ދުނިޔެ

އުތުރު ކޮރެއާ ސަފީރު މެލޭޝިއާއިން ބޭރުކޮށްލައިފި

Mar 5, 2017

މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ ސަފީރު އެ ގައުމުގައި ހުންނެވުމުގެ ހުއްދަ ބާތިލުކޮށް، 48 ގަޑި އިރުގެ ތެރޭގައި އޭނާ މެލޭޝިއާއިން ފުރާވަޑައިގެންނެވުމަށް އެ ގައުމުގެ ސަރުކާރުން އަންގައިފި އެވެ.

އުތުރުކޮރެއާ ސަފީރު ކާން ޗޯލް މެލޭޝިއާއިން ފުރާވަޑައިގެންނެވުމަށް އެ ގައުމުން އެންގީ އެގައުމުގެ ފޮރިން މިނިސްޓްރީއަށް އޭނާ ހާޒިވުމަށް އެދުމުން އެކަމަށް އިޖާބަ ނުދެއްވުމުންނެވެ. މިއީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބޭބެ ކިމް ޖޮން ނަމް މެލޭޝިއާގައި މަރައިލުމުން މެލޭޝިއާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯސްވި ފަހުން މެލޭޝިއާއިން އެޅި އެންމެ ހަރުކަށި ފިޔަވަޅެވެ.

ކާން މެލޭޝިއާއިން ފޮނުވައިލުމަށް އެ ގައުމުން ނިންމުމުގެ ކުރިން އޭނާ ވަނީ މެލޭޝިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ކިމް ޖޮން ނަމް މަރާލާފައި ވަނީ މަނާކޮށްފައިވާ ހަތިޔާރެއް ކަމަށްވާ ނާވް އޭޖެންޓް ބޭނުންކޮށްގެން ކަމަށް މެލޭޝިއާ ފުލުހުން ބުނި ބުނުމާއި މެދު ސުވާލު އުފައްދަވައި އޭނާ ވަނީ ބަޔާނެއް ނެރުއްވާފަ އެވެ. އެބަޔާނާ ގުޅިގެން އޭނާ މައާފަށް އެދިވަޑައިގެންނެވުމަށް މެލޭޝިއާ ސަރުކާރުން އެދުނެވެ. ނަމަވެސް އެކަަމަށް ވެސް ކާން ވަނީ އިޖާބަ ނުދެއްވާފަ އެވެ.

"ގައުމަށް ކުރާ ކޮންމެ ފުރައްސާރައަކަށް، އަދި ގައުމުގެ އަގު ވައްޓައިލަން ކުރާ ކޮންމެ މަސައްކަތަކަށް މެލޭޝިއާއިން ވަރުގަދައަށް ރައްދުދޭނެ. މިކަން ސާފުވާން ޖެހޭ،" އުތުރުކޮރެއާ ސަފީރު ބޭރުކޮށްލަން ނިންމި ކަން އިއުލާންކުރައްވައި މެލޭޝިއާގެ ފޮރިން މިނިސްޓަރު އާނިފާ އަމާން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އުތުރުކޮރެއާގެ ލީޑަރު ކިމްޖޮން ނަމްގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި މަރުވީ ފެބްރުއަރީމަހުގެ 13 ވަނަ ދުވަހުއެވެ. އޭނާ މަރުވީ ދެ އަންހެނަކު އޭނާގެ މޫނުގައި ވިހައެއް ހޭކިތާ ވިއްސަކަށް މިނެޓް ތެރޭގައި ކަމަށް މެލޭޝިއާ ފުލުހުން ވަނި ބުނެފައެވެ. އަދި ކިމް މަރައިލިކަމުގެ ކުށުގެ ދައުވާ އެ ދެ އަންހެނުންނާ ދެކޮޅަށް މިހާރު ވަނީ އުފުލާފައެެވެ. -- ނިއުޔޯކްޓައިމްސް