އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް އިންތިހާބު ކުރަން ރަޝިޔާއިން މަސައްކަތް ކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން އެމެރިކާ ޕާލަމެންޓްގެ އިންޓެލިޖެންސް ކޮމިޓީން އެއްބަސްވެއްޖެއެވެ.
އެމައްސަލަ ތަހުގީގު ކުރަން އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން އެދެމުން ދިޔަ ނަމަވެސް ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ޕާލަމެންޓް މެމްބަރުން ކުރިން ދިޔައީ އެކަމަށް ފަސް ޖެހެމުންނެވެ.
އެމެރިކާ ޕާލަމެންޓްގެ އިންޓެލިޖެންސް ކޮމިޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތަހުގީގު ކުރުމަށް ކޮމިޓީގެ ރިޕަބްލިކަން ޗެއާމަން ޑެވިން ނިއުންސް އާއި ޑިމޮކްރެޓިކް މެމްބަރު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. ތަހުގީގުގައި ޖަވާބު ހޯދަން މަސައްކަތް ކުރާނެ ސުވާލުތައް ވެސް އެބަޔާނުގައި ހާމަކޮށްފައި ވެއެވެ. ޖަވާބު ހޯދަން މަސައްކަތް ކުރާނެ ސުވާލު ތަކަކީ:
- އެމެރިކާ އާއި އެގައުމުގެ ބައިވެރިންނަށް އަމާޒުކޮށްފައި ވަނީ ކޮންކޮން ސައިބާ ހަރަކާތްތަކެއްތޯ؟
- ރަޝިޔާއިން ހިންގި ހަރަކާތްތަކުގެ ތެރޭގައި އެގައުމާއި އެމެރިކާގެ ސިޔާސީ ކެމްޕެއިންތަކާ ނުވަތަ އެމެރިކާގެ މީސްމީހުންނާ އޮތް ގުޅުންތަކެއް ހިމެނޭތޯ؟
- ރަޝިޔާއިން ހިންގި ހަރަކާތްތަކަށް އެމެރިކާ ސަރުކާރުން ދީފައި ވަނީ ކޮން ރައްދެއްތޯ އަދި ކުރިމަގުގައި އެމެރިކާއާއި އެމެރިކާގެ ބައިވެރިން ރައްކާތެރިކުރަން ކުރަންވީ ކޮން ކަމެއްތޯ؟
- އިންޓެލިޖެންސުން އެމައްސަލަ ބަލަން ކުރި މަސައްކަތާ ގުޅުން ހުރި ސިއްރު ލިޔެކިއުންތަކުގެ ތެރެއިން ލީކްވެފައި ވަނީ ކޮންކޮން ލިއުންތަކެއްތޯ؟
ރަޝިޔާއާ ބެހޭ ގިނަ މައްސަލަތަކެއް ކުރިން ވެސް ތަހުގީގުކޮށްފައިވާ ކޮމިޓީން ބުނެފައި ވަނީ މިފަހަރުގެ ތަހުގީގު ފުޅާކޮށް، އެކަމުގައި ނުފުރޮޅާ އެންމެ ގާކޮޅެއް ވެސް ނުބާއްވާނެ ކަމަށެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ޓްރަމްޕަށް ކާމިޔާބުކޮށްދޭން ރަޝިޔާއިން މަސައްކަތް ކުރި ކަމަށް ދައްކާ ވާހަކަ ޓްރަމްޕް ވަނީ ތަކުރާރުކޮށް ދޮގުކުރައްވާފައެވެ. އަދި އޭނާގެ ކެމްޕޭނުގައި އިސްކޮށް އުޅުނު މީސްމީހުންނާ ރަޝިޔާ ސަރުކާރާ ގުޅުން އޮތް ކަމަށް ދެކެވޭ ވާހަކަތައް ވެސް އޭނާ ވަނީ ދޮގުކުރައްވާފައެވެ. - ބީބީސީ