ހަބަރު

އެމްޑީޕީއިން ދެން ވިސްނަންވީ އާ ލީޑަޝިޕަކާ މެދު: އުމަރު

Mar 22, 2015
3

ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށްލާފައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ މެދު އެމްޑީޕީއިން ވިސްނުމަކީ މިހާރު ބޭކާރު ކަމެއް ކަމަށާއި މިހާރު ވިސްނަންވީ އާ ލީޑަޝިޕަކާ މެދުގައި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ދެ ބައި-އިލެކްޝަން ޕީޕީއެމްއަށް ކާމިޔާބު ކުރުމުގެ އުފަލުގައި އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި، އުމަރު ވިދާޅުވީ ނަޝީދުގެ ފަހަތުގައި އެމްޑީޕީ ހިނގުމުގެ ބޭނުމެއް ދެން ނެތް ކަމަށާއި އެކަމަށް ޓަކައި މަގުމައްޗަށް ނިކުމެ ހިނގުމުން ވާނެހާ ވެސް ކަމަކީ، "އަރައިގެން ތިބި ފައިވާންތައް، ފޫގޮސް ވަދުތައް ކަޑައިގެން ދިޔުން" ކަމަށެވެ. އޭގެ ބަދަލުގައި އެމްޑީޕީ އާ ލީޑަޝިޕަކާ މެދު ވިސްނައި އެ ޕާޓީ ރިފޯމް ކުރުން ރަނގަޅުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އެހެން ނޫނީ އެމްޑީޕީއަށް ކުރިމަގެއް ނެތް ކަމަށް އުމަރު ސިފަކުރެއްވި އެވެ.

"ސިޔާސީ ޑައިނެމިކްސް މިހާރު މުޅިން މި އޮތީ ބަދަލުވެފައި. އެކަމަށް ޓަކައި އެމްޑީޕީ އިން ވެސް ކުރަންވީ ކަމަކީ އާ ލީޑަޝިޕެއް ގެނައުމޭ. މިއީ އެކަން ކުރަންވީ ވަގުތޭ. އަޅުގަނޑުމެން ދަތުރާ މިސްރާބު އަޅުގަނޑުމެންނަށް ސާފު،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާޒީ އަކު ގަދަކަމުން ހިފައި ހައްޔަރުކޮށް އޭނާ އެކަހެރި ކުރި ކަމުގެ ކުށްސާބިތުވުމުން އެކަމަށް އަދަބު ނުދީ މި ސަރުކާރުން ދޫކޮށްނުލާނެ ކަމަށެވެ. ފިނި ކޮޓަރިއެއްގައި ބައިންދައިގެން އެކަން ކުރަން ޖެހުނު ނަމަވެސް ކުރާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ މައްޗަށް ޝަރީއަތްކޮށް އަދަބު ދިނުމަކީ ، ދެން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ހިތުހުރި ގޮތަކަށް ކަންކަން ކުރުމުން ދުރުކޮށް ދިނުމަށް ވެސް އަޅަން ޖެހިފައި އޮތް ފިޔަވަޅެކެވެ. ވެރިއަކު ވެސް ކުށެއްކޮށްފި ނަމަ އަދަބު ނުލިބޭ ނަމަ، ވެރިކަމަށް އައިސް ކޮންމެ ފަދަ ކަމެއް ކުރަން ވެސް ޖެހިލުން ނުވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"ދެން ހަމަ އަންނަ ގޮތަށް އައިސް ޖެހިގެން ހުންނަ މީހާ ވެސް ވަގަށް ނަގަންވީ. އޭރުން ހަމަ ރައްޔިތުންނަށް ވެސް ހިތުހުރި ގޮތެއް ވެސް ހަދާލަންވީ. އެހެން ވީމާ އަޅުގަނޑު މި ދަންނަވަނީ ޝަރީއަތުގެ ތެރެއަށް އަޅުގަނޑުމެން އަތްބާނައި ނުހަދާނަމޭ. އެފަދަ ކަންކަން ކުރައްވާފައި ހުރި ބޭފުޅަކަށް އަދަބު ލިބެން ޖެހުނީމާ އެކަން ނުކޮށް ދޫކޮށްލުމަކީ ހިލާ މި ސަރުކާރުން ކުރާނެ ކަމެއް ނޫން. އެކަމުގައި ފަހަތަކަށް ނުޖެހޭނެ،" އުމަރު ވިދާޅުވި އެވެ.