ރިޕޯޓް

އެއާޕޯޓްގެ ތަރައްގީ އަވަސް ކުރަން ޖެހިފައި!

ދާދި ފަހުން، އެނބޫދޫ ފިނޮޅުގައި ތައިލެންޑުގެ އެންމެ ބޮޑު އެއް މަހުޖަނު އެވަނީ ބިޔަ އިވެސްޓްމަންޓެއް ކޮށްފަ އެވެ. މިއީ ލައްކަ ފައިސާ އެވެ. އަދަދު ގުނާމަ ބިލިއަން ޑޮލަރުން މައްޗެވެ. އޭނާ މި އިންވެސްޓްމަންޓް ކުރުމުގެ މައިގަނޑު އެއް ސަބަބަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރެވޭނެ ކަމުގެ ޔަގީންކަމެވެ. މިއީ ކުޑަ މިސާލެކެވެ. ރާއްޖެ އަށް އިންވެސްޓް ކުރަން އަންނަ ކޮންމެ ވިޔަފާރިވެރިއެއްގެ ނަޒަރު ވެސް މިހާރު ހުއްޓިފައި ވަނީ އެއާޕޯޓަށެވެ. ސުވާލަކީ އެއާޕޯޓު ތަރައްގީ އަވަސް ކުރުން ރާއްޖެ އަށް މުހިންމުވަނީ ކީއްވެގެން ހެއްޔެވެ؟

"އަހަރެމެން ރާއްޖޭގައި އިންވެސްޓް ކުރަން ފުރަތަމަ ވެސް ބެލީ އެއާޕޯޓަށް. އެއާޕޯޓު ހެދޭނެ ކަމުގެ ޔަގީންކަން ލިބުނީމަ މި އިންވެސްޓް ކުރީ،" ތައިލެންޑުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސިންގްހާގެ ޗީފް އިންވެސްޓްމަންޓް އޮފިސަރު ޓީޓި ތޮންގްބެންޖަމަސް ވިދާޅުވި އެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ ވާހަކަ ދައްކާއިރަށް ފުރަތަމަ ވެސް ހިތަށް އަންނާނީ އިންޑިޔާގެ ޖީއެމްއާރު ކުންފުންޏެވެ. އެ ކުންފުނިން އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގި މަޝްރޫއެވެ. ނަމަވެސް އޭރުގެ ސިޔާސީ މީހުންގެ "ބާރު އެޅުމާއެކު" ޖީއެމްއާރުން ވަނީ މަސައްކަތް ހުއްޓާލާފައި ގައުމަށް ގޮސްފަ އެވެ. އަދި އޭގެ ފަހުން އެއާޕޯޓު މުސްކުޅިވެ، ހަލާކު ވަމުން ދަނިކޮށް އަނެއްކާ ވެސް މިވަނީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށިފަ އެވެ.

މިހާރު ވީއައިއޭގައި ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި، އެކު އެކީގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން މުޅި މަޝްރޫއުގެ ޖުމްލަ އަގު އެއް ބިލިއަން ޑޮލަރަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ. އަދި މީގެ ބޮޑު ބައެއް ހިނގަނީ އެކި މާލީ ވުޒާރާތަކާއި ގައުމުތަކުގެ ލޯނު ނަގައިގެންނެވެ.

ރަންވޭ- ބީޔޫސީޖީ އިން

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 60 މީޓަރު ހުންނަ ޒަމާނީ ރަންވޭގައި 200 މިލިމީޓަރު ބޯމިނުގައި ފައުންޑޭޝަން އަޅާނެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުންނެވެ. އާ ރަންވޭ އަޅަނީ އާދައިގެ ކުންފުންޏެއްް ނޫނެވެ. މި މަސައްކަތް ކުރަނީ ދުނިޔޭގައި ވެސް އޮތް މި ބާވަތުގެ މަސައްކަތް ކުރުމަށް އެންމެ ގާބިލް އެއް ކުންފުނި ކަމަށްވާ، ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އިން އެވެ.

ރަންވޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކައި ނިމި، މިހާރު ވަނީ ޝީޓް ޕައިލް ކުރަން ފަށާފަ އެވެ. މި މަސައްކަތް ކުރުމަށް 62 ހެކްޓަރު ވަނީ ހިއްކާފަ އެވެ.

އާ ޕެސެންޖަރު ޓާމިނަލް- ބިންލާދީން ގްރޫޕުން

މި މަސައްކަތް ކުރަނީ ސައޫދީ އަރަބިއްޔާގެ ކުންފުންޏެއް ކަމަށްވާ ސައޫދީ ބިންލާދިން ގްރޫޕުންނެވެ. މިހާރު ޓާމިނަލްގެ މަސައްކަތް ފަށަން ބޭނުންވާ ބިން ހުސްކޮށް، ޓާމިނަލް ފަރުމާކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ. މި އެއާޕޯޓު ސަރުކާރުން ތަރައްގީ ކުރަނީ ގާތްގަނޑަކަށް ހަތް މިލިއަން ޓޫރިސްޓުންނަށް މަރުހަބާ ކިޔޭނެ ވަސީލަތްތަކާއެކުގަ އެވެ.

އެއާޕޯޓްގެ އުސްއަލިތައް:

- އާ ޓާމިނަލްގެ ބޮޑުމިން: 90،000 އަކަ މީޓަރު
- ދަތުރުވެރިންގެ އަދަދު: 7.2 މިލިއަން
- އާ ރަންވޭގެ ދިގުމިން: 3400 މީޓަރު
- އާ ރަންވޭގެ ފުޅާމިން: 60 މީޓަރު
- އަލަށް ހަދާ ފިއުލް ފާމްގެ ކެޕޭސިޓީ: 48 މިލިއަން ލީޓަރު
- ޓާމިނަލްގައި ބަހައްޓާ އެއިރޮބްރިޖްގެ އަދަދު: 9
- 40 ޑީޕާޗާ ގޭޓް
- 38 އިމިގްރޭޝަން ކައުންޓަރު
- ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
- ޒަމާނީ ބެގޭޖް ސްކްރީނިން ބެލްޓްތައް
- ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
- ފިއުލް ހައިޑްރެންޓް ސިސްޓަމް

މީގެ އިތުރުން ވެސް ފިއުލް އާއި ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރެވޭނެ ވަސީލަތްތައް ވެސް މިތަނުގައި ތަރައްގީ ކުރާނެ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި މި މަސައްކަތްތަކުގެ އިތުރުން ވެސް މިހާރު ކުރާ މަސައްކަތްތަކުން އެއާޕޯޓަށް ދުވާލަކު 1.3 މިލިއަން ރުފިޔާ އިންވެސްޓް ކުރެ އެވެ.

"އަޅުގަނޑުމެންނާ ހަވާލުވިއިރު އެއާޕޯޓްގެ ރަންވޭ އޮތީ ހަލާކުވެފައި. އުތުރުކޮޅުގެ އެޕްރޮންގެ މަސައްކަތް ނުކޮށްފިނަމަ ޓޫރިޒަމް އިންޑަސްޓްރީ އަށް ބޮޑެތި ގެއްލުންތަކެއް ވާނެ. އަދި ކުރީގެ ޕްލޭނަށް ބަލާނަމަ ރަންވޭއެއް އެޅޭނެ ގޮތެއް ނެތް،" ސައީދު ވިދާޅުވި އެވެ.

ކޮންމެއަކަސް ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާރު މުހިންމުކަން ބޮޑުވެފައިވަނީ މި މަސައްކަތް އަވަހަށް ނިންމުމެވެ.