ދުނިޔެ

ބޭރުގެ އިންވެސްޓްމެންޓް ތަކާ އެކު މެލޭޝިއާގައި ވެސް ހިޔާލުތަފާތުވުން

ސައުދީ ޝާހީ ޚާންދާނުން ފ. އަތޮޅުގައި ބިލިޔަން ޑޮލަރު އިންވެސްޓް ކުރަން އުޅޭ ކަމުގެ ވާހަކަތައް ފެތުރުމާ އެކު ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބުނަން ފެށީ އެއީ ރާއްޖޭގެ ސިޔާދަތަށް ގެއްލިގެން ދާވަރުގެ ކަމެއް ކަމަށެވެ. ސައުދީން ފ. އަތޮޅުގައި އިންވެސްޓް ކުރާނެކަން ސަރުކާރުން ގާތް ގަނޑަކަށް ކަށަވަރު ކޮށްދިނުމާއި ސައުދީ ރަސްގެފާނު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވަން ހަމަ ޖެހުމަކީ އެވާހަކައިގެ އަޑު ގަދަވި ސަބަބެކެވެ. ރާއްޖެއާ ގާތް ގުޅުމެއް އޮންނަ މެލޭޝިއާ ގައި ވެސް ފޮރިން އިންވެސްޓްމެންޓް ތަކާ ގުޅިގެން އުފެދިފައި ވަނީ އެކަހަލަ ކަންތައް ގަނޑެކެވެ.

ސިޔާދަތަށް ގެއްލުންވާ ވާހަކަ މެލޭޝިއާގައި ފެތުރުނީ ޗައިނާއިން އެގައުމުގައި ކުރި އިންވެސްޓްމެންޓަކާ ގުޅިގެންނެވެ. އެސުވާލު އުފެއްދެވީ އާދައިގެ ބޭފުޅެއް ވެސް ނޫނެވެ. އެގައުމުގެ ބޮޑުވަޒީރުކަން ދިގު މުއްދަތެއްގައި ކުރައްވައި، ރައްޔިތުންގެ ލޯބި ހޯއްދަވައިގެން ހުންނެވި ޑރ. މަހާތީރު ބިން މުޙައްމަދެވެ.

މެލޭޝިއާ ސަރުކާރަށް މަހާތީރު ފާޑު ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ދެވަނަ ދުވަހު މެލޭޝިއާގެ ކުންފުނިތަކާއި ޗައިނާގެ ކުންފުނިތަކާ ދެމެދު 10 އެއްބަސްވުމެއްގައި ސޮއިކުުރުމުންނެވެ. އެ އެއްބަސްވުންތަކަކީ ބަނދަރުތައް ބިނާކުރުމާއި ފެން އުފައްދާ ޕްލާންޓްތައް ގާއިމްކުރުމާއި ސޯލާ ޕެނަލް އުފެއްދުމުގެ މަޝްރޫއުތައް ހިންގުމުގެ އެއްބަސްވުންތަކެކެވެ.

މަހާތީރު ވިދާޅުވީ އެ އެއްބަސްވުންތަކުގެ ސަބަބުން މެލޭޝިއާގެ ސިޔާދަތު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.

މަހާތީރުގެ ވާހަކަފުޅަށް މެލޭޝިއާ ސަރުކާރުން އޭރު ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. އެގައުމުގެ ބޮޑުވަޒީރުގެ ނައިބު ޑރ. އަހުމަދު ޒާހިދު ހަމީދީ އޭރު ވިދާޅުވީ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓްތަކަށް ޖާގަ ދޭނީ ގައުމުގެ މަސްލަހަތަށް ރިއާޔަތްކޮށްގެން ކަމަށެވެ. އަދި އެނޫން ގޮތަކަށް ވެދާނެ ކަމަށް ދެކޭ ދެކުންތައް ޖެހޭނީ އަޅައިނުލައި ދޫކޮށްލަން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މަހާތީރަށް ރައްދު ދެއްވަމުން މެލޭޝިއާގެ ޓޫރިޒަމް މިނިސްޓަރު ނަޒްރީ އަޒީޒު ވިދާޅުވެފައި ވަނީ މަހާތީރު އެދިވަޑައިގަންނަވަނީ ބޮޑުވަޒީރު ނަޖީބު ރައްޒާގަށް ނާކާމިޔާބުވުމަށް ކަމަށެވެ.

" އޭނާ ހިތްހަމައެއް ނުޖެހޭ. އޭނާ ރުޅިވެރި އަދި ހަސަަދަވެރި" ނަޒްރީ އޭރު ވިދާޅުވެފައި ވެއެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދު މެލޭޝިއާއަށް ވަޑައިގެންނެވުމުން ސިޔާދަތުގެ ވާހަކަ އަނެއްކާވެސް ވަނީ ފެށިފަ އެވެ. ސައުދީ އާރަމްކޯއާއި މެލޭޝިއާގެ ޕެޓްރޮނާސް ކުންފުނިން ސޮއިކުރަން ތައްޔާރުވެފައިވާ ހަތް ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓް އެއްބަސްވުމަށް މަހާތީރު އަދި ފާޑުވިދާޅެއް ނުވެ އެވެ. ނަމަވެސް ބޮޑުވަޒީރު ނަޖީބު ރައްޒާގު ވަނީ އެޑްވާންސްކޮށް މަހާތީރަށް ރައްދު ދެއްވާފަ އެވެ.

އެ އިންވެސްޓްމެންޓާ ބެހޭ ގޮތުން މީޑިއާއި ވާހަކަފުޅު ދައްކަވަމުން ނަޖީބު މިއަދު ވިދާޅުވެފައި ވަނީ އެއީ އިންވެސްޓްމެންޓެއް ކަމަށާއި ސިޔާދަތާ ބެހޭ ގޮތުން ސުވާލެއް ނުއުފެދޭނެ ކަމަށެވެ.

"ޗައިނާއިން އިންވެސްޓްމެންޓެއް ލިބުމުން އެގައުމަށް އަހަރެމެންގެ ސިޔާދަތު ވިއްކައިލި ކަމުގެ ތުހުމަތު އެޅުނު. ކަންތައްތައް އޮޅުވައިލާ މީހުން ސައުދީގެ މި އިންވެސްޓްމެންޓާ މެދު ބުނާނީ ކީކޭ ބާއޭ ހިތަށް އަރާ؟ މިއީ އަހަރެމެންގެ ސިޔާދަތާ މެދު ސުވާލު އުފެދޭ ކަމެއް ނޫން. މިއީ އިންވެސްޓްމެންޓެއް،" ސައުދީ ޝާހީ ޚާންދާނާ ގާތް ގުޅުމެއް އޮންނަ ނަޖީބު ވިދާޅުވި ކަމަށް ސްޓާ އޮންލައިންގެ ހަބަރުގައި ވެއެވެ.