ބޮލީވުޑް

ް

Mar 13, 2017
1

ފިލްމުގެ ޝޫޓިން ތެރޭގައި ތަރިންނަށް އަނިޔާވެ ފަރުވާ ދޭން ޖެހޭ ވާހަކައަކީ އަބަދުހެންމެ އިވޭ ވާހަކަ އެކެވެ. އެ ތަރިންގެ ތެރެއިން ސުޕަސްޓާ ޝާހްރުކް ޚާނަކީ ފިލްމުތަކުގެ ޝޫޓިންގެ ތެރޭގައި ވަރަށް ގިނައިން ބޮޑެތި އަނިޔާ ލިބިފައިވާ ތަރިއެކެވެ.

ކަކުލާއި ކޮނޑު ހުޅުގެ ސާޖަރީ އެތަކެއް ފަހަރު ޝާހްރުކް ހަދާފައިވާއިރު، މިދިޔަ ހުކުރު ދުވަހު ވަނީ ވާތު ކޮނޑުހުޅުގެ އިތުރު ސާޖަރީއެއް ހަދާފަ އެވެ.

ހުކުރު ދުވަހު ޝާހްރުކް އޭނާގެ ކަނާތުގައި ނޮޓް މީ ލިޔެފައިވާ ފޮޓޯއެއް ޓްވީޓްކުރަމުން ވަނީ އޭނާގެ ވާތުގެ ކޮނޑުހުޅުގެ އިތުރު ސާޖަރީއެއް ކޮށްފައިވާ ކަމަށާއި އޭނާގެ ކަނާތުގައި ލިޔެފައިވާ ލިޔުމަކީ އޮޅިގެން ނުބައި އަތެއްގެ ސާޖަރީ ހެދިދާނެ ކަމަށް ލިޔެފައިވާ އެއްޗެއް ކަމަށް ބުނެފަ އެވެ.

މިއީ ޝާހްރުކް ވާތު ކޮނޑުހުޅުގެ ސާޖަރީއެއް ހެދި ދެވަނަ ފަހަރެވެ. ދެހާސް ތޭރަވަނަ އަހަރު ނިކުތް "ޗެންނާއި އެކްސްޕްރެސް" ގެ ޝޫޓިންގެ ތެރެއިން ކޮނޑުހުޅަށް ލިބުނު އަނިޔާގެ ސަބަބުން އެ ފަހަރު ވެސް ވަނީ ވާތު ކޮނޑު ހުޅުގެ ސާޖަރީއެއް ހަދާފަ އެވެ.

ކޮނޑު ހުޅުގެ ސާޖަރީ ހެދިތާ ދެ ދުވަސް ނުވަނީސް ޝާހްރުކް ރަނގަޅުވަމުން އަންނަކަން އޭނާ ސޯޝަލް މީޑިއާގައި އާންމުކުރާ ފޮޓޯތަކުން އެނގެ އެވެ. އެގޮތުން އިއްޔެ ޝާހްރުކް ވަނީ ނެޓްފްލިކްސްގެ ސީއީއޯ އާއެކު އޭނާގެ ގޭގައި ބައްދަލުކުުރުމަށްފަހު ފޮޓޯއެއް ޓްވީޓްކޮށްފަ އެވެ. ޝާހްރުކާ އެކު ނެޓްފްލިކްސްގެ ޓީމާ އެކު އޭނާގެ ގާތް އެކުވެރިޔާ އާމިރް ޚާން ވެސް ވަނީ ބައިވެރިވެފަ އެވެ.

ޝާހްރުކްގެ ވާތު ކޮނޑު ހުޅަށް އެންމެ ފުރަތަމަ އަނިޔާވެފައިވަނީ 2007 ވަނަ އަހަރު ނިކުތް ފިލްމު "ދުލްހާ މިލްގަޔާ" ގެ ޝޫޓިންގެ ތެރެއިންނެވެ. އޭގެފަހުން 2008 ވަނަ އަހަރު ނިކުތް "މައި ނޭމް އިޒް ޚާން" ގެ ޝޫޓިންގެ ތެރެއިން އަނެއްކާ ވެސް ހަމަ އެ ކޮނޑު ހުޅަށް އަނިޔާވެ ފަރުވާ ހޯދާފައިވަނީ އެ ފިލްމުގެ ޝޫޓިން ނިމުނު ފަހުންނެވެ. އަދި އެ ކޮނޑު ހުޅުގެ ސާޖަރީއެއް ހެދީ "ޗެންނާއި އެކްސްޕްރެސް" ގެ ޝޫޓިންގެ ތެރޭގައި ލިބުނު ބޮޑު އަނިޔާ އަކށް ފަހު އެވެ.

މީގެއިތުރުން ވެސް ކަނާތު ކަކުލަށް ފިލްމެއްގެ ޝޫޓިން ތެރޭގައި ލިބުނު އަނިޔާގެ ސަަބަބުން ވަނީ ކަކުލު ހުޅުގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.