މަސްތުވާތަކެތި

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި ދެ މީހަކު އަތުލައިގެންފި

ރާއްޖެއަށް 1.5 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުން ދެ މީހަކު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަ މަހު 25 ގައި އިންޑިއާއިން ރާއްޖެއައި އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެއްގެ އަމަލު ހުރިގޮތުން ޝައްކުވެގެން ފާސްކުރިއިރު އޭނާގެ ހަށިގަނޑުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެގޮތުން ފެނިފައިވަނީ 506 ގްރާމުގެ އެއް ހޭޝް އޮއިލް ޕެކެޓާއި ހަ ބުލެޓުގެ ހެރޮއިން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އޭގެ އިތުރުން މިދިޔަ ހުކުރު ދުވަހު ދުބާއީން ރާއްޖެއަށް އައި 32 އަހަރުގެ ދިވެހި ފިރިހެނަކާއި ބެހޭ ގޮތުން ލިބިފައިވާ އިންޓެލިޖަންސް މައުލޫމާތަކާ ގުޅިގެން ބަލާ ފާސް ކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުން 783 ގްރާމުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތި ތަހުލީލު ކުރި އިރު ހެރޮއިންއަށް ޕޮސިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ މި ދެ މައްސަލާގައި ހައްޔަރު ކުރެވުނު މީހުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.