ދުނިޔެ

ކި

Apr 1, 2019

ކުއަލަ ލަމްޕޫރު (އޭޕްރީލް 1) - އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް -އުންގެ ބޭބެ ކިމް ޖޮންގް ނަމް މެލޭޝިއާގެ އެއާޕޯޓުގައި މަރާލި ކަމުގެ ތުހުމަތުކުރެވޭ ދެވަނަ އަންހެންމީހާއަށް ކޮށްފައިވާ ދައުވާ ސާބިތުވެ، އޭނާ ތިން އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

މަކޫއާ އަށް ފުރަން ގޮސް މެލޭޝިއާ އެއާޕޯޓުގައި ހުއްޓާ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކިމް މަރާލީ ވީއެކްސް ނާވް އެޖެންޓެއް އޭނާގެ މޫނުގައި ހާކައިގެންނެވެ.

ކިމް މަރާލި ކަމަށް ތުހުމަތުކޮށްފައިވާ ދެ އަންހެނުން ކަމަށްވާ ސިތި އާސިއާހް އާއި ދޯ ތި ހުއޮން، ކިމްގެ މޫނުގައި ވިހަ ހާކައި މަންޒަރު ވަނީ އެއާޕޯޓުގެ ސީސީޓީވީ ކެމެރާ ތަކަށް އަރައިފަ އެވެ.

ނަމަވެސް، ވަކި ސަބަބެއް ބަޔާންނުކޮށް، ޕްރޮސެކިޔުޓަރުންވަނީ އާސިއާހްއަށް ދައުވާ ކުރަން ބޭނުންނުވާކަމަށް ބުނެ، ދައުވާ އަނބުރާ ގެންގޮސްފައި އެވެ. އެކަމާއި ގުޅިގެން، ކޯޓުން މިނިވަންކުރުމުން އޭނާ ވަނީ އެނބުރި އިންޑޮނީޝިއާއަށް ގޮސްފައި އެވެ.

އެހެނަސް، ހުއޮންގް އަށް ކުރެވޭ ދައުވާ ކުރިއަށް ގެންދާނެކަމަށް އޮފިޝަލުން ވަނީ ބުނެފައި އެވެ.

މިއަދު ބޭއްވުނު ޝަރީއަތުގައި، ހުއޮންގް ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އެހެން ކަމުން މައްސަލަ ބެއްލެވި ފަނޑިޔާރުވަނީ އޭނާއަށް އަދަބު ލުއިކޮށްދީ ތިން އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ނަމަވެސް، އޭނާގެ އަހުލާގު ރަނގަޅު ނަމަ، އަންނަ މަހު އޭނާ މިނިވަންވާނެކަމަށް ދިފާއީ ވަކީލުން ވަނީ ބުނެފަ އެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން، މިއީ އިންސާފުވެރި ހުކުމެއް ކަމަށް އަހަރެން ގަބޫލުކުރަން،" ހުއޮންގް ނޫސްވެރިންނަށް ބުންޏެވެ.

އުތުރު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮންގް އިލް 2011 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެން ވެރިކަން ލިބެން އޮތީ ނަމް އަށެވެ. ނަމަވެސް ވެރިކަން ހޯދީ އެއްބަފާ ކޮއްކޮ ކިމް ޖޮންގް އުން އެވެ. އެ މައްސަލާގައި ނަމް ވަނީ އާއިލާއާ ދުރުވެފަ އެވެ. އަދި ކިމް ޖޮންގް އުންގެ ކިބައިގައި ލީޑަޝިޕެއް ނެތް ކަމަށް ބުނެ ނަމް ވަނީ އުތުރު ކޮރެއާގެ ލީޑަރަށް ފާޑުކިޔައިފަ އެވެ. ނަމަވެސް ވެރިކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ނެތް ކަމަށް ނަމް ފަހުން ބުނެފައިވެ އެވެ.

ކިމްގެ މަރާ އެއްވެސް ގުޅުމެއް ނެތް ކަމަށް ނޯތު ކޮރެއާ އިން ވަނީ ބުނެފަ އެވެ.