހަތައްލާ ބަނދެގެން" ކުރިމައްޗައް ގެނެވޭ ގޮތަށް އޮތް ދުސްތޫރީ ނިޒާމެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކަށް ވެރިކަން ކުރަން ހުރި މީހާގެ މަސައްކަތަށް އިންތިހާއަށް ބާރު ފޯރުވޭތީ ދުސްތޫރީ ނިޒާމް ރައީސް ސިފަ ކުރެއްވީ "ޑެޑްލޮކް" އެއް ގޮތަށެވެ.

ނަމަވެސް މިއަދު މި ގައުމުގައި ކަންތައްތައް ހިނގަނީ ކިހިނެތް ހެއްޔެވެ؟ އިދިކޮޅު ފަރާތްތަކުން ނިކުމެ ސަރުކާރާ ދެކޮޅަށް މަސައްކަތް ފެށުމުން ވެރިކަން ބީވެދާނެހެން ޝައްކުވުމުން، މެންބަރުންގެ ބާރުތައް ކަނޑާލާލީ ނޫންތޯ؟ އަދި މުޅި މަޖިލީސް ހުއްޓުވާލީ ނޫންތޯ އެވެ. ހަމަ އެ ދުސްތޫރީ ނިޒާމު ބޭނުންކޮށްގެން އިދިކޮޅު ފަރާތްތަކުގެ "އަތްފައި ބަނދެލީ" ނޫން ހެއްޔެވެ؟