ދުނިޔެ

އީރާނުގެ ކުރީގެ ރައީސްގެ ދަރިކަނބަލަކު ހަމަހަށް ޖަލަށް

Mar 19, 2017

އީރާނުގެ ކުރީގެ ރައީސް އަކުބަރު ހާޝިމީ ރަފްސަންޖާނީގެ ދަރިކަނބަލަކު ހަމަސް ދުވަހަަށް ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

އީރާނު ސަރުކާރާ ގުޅުން އޮންނަ ފަރުސް ނޫހުން ބުނީ ރަފްސަންޖާނީގެ ދަރިކަނބަލުން ފާއިޒާ ހާޝިމީ ހަމަހަށް ޖަލަށްލާން ހުކުމް ކުރީ އެ ގައުމުގެ ޝަރުއީ ނިޒާމާބެހޭ ގޮތުން ދޮގު ވާހަކަތައް ފެތުރުމުގެ ކުށުގައި ކަމަށެވެ. އީރާނުގެ ވެރިކަމުގެ ނިޒާމަށާއި ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ފާއިޒާއަށް ޖަލު ހުކުމެއް ކޮށްފައި މިވަނީ އެ ގައުމުގެ ރިޔާަސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށެވެ. އީރާނުގެ ރިޔާސީ އިންތިހާބު އޮންނާނީ އަންމަ މޭ މަހު އެވެ.

އީރާނުގައި 2009 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ މެދުހިތް ހަމަ ނުޖެހިގެން އޭރު މުޒާހަރާ ކުރި މީހުންގެ ތެރޭގައި ވެސް ފާއިޒާ ހާޝިމީ ހިމެނިވަޑައިގަންނަވަ އެވެ. އޭނާއަށް 2011 ވަނަ އަހަރުވެސް ހަމަަސް ދުވަހުގެ ޖަލު ހުކުމެއް އައެވެ. އަދި އެހުކުމް ތަންފީޒު ކުރުމަށް އޭނާ ވަނީ ޖަލުގައި ދުވަސްތައް ހޭދަކުރައްވާފަ އެވެ. އޭރު އޭނާ ޖަލަށްލީ އީރާނުގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ވާހަކަފުޅުތައް ދެއްކެވިކަމުގެ ކުށުގަ އެވެ. ފާއިޒާގެ ބައްޕާފުޅު އަދި އީރާނުގެ ކުރީގެ ރައީސް އަކުބަރު ހާޝިމީ ރަފްސަންޖާނީ އަވަހާރަވުމުން އީރާނުގެ އިދިކޮޅު ލީޑަރަކަށް ވާނެ ކަމަށް ބެލެވިފައި ވަނީ ފާއިޒާ އެވެ.

އޭނާ ވަނީ ބައްޕާފުޅުގެ ޖަނާޒާއަށް އެއްްވި ސަޕޯޓަރުންނާ ބައްދަލު ކުރައްވާފަ އެވެ.