އުތުރު ކޮރެއާ ގެ ލީޑަރު ކިމް ޖޮންގް އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް މެލޭޝިޔާ އެއާޕޯޓްގައި ވިހަލައި މަރާލި މައްސަލަ ހޫނުވެފައިވަނިކޮށް، އުތުރު ކޮރެއާގެ ޖާސޫސީ އެޖެންސީއެއް، މެލޭޝިއާގައި ހިންގަމުން ދާކަން ފަޅާއަރައިފި އެވެ.
އދ އިން ކުރި ތަހުގީގުތަކަކަށް ފަހު އާންމު ކުރި ރިޕޯޓެއްގައިވާ ގޮތުގައި، މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގެ ކުޑަ އަވަށެއް ކަމަށް ވާ "ލިޓްލް އިންޑިއާ" ގައި ހިންގަމުން އަންނަ، މުވާސަލާތީ ކުންފުންޏެއް ކަމަށްވާ، "ގްލޯ ކޮމް" އަކީ އުތުރު ކޮރެއާ ގެ ޖަސޫސީ އިދާރާގެ އޮފީހެއްގެ ގޮތުގައި އޮޕަރޭޓް ކުރަމުން އަންނަ ކުންފުންޏެކެވެ.
މި ކުންފުނީ ގެ ލިޔެކިޔުންތަށް ތަހުގީގު ކުރުމަށް ފަހު އދ އިން ބުނެފައި ވަނީ އެ ކުންފުނީގެ ހަރަކާތްތަކަކީ، އދ އިން ހަދާފައިވާ އަސާސީ ގަވާއިދު ތަކާ ހިލާފުވާހެން ނުހަމަ ގޮތުގައި ހަނގުރާމަމަތީ މުވާސަލާތީ ވަސީލަތްތައް ވިއްކައި އޭގެ ވިޔަފާރި ކުރާ ބައެއްކަން ސާބިތުވާ ކަމަށެވެ. މި ގޮތުން އެ ކުންފުނީގެ މެލޭޝިއާގެ ވެބްސައިޓްގައި އެފަދަ 30 ރޭޑިއޯ ކޮމިޔުނިކޭޝަން ސިސްޓަމެއްގެ އިޝްތިހާރު ވަނީ ކޮށްފަ އެވެ. އަދި ޗައިނާ އިން އެރީޓްރިއާ އަށް ވައިގެ މަގުން ފޮނުވި މުދާތަކެއް ހުއްޓުވައި ބެލި އިރު، ގްލޯކޮމްގެ ޕެކޭޖިންގައި ހުރި، ހަނގުރާމަމަތީ 45 ރޭޑިއޯ ސިސްޓެމް ވަނީ ފެނިފަ އެވެ.
މެލޭޝިޔާގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ އެ ރިޕޯޓްގައިވާ ގޮތުގައި، "ގްލޯކޮމް"ގެ ނަމުގައި އެ ގައުމުގައި ކުންފުންޔެއް ރަޖިސްޓްރީކޮށްފައިވާ ކަމަށް ރިކޯޑްތަކަކުން ނުދައްކަ އެވެ. އެހެން ނަމަވެސް، އެ ކުންފުނީގެ ވެބްސައިޓް އުފެއްދުމާބެހޭ ލިޔެކިޔުން ތަކުގެ އަލީގައި އެ ކުންފުޔަކީ އުތުރު ކޮރެއާގެ ބޮޑު ހިއްސާއެއް އޮންނަ މެލޭޝިއާގެ ދެ ކުންފުންޔެއްގެ ނަންމަތީގައި އޮޕަރޭޓް ކުރަމުން އަންނަ ތަނެއް ކަމަށް ވެސް ތަހުގީގަށް ވަނީ ހާމަވެފަ އެވެ.
މި މަހުގެ 13 ގައި އުތުރު ކޮރެއާގެ ލީޑަރު ގެ އެއްބަފާ ބޭބެ މެލޭޝިޔާ އެއާޕޯޓްގައި މަރާލުމުގެ ކުރިން، މެލޭޝިއާއަކީ އުތުރު ކޮރެއާ އާ ގާތް ގުޅުމެއް އޮންނަ މަދު ގައުމު ތަކުގެ ތެރެއިން ގައުމެކެވެ.