ކުނި މެނޭޖް ކުރުން

ކުނި އުކައި ދިނުމުގެ ހިދުމަތް ތިން ސަރަހައްދަކަށް ފުޅާކުރަނީ

މާލޭގެ އިތުރު ތިން ޒޯނަކުން ކުނި އުކައިދިނުމުގެ ހިދުމަތް ފަށަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ތައްޔާރުވެއްޖެ އެވެ. މާލޭގައި ކުނި އުކައިދޭން ވެމްކޯއިން ނިންމާފައިވަނީ 10 ޒޯނަކަށް ބަހާލައިގެނެވެ.

ވެމްކޯއިން މިހާރު ކުނި އުކައިދެނީ ޒޯން އެކަކުން ފެށިގެން ތިނެއްގައި ހިމެނޭ ގޭގެއިންނެވެ. އަލަށް ހިދުމަތް ދޭން ފަށާނީ ޒޯން ހަތަރަކުން ފެށިގެން ހައެއްގައި ހިމެނޭ ގޭބިސީތަކަށެވެ. މި ޒޯންތަކުގައި އުފެދޭ ކުނި އުކައިދޭން ފަށާނީ އަންނަ މަހުން ފެށިގެނެވެ.

މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވެމްކޯގެ ވޭސްޓް ކަލެކްޝަން ސާވިސް މެނޭޖާ ހިދާޔާ ނަސީރު ވިދާޅުވީ އާ ތިން ޒޯނުން ކުނި އުކާލައިދޭން ފެށުމުން މަޖީދީމަގުން ފެށިގެން ދެކުނުގެ ހުރިހާ ގޭބިސީތަކެއްގެ ކުނި އުކާލައިދެވޭނެ ކަމަށެވެ.

އާ ތިން ޒޯނުން ވެސް ކުނި އުކާލައިދެނީ މިހާރުވެސް ކުނި އުކާލައިދޭ އަގުތަކުގަ އެވެ. އެއީ އިމާރާތަކުން އެއްކޮށްނަމަ 100ރ. އަށެވެ. އަދި ވަކިވަކީ ގޭބިސީން ނަމަ ކޮންމެ ގޭބިސީއަކުން 150 ރުފިޔާ އަށެވެ. މިއަދުން ފެށިގެން އާ ޒޯންތަކުގެ ގޭގެއިން ރަޖިސްޓްރީ ކުރަން ވަނީ ހުޅުވާލާފަ އެވެ.

މި ތިން ޒޯނުގައި ގާތްގަނޑަކަށް 2،800 އެއްހާ ގޭބިސީ ހިމެނެ އެވެ. ވެމްކޯއިން ބުނީ ބާކީ ހަތަރު ޒޯން ތަކުން ވެސް ވަރަށް އަވަހަށް ހިދުމަތް ފަށާނެ ކަމަށެވެ.

ހިދާޔާ ވިދާޅުވީ ކުނި އުކަލާން ޓްރައިސައިކަލް އަދި ވެހިކަލް ކޮމްޕެކްޓާތައް ގެންނާނެ ކަމަށެވެ. އަދި އިތުރު ވެހިކަލްތަކެއް ވަރަށް އަވަހަށް ގެންނާނެ ކަމަށެވެ.

ވެމްކޯއިން މާލޭގެ ހުރިހާ ޒޯނަކުން ކުނި އުކާލުމުގެ ހިދުމަތް އަންނަ ޖޫން މަހުގެ ކުރިން ދޭނެ އެވެ. މީގެ އިތުރުން ތިލަފުށީގައި އެންދު ހުއްޓުމަކަށް ގެނައުމަށް 100 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަން ވެސް ވަނީ ނިންމާފަ އެވެ.