ރިޕޯޓް

ނަފްސާނީ ބަލިތައް އިތުރުވުމުުގެ ސަބަބަކަށް ސިޔާސީ ހަލަބޮލިކަން

Aug 14, 2017
6

އަބަދު ހުންނަނީ ގޮތް ނޭނގޭ ހާސްކަމެއްގައެވެ. ކަމެއް ކުރާ ހިތެއް ނުވުމާއި ކުރަންވީ ކަމެއް ނޭނގުމަކީ އާދައަކަށް ވެެެއްޖެއެވެ. ބޮލުގައި ރިއްސުމާއި ނިދި ނައުމަކީ މިހާރު އާއްމު ކަމެކެވެ. ޑޮކްޓަރަށް ދެއްކީމާ ޓެސްޓް ކުރީ އެއްވެސް ކަހަލަ އެލާޖީއެއް ހުރިތޯއެވެ. އެގޮތުން ހެދި ޓެސްޓުން ދެއްކީ އެފަދަ ކަމެއް ނެތް ކަަމަށެވެ. ސިޔާސީ ލީޑަރުންގެ މެދުގައި ހިނގާ ޒުވާބަކުން އަހަރެމެންނަށް މިފަދަ އަސަރެއް ކޮށްފާނެ ކަަމަށް ހީކުރަމުހެއްޔެވެ؟

މިސުވާލަށް ގިނަ މީހުން ބުނާނީ ނޫނެކޭއެވެ. އަހަރެމެން އުޅެނީ އެހާވެސް ބުރައިގައެވެ. "ގައުމު ހިންްގުމުގެ ކަންތަކާ ވިސްނާނީ އެކަމުގައި އުޅޭ މީހުން. އަހަރެން މިއުޅެނީ އާއިލާއަށް ކުރަން ޖެހޭ ކަންތައްތައް ނުވެގެން،" ރާއްޖޭގައި މިހާރު އުފެދިފައި މިއޮތް ސިޔާސީ ނުތަނަވަސްކަމާ މެދު ދެކެނީ ކިހިނެއްތޯ އަހައިލުމުން އެކަކު ބުންޏެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ އިލްމުވެރިން މިކަން ވެސް ވަނީ ބަލައި ދިރާސާކޮށްފައެވެ.

އެމެރިކާގައި މިދިޔަ 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަކީ އެގައުމުގެ ފަހުގެ ތާރީހުގައި ސިޔާސީ ގޮތުން އެންމެ ބޮޑު ނުތަވަސްކަމެއް އުފެދުނު އިންތިހާބެވެ. އެއިންތިހާބުގައި ވާދަކުރެއްވި އެއް ބޭފުޅަކު ކެމްޕޭނުގައި ވިދާޅުވީ އިންތިހާބު އޭނާއަށް ކާމިޔާބު ނުވެއްޖެ ނަމަ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަކަށެވެ. ކާމިޔާބު ވެއްޖެ ނަމަ ކުރައްވަން ވައުދު ވެވަޑައިގެންނެވީ އަދި މާ ބޮޑަށް ކަންބޮޑުވާން ޖެހޭ ފަދަ ކަންތައްތަކެކެވެ.

ސިޔާސީ އެފަދަ ނުތަވަސްކަމުން އާއްމު ރައްޔިތުންނަށް ކުރާ އަސަރު ދެނެގަތުމަށް އިލްމުވެރިންް މަސައްކަތް ފެށީ ހާލަތު މިހެން އޮތުމުންނެވެ. އެގޮތުން އެކުލަވައިލި ދިރާސާ ރިޕޯޓެއް 'ދަ އެޓްލާންޓިކް' ނޫހުގައި އޭރު ވަނީ ޝާއިއުކޮށްފައެވެ.

ރިޕޯޓްގައި ބުނެފައި ވަނީ "ހާސްކަމުގެ މައިގަނޑުު ސަބަބަކަށް ރިޔާސީ އިންތިހާބު ވެފައިވާ ކަމަށް އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަން އިން ކުރި ސާވޭއަކަށް ޖަވާބުދިން މީހުންގެ ތެރެއިން 52 ޕަސެންޓް މީހުން ބުނި" ކަމަށެވެ. ސާވޭގައި ބައިވެރިވި މީހުން ބުނެފައިވާ ގޮތުގައި ރިޔާސީ އިންތިހާބަކީ ހާސްކަމުގެ ސަބަބަކަށްވީ އެ އިންްތިހާބުގެ ނަތީޖާ ނުކުމެދާނެ ގޮތް ލަފާކޮށްލަން ވެސް ނޭނގޭތީއެވެ.

ދަ އެޓްލާންޓިކްގައި ބުނެފައިވާ ގޮތުގައި ސިޔާސީ ކަމެއްގައި އެމެރިކާގައި އެފަދަ ބޮޑު ހާސްކަމެއް މީގެ ކުރިން އުފެދިފައި ވަނީ 1903 ވަނަ އަހަރުއެވެ. އެެއީ ޒަމާނީ ތަރައްގީއަށް ބޭނުންވާ އާދަޔާ ހިލާފު ބޮޑެތި ބަދަލުތަކެއް އެގައުމަށް ގެންނަން މަސައްކަތް ކުރި އަހަރެކެވެ. ހާސްކަމުގެ އެއް ސަބަބަކީ އެ ބަދަލުތަކެވެ. އަނެއް ސަބަބަކީ އޭރު ހުންނެވި ރައީސް މެކްކިިންލޭ އަވަހާރަކޮށްލުމެވެ.

މިހާރު ފެންނަން އެއޮތް މަޝްހޫނު ޕެނަމާ ކެނަލް ބިނާކުރުމަށް ޓަކައި ކޮލަންބިއާގެ ވެރިކަމުގެ ދަށުން ޕެނަމާ ވަކިވާން އެމެރިކާއިން އެހީތެރިވީވެސް އެއަހަރުއެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ރިޔާސީ އިންްތިހާބުގެ ހާސްކަން މިފަހަރު އެންމެ ބޮޑުވި އަނެއް ސަބަބަކީ އެ އިންްތިހާބަށް ކުރަމުން ދިޔަ ކެމްޕޭންތަކުގެ މައުލޫމާތު ވަގުތުން ވަގުތަށް ގޭގޭގެ ސިޓިންް ރޫމްތަކަށާއި މީހުންގެ ފޯނުތަކަށް ލިބެމުން ދިއުމެވެ. އެގޮތުން ޓީވީ ހުޅުވައިލިޔަސް ފެންނަނީ އިންތިހާބާ ބެހޭ ހަބަރެވެ. ސޯޝަލް މީޑިއާ ބޭނުންކުރާ ކޮންމެ ފަހަރަކު މުޅި ނިއުސްފީޑްގައި ވެެސް އޮންނަނީ އެވާހަކަތަކެވެ.

ސިޔާސީ ނުތަވަސްކަމުން މީހުންނަށް ނަފުސާނީ އަސަރުތަކެއް ކުރަނީ އެއް ފަހަރާ ވިސްނަން ޖެހޭ ބޮޑެތި ކަންތައްތައް މާ ގިނަ ވުމެވެ. އެމެރިކާގައި 1903 ވަނަ އަހަރު ކަންތައް ހިނގީ އެގޮތަށެވެ. އެގޮތުން އެމީހުން އޭރު ވިސްނަން ޖެހުނީ ސިޔާސީ ގޮތުންނާއި ތަރައްގީގެ ގޮތުން އައި ވަރަށް ބޮޑެތި ބަދަލުތަކަކާ މެދުގައެވެ. އޭގެ ތެރޭގައި ސްޓީމް އިންޖީނު ބޭނުންކުރަން ފެށުމާއި ނޫސްވެރިކަން ފުޅާވެ މިނިވަަން ވުމާއި އަންހެނުންނަށް ވޯޓުލުމުގެ ފުރުސަތު ލިބުން ހިމެނެއެވެ.

އެެމެރިކާގެ މި ތަޖުރިބާއަށް ވިސްނާލާއިރު މިހާރު ރާއްޖޭގައި މިއޮތް ހާލަތުގެ ސަބަބުން ވެސް މީހުންނަށް މިފަދަ އަސަރުތަކެއް ކުރާނެ ކަމަށް ލަފާ ކުރެވެއެވެ. އެކަން ކަށަވަރު ކުރެވޭނީ މިތަނުގައި ވެސް ސާވޭތައް ކޮށްގެންނެވެ. ގައިމުވެސް ބަދަލުތައް އައިސްފައި މިވަނީ މީހުނަށް ތަހަމައްލް ކުރެވޭ ވަރަކަށް ނޫނެވެ.

ޝަރުއީ ނިޒާމަށް ބަލައިލުމުން ފެންނަނީ ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން އޮތް ފަދަ ކަންތައްތަކެކެވެ. މަލްޓި ޕާޓީ ޑިމޮކްރަސީއަށް ރާއްޖެ ބަދަލު ނުވާ އެ ދުވަސްވަރު، ސަރުކާރުން މީހަކާ ދެކޮޅަށް ދައުވާއެއް އުފުލައިފި ނަމަ، އެ ދައުވާ ސާބިތު ނުވެ ދިއުމަކީ ނާދިރު ކަމެކެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވައްކަން ކުރެއްވި ކަމަށް ސާބިތުވި ހާދިސާއަކީ މީގެ މިސާލެކެވެ. ރޫޅައިލުމުގެ މަސައްކަތް ހިނގަމުން ދަނިކޮށް ވެލާނާގޭގައި ހުރި ބައެއް ތަކެތި ނަޝީދު ގެންދެވީ ސަރުކާރުގެ އިސް ބޭފުޅުންގެ ހާޒިރުގައި އެބޭފުޅުންގެ ހުއްދައާ އެކުގައި ކަން ސާބިތުވާ ލިޔެކިއުންތައް ހުއްޓެވެ. ނަމަވެސް ނަޝީދުގެ މައްޗަށް ކުށް ސާބިތުވިއެވެ.

ސިޔާސީ މަޝްރަހަށް ވިސްނައިލިޔަސް ފެންނަނީ ހަމަ މިފަދަ ބަދަލެކެވެ. ޚުދުމުޚުތާރު ވެރިކަމެއް 30 އަހަރު ވަންދެން ކުރައްވާފައި ވަކިވެވަޑައިގެންނެވި ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމު މިހާރު ހުންނެވީ ރާއްޖޭގެ ޑިމޮކްރަސީގެ ބާނީ ކަމަށް ދައުވާ ކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަތްޕުޅުގައި ހިތްޕަވައިގެންނެވެ.

ރާއްޖޭގައި ހިޔާލުފާޅުކުރުމާއި އެއްވެ، އުޅުމުގެ މިނިވަން ކަމަށް ވެސް ވެފައި ވަނީ މިފަދަ ގޮތެކެވެ. މިހާރު އަމުލުކުރަމުންދާ ގާނޫނުތަކާއި ގާނޫނުތައް މާނަކުރާ ގޮތުގެ ސަބަބުން މިނިވަން ކަމާ އެކު އެެއްވެ އުޅެވެނީ "ސަރުކާރު ޕާޓީ"ގެ މީހުންނަށް އެކަންޏެވެ. އެހެން ބަޔަކު ނުކުމެއްޖެ ނަމަ މިރުސް ދުން ޖަހައި ރޫޅާލަނީ އެކަންޏެއް ނޫނެވެ. އެތައް ބަޔަކު ހައްޔަރުކޮށް ދައުވާތައް އުފުލައެވެ.

ހާސްކަން ބޮޑުވެ، އެކަމަށް ކެތް ނުކުރެވޭ ހާލަަތަށް ދިއުމަށް ނަފުސާނީ އިލްމުގައި ކިޔައި އުޅޭ ނަމަކީ " ނިއުރަސްތީނިއާ" އެވެ. އެކަމަށް ދޭ ފަރުވާތަކެއް ވެސް ހުރެއެވެ. ދަ އެޓްލާންޓިކްގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެމެރިކާގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެކަން ޖެހުނު މީހުންނަށް ދިންް އެއް ފަރުވާއަކީ ހުރިހާ ކަމަކުން ދުރުުކޮށް، "ބެޑް ރެސްޓް" ގައި ބޭތިއްބުމެވެ. ބައެއް މީހުން މަހެއްހާ ދުވަހު ވެސް ބޭތިއްބިއެވެ. އެގޮތަށް ތިބޭ އިރު ތިބެން ޖެހެނީ ނޫސްވެސް ނުކިޔައެވެ. ރާއްޖޭގައި މިހާރު އުފެދިފައި މިއޮތް ސިޔާސީ ނުތަވަސް ކަމަކީ ނިއުރަސްތީނިއާއަށް މަގުފަހިވާ ފަދަ ކަމެކެވެ. ނަމަވެސް މިކަން ފުޅާވެ، އެންމެން ބެޑްރެސްޓަށް ދާން ނުޖެހެނީސް އަލިމަގެއް ފެންނާނެ ކަމަށް އުއްމީދު ކުރަމާ ހިނގާށެވެ.