މީޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަށް ވެސް ކަމުދާ ބައެއް މީޑިއާތައް ހުރެ އެވެ. ފޮކްސް ނިއުސް އަކީ އެފަދަ އެއް އެޖެންސީ އެވެ.
ފޮކްސް ނިއުސް އިން ހެނދުނު ގެނެސްދޭ "ފޮކްސް އެންޑް ފްރެންޑްސް" އާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެޝޯއަކީ " އެންމެ ތެދުވެރި މޯނިން ޝޯ" ކަމަށެވެ.
ނަމަވެސް ފޮކްސް ނިއުސްގެ ޕްރޮގްރާމްތައް ބައްލަވައިގެން ޓްރަމްޕަށް ވަނީ ވަރަށް ބޮޑު ގޯހެއް ހެއްދެވިފަ އެވެ. އެއީ ޔޫރަޕްގެ އެންމެ ކުރިއަރާފައިވާ އެއް ގައުމުކަމަށްވާ ސްވިޑުންގައި ޓެރަރިސްޓް ހަމަލާއެއް ދިން ކަމަށް ވިދާޅުވެ، ޖަލްސާއެއްގައި ވާހަކަ ދެއްކެވުމެވެ. ފްލޮރިޑާގައި ޓްރަމްޕަށް ތާއީދުކުރާ އެތައް ހާސް ރައްޔިތުންނެއްގެ ކުރިމަތީގައި އޭނާއަށް ވިދާޅުވެވުނު އިތުރުފުޅުގެ ސަަބަބުން ބައިނަލް އަގުވާމީ މުޖުތަމައަށް ވަރަށް ބޮޑު އޮޅުމެއް އެރި އެވެ.
ޓްރަމްޕަށް ހެއްދެވުނު ގޯސް އެއީ ގޯހެއް ނޫން ކަމަށް ހެދުމަށް ފޮކްސް ނިއުސް އިން މަސައްކަތް ކުރި އެވެ. ހިޖުރަކުރާ މީހުން ސްވިޑުންގައި ޖަރީމާތައް ހިންގާ ކަމަށް ބުނެ ވާހަކަ ދައްކާ މީހަކު އެ އެޖެންސީ އިން ހޯދި އެވެ. ނިލްސް ބިޑްޓް ނަމަކަށް ކިޔާ، އެމީހާ ފޮކްސްގެ ނިއުސްގެ އެންކާ، ބިލް އޮރިއަލީގެ "ދަ ބިލް އޮރިއަލީ ފެކްޓާ" ޝޯގައި ތައާރަފްކޮށްދީފައި ވަނީ ސްވިޑުންގެ ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މަސައްކަތް ކުރާ ބޭފުޅެއްގެ ގޮތުގަ އެވެ.
"މިމީހުން (ރެފިއުޖީން) މުޖުތަމައަށް އަހުލުވެރިކުރަން ސްވިޑުންގައި އަހަރެމެން ވަނީ ނުކުޅެދިފައި. މިކަންތައްތަކާ ބެހޭ ގޮތުން ތެދުވެރިކަމާ އެކު ފާޅުގައި ވާހަކައެއް ނުދެއްކޭ،" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
އެމީހާގެ އޮތީ އެންމެ މައްސަލައެކެވެ. ސްވިޑުން ސަރުކާރުގެ އެކަކުވެސް އޭނާގެ ވާހަކަ ކުުރިން އަޑު އަހާފައި ނުވުމެވެ.
"މިއީ (ސަރުކާރަށް) އިނގޭ މީހެއް ނޫން،" ސްވިޑުންގެ ފޮރިން މިނިސްޓްރީގެ ޕްރެސް އޮފިސަރެއް ކަަމށްވާ ކެޓަރިނާ އެކްސެލްސަން ސީއެންއެންއަށް ބުނެފައި ވެއެވެ.
ސްވިޑުންގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު މެރިނެޓޭ ނީހް ރާޑެބޯ ބުނީ ބިޑްޓް އަކީ ސްވިޑުން ސަރުކާރުގައި އަދި އެގައުމުގެ ހަތިޔާރުއެޅި ލަޝްކަރުތަކުގައި މަަސައްކަތްކޮށްފައިވާ މީހެއް ނޫން ކަަމަށެވެ.
ދަ ނިއުޔޯކް ޓައިމްސް އިން ހޯދި ކޯޓް ޑޮކިއުމެންޓްތަކަކުން ކަށަވަރުވެފައިވާ ގޮތުގައި އޭނާއަކީ ކުށުގެ ރެކޯޑް އޮތް މީހެކެވެ. އަދި ސްވިޑުން އިން ހޯދި ލިޔެކިއުންތަކުން އެނގިފައިވާ ގޮތުގައި އޭނާއަކީ އެމެރިކާއަށް ހިޖުރަކޮށް އަމިއްލައަށް ނަންވެސް ބަދަލުކޮށްފައިވާ މީހެކެވެ. ފޮކްސް އިން ގެނެސްދިން އެޑްވައިޒަރަކީ ފޭކް އެޑްވައިޒަރެއްކަން ފަޅައި އެރުމުން އޮރިއަލީ ބުނެފައި ވަނީ އެކަމާ ގުޅިގެން އޭނާއަށް އަމާޒުވި ފާޑުކިއުމަކީ ރަނގަޅު ފާޑުކިއުމެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ފޮކްސް ނިއުސް އިން އަދި އެކަމަށް މައާފަށް އެދިފައެއް ނުވެ އެވެ.