ލައިފްސްޓައިލް

ދަތް އުނގުޅަން ބޭކިން ސޮޑާ ބޭނުންކުރުމަކީ ރައްކާތެރި ކަމެއްތަ؟

Mar 16, 2017

ބޭކިން ސޮޑާ ނުވަތަ ސޯޑިއަމް ބައި ކާބަނޭޓަކީ އެންމެ ފަސޭހައިން ބަދިގެއިން ލިބޭ އެކައްޗެވެ. އަދި މިއީ ރީތި ހުދުދަތްޕިލައެއްގެ ވެރިއަކަށްވާން ބޭނުންވާ މީހުންނަށް އެންމެ ފަސޭހައިން އަދި އެންމެ އަގުހެޔޮކޮށް އެކަން ކުރެވޭނެ ގޮތެވެ. އަދި މިއީ ބައެއް ދަތް އުނގުޅާބޭހުގައި ވެސް އެންމެ އާންމުކޮށް ބޭނުންކޮށްފައި ހުންނަ އެކައްޗެވެ.

ނަމަވެސް ސުވާލަކީ ބޭކިން ސޮޑާ ބޭނުންކޮށްގެން ދަތް ހުދުކުރަން ގިނަ މީހުންނަށް އެނގޭބާ އެވެ؟ ނުވަތަ ގިނަފަހަރަށް ބޭނުންކުރެވެނީ ރަނގަޅު ގޮތަށް ބާވައެވެ؟ މީގެން ލިބެނީ ކޮން ކަހަލަ ގެއްލުމެއްތޯ އެވެ؟

އާންމުކޮށް ކޮފީ ބޯ މީހުންނާއި ސިނގިރޭޓް ބޯ މީހުންގެ ދަތް ހުދުކުރަން މިއީ ރަނގަޅު އެއްޗެކެވެ. އަދި މިއީ ދަތް ހުދުކަމަށް ދައްކަދޭ އެއްޗެކެވެ. މިއީ މީހުންގެތެރޭ ހިތް ހަމަޖެހިލައިގެން ހިނިއައިސް ވާހަކަ ދައްކާލަން ހުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ބޭކިން ސޮޑާގެ ގެއްލުން

ދަތް ހުދުކުރަން އާންމުކޮށް ބޭކިން ސޮޑާ ބޭނުންކުރުމަކީ އެންމެ ފައިދާ ހުރި ގޮތެއްނޫނެވެ. ދަތް ހުދުކޮށްދިން ނަމަވެސް ބޭކިން ސޮޑާއަކުން ދަތުގައި ހުންނަ ބެކްޓީރިއާތައް ސާފުކޮށް ނުދެ އެވެ. އަދި ބޭނުންކުރަންވާ ވަރަށްވުރެ އިތުރަށް ބޭކިން ސޮޑާ ބޭނުންކޮށްގެން ދަތް ހުދުކުރަން މަސައްކަތް ކުރުމަކީ ދަތްޕިލަ ބަލިކަށިވެ ހަލާކުވާން ފުރުސަތު ހުޅުވޭ ކަމެކެވެ.

މީގެއިތުރުން ވެސް މިއީ ހިރުގަނޑު ހަލާކުވާން ވެސް ދިމާވާ ކަމެކެވެ.

ވީމާ ދެން ފަހަރަކުން ވެސް ބޭކިންސޮޑާ ބޭނުންކުރާއިރު ވިސްނަންވާނެ އެވެ. އަދި ދަތް ހުދުކުރަން ވެސް އާންމުކޮށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބޭކިން ސޮޑާ ބޭނުން ނުކުރާށެވެ. ބޭކިން ސޮޑާ ބޭނުންކޮށްގެން ދަތް ހުދުކުރަން ބޭނުންވާނަމަ ހަފްތާއަކު އެއްފަހަރު ނުވަތަ ދެ ހަފްތާއިން އެއްފަހަރު ބޭނުންކުރާށެވެ. އަދި ބޭކިންސޮޑާ އެކަނި ބޭނުންކޮށްގެން ދަތް އުނގުޅުމަށްފަހު ދެ މިނެޓަށްވުރެ އިތުރު ވަންދެން ނުދޮވެ ހުރެގެންނުވާނެ އެވެ. އެއީ ދަތަށް ލިބޭ ގެއްލުން ބޮޑުވެދާނެތީ އެވެ.

ހުސްއެކަނި ބޭކިން ސޮޑާ ބޭނުންކޮށްގެން ގެއްލުންވިނަމަވެސް އިތުރު އެއްޗެއް މިކްސް ކޮށްލައިގެން ގެއްލުން ކުޑަގޮތަށް ދަތް ހުދުކޮށްލެވިދާނެ އެވެ.

ބޭކިން ސޮޑާ ބޭނުންކުރާ ގޮތް ބަދަލު ކުރުން

ބޭކިން ސޮޑާ ބޭނުންކުރާއިރު ދަތަށް ލިބޭ ގެއްލުން ކުޑަކުރުމަށް ލުނބޯ އަދި ވިނިގާ ބޭނުން ކުރެވިދާނެ އެވެ. މި ދޭއްޗަކީ ވެސް ދަތް ހުދުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ބޭކިންސޮޑާގެ ތެރެއަށް ލުނބޯ، ވިނިގާ ފޮދެއް އެއްކޮށްލުމަށްފަހު އުނގުޅާލާށެވެ. އަދި ދެ ތިން މިނެޓް މަޑުކޮށްލުމަށްފަހު އަނގަދޮވެލާށެވެ. ވިނިގާގެ ރަހަ އަނގައިން ކަނޑުވާލުމަށް ދަތްއުނގުޅާ ބޭސް ބޭނުންކޮށްގެން ދަތް އުނގުޅާލާށެވެ. މިހެން ހެދުމުން ވިނިގާގެ ރަހަ ކެނޑިގެންދާނެ އެވެ.