މެދުތެރޭ އެމެރިކާގެ ގައުމެއް ކަމަށްވާ ގުއާޓެމާލާގެ ކުޑަކުދިން ބަލަހައްޓާ މަރުކަޒެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި 21 ކުދިން މަރުވެއްޖެ އެވެ.
ގުއާޓެމާލާގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުނީ އަލިފާނުގެ އެ ހާދިސާ ހިނގީ ތަނާ އެކަށީގެންވާ ވަރަށް ވުރެ ކުދިން ގިނަ ކަމަށް ބުނެ އެތަނުގައި ތިބި ކުދިން ކުރި މުޒާހަރާއެއްގެ ސަބަބުން ކަމަށެވެ.
ގުއާޓެމާލާގެ ސޯޝަލް ވެލްފެއާ އެޖެންސީގެ ވެރިޔާ ކާލޯސް ރޮޑާސް އަލްޖަޒީރާއަށް ވިދާޅުވެފައި ވަނީ ގުއާޓެމާލާގެ ސެންހޯޒޭ ޕިނޫލާ ނަމަކަށް ކިޔާ ރަށުގައިވާ އެ މަޒުކަޒުގައި ތިބި ކުދިން، އެތަނުން ދޫކޮށް ދާން ބޭނުންވެެގެން މުޒާހަރާ ކުރަން ފެށީ އަންގާރަ ދުވަހު ކަމަށެވެ. އަދި ބުދަ ދުވަހު ފުރާވަރުގެ ބައެއް ކުދިން އެކުދިންގެ ގޮދަޑިތަކުގައި އަލިފާން ރޯކުރި ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. ނަމަވެސް އަލިފާނުގެ ހާދިސާގެ ޒިންމާ އެކުދިންގެ ބޮލުގައި ނާޅުއްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"އަހަރެމެން ޒިންމާއަކުން ނުރެކެން. އަހަރެމެން އެކަން ގަބޫލުކުރަން. އެކަމަކު އެ ފުރާނަތައް އަނބުރައެއް ނުގެނެވޭނެ،" އޭނާ ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވެފައި ވަނީ އެ މަޒުކަޒުގައި ދިިރިއުޅުމުގެ ހާލަތު ގޯސްވުމާއި ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އަމަލުތައް ހިނގާ ކަމުގެ ޝަކުވާ ގިނަ ގިނައިން ލިބޭ ކަމަށެވެ.
އަލިފާނުގެ ހާދިސާގައި މަރުވި ކުދިންގެ އިތުރުން 41 އެއް ކުއްޖަކު ވަނީ އެކި ވަރަށް ފިހިފައެވެ. އަދި އޭގެ ތެރެއިން ބައެއް ކުދިން ވަނީ ފުރާނައަށް ނުރައްކާވާ ވަރަށް ފިހިފައެވެ.
ހާދިސާ ހިނގި 'ވާޖިން ޑި އޯސަންޝަން ހޯމް' ނަމަކަށް ކިޔާ މަރުކަޒަކީ ޔަތީމު ކުދިންނާއި ގެދޮރު ނެތް ކުދިންނާއި އަނިޔާއިން ސަލާމަތް ކުރުމަށް ސަރުކާރުން ހަވާލުވާ ކުދިންނާއި ކުށްކޮށްފައިވާ ކުދިން ބައިތިއްބާ ތަނެކެވެ.