ދުނިޔެ

ކިމް ޖޮން ނަމްގެ "ދަރިޔެއްގެ" ވީޑިއޯއެއް އާންމުކޮށްފި

މަރާލި ކިމް ޖޮން ނަމްގެ ދަރިޔެއް ކަމަށް ބުނާ ޒުވާނެއްގެ ވީޑިއޯއެއް އާންމުކޮށްފިއެވެ.

މި ވީޑިއޯ އާންމުކޮށްފައިވަނީ ޗިއޮލިމާ ސިވިލް ޑިފެންސް (ސީސީޑީ) ކިޔާ ގްރޫޕަކުންނެވެ. ސައުތު ކޮރެއާގެ ޖާސޫސީ އޮފިޝަލެއް ހާމަކުރާ ގޮތުގައި މި ޒުވާނާއަކީ ކިމް ގެ ދަރި ކިމް ހަން ސޮލް ކަމަށް ވަނީ ކަށަވަރުކުރެވިފައެވެ. ނަމަވެސް ކިމް ހަން ސޮލް ހުރި ތަނެއް އަދި މި ވީޑިއޯ އަޕްލޯޑް ކޮށްފައިވާ ފަރާތުގެ އިތުރު މައުލޫމާތެއް އާންމުކޮށްފައެެއް ނުވެއެވެ.

މިއީ ކިމް ގެ މަރާ ބެހޭގޮތުން އޭނާ ގެ އާއިލާގެ މެމްބަރަކު ވާހަކަ ދެއްކި އެންމެ ފުރަތަމަ ފަހަރެވެ.

"އަހަންނަކީ ނޯތު ކޮރެއާގެ ކިމް އާއިލާއަށް ނިސްބަތްވާ ކިމް ހަން ސޮލް. އަހަރެންގެ ބައްޕަ ވަނީ މީގެ ކުޑަ ދުވަސް ކޮޅެށް ކުރިން މަރާލެވިފަ. އަހަރެން މިހާރު މި އުޅެނީ މަންމަ އާއި ދައްތައާ އެކު. އަހަރުމެން ޝުކުރުވެރިވަން ..." މި ހިސާބުން ޝުކުރުވެރިވާ ފަރާތްތަކުގެ ނަންތަށް ހާމަނުކުރުމަށްޓަކައި ވީޑިއޯގެ އަޑު ވަނީ ކަނޑާލެވިފައެވެ.

40 ސިކުންތުގެ ވީޑިއޯ ނިންމާލަމުން ހާލަތު ރަނގަޅު ވާނެކަމަށް އުންމީދުކުރާ ވާހަކަ ކިމް ހަން ސޮލް ވަނީ ބުނެފައެވެ. މި ވީޑިއޯގައި އޭނާގެ ޕާސްޕޯޓްވެސް ވަނީ ދައްކާލައިފައެވެ. ނަމަވެސް ޕާސްޕޯޓްގެ މައޫލޫމާތު ނުފެންނަހެން ވަނީ ސެންސަރު ކޮށްފައެވެ.

ޕްޔޮންގްޔަންގައް އުފަން ކިމް ހަން ސޮލް، 21، ތައުލީމް ހާސިލްކުރުމުން އަންނަނީ ފްރާންސް ގެ ސައިންސް ޔުނިވާސިޓީ އިންނެވެ. އުމުރުގެ ގިނަ ދުވަސްތަކެށް މަކާއުގައި އުޅުމަށްފަހު، އާއިލާ އާއި އެކު 2013 ގައި ވަނީ ދިރިއުޅުން ފްރާންސަށް ބަދަލު ކޮށްފައެވެ.