ދުނިޔެ

ފިލިޕީންސްގައި އެމެރިކާގެ ޓައިފޮން މިސައިލް ނިޒާމެއް ބަހައްޓަނީ

އެމެރިކާ އަތުން ޓައިފޮން މިސައިލް ނިޒާމެއް ހޯދުމަށް ފިލިޕީންސުން ކުރަމުންދާ މަސައްކަތްތައް ހުއްޓައި ނުލާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

އަސްކަރިއްޔާގެ ތަރުޖަމާން ކާނަލް ފްރާންސެލް ޕަޑިއްލާ ވިދާޅުވި ގޮތުގައި އެމެރިކާއިން ހަތިޔާރު ގަތުމަށް މަޝްވަރާތައް ދަނީ ކުރިއަށެވެ.

ފިލިޕީންސްގައި މިސައިލް ނިޒާމެއް ބެހެއްޓުމަކީ ޗައިނާ ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމެކެވެ. އަދި ވަކިން ހާއްސަކޮށް އެމެރިކާއާ އެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ ޗައިނާއަށް ކެތްކުރެވޭ ވަރުގެ ކަމެއް ނޫނެވެ.

ޗައިނާ ހާރިޖީ ވުޒާރާގެ ތަރުޖަމާން މާއޯ ނިންގް ވިދާޅުވި ގޮތުން ފިލިޕީންސްގެ މި ހަރަކާތަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ފިލިޕީންސްގެ ބޭނުމަކީ އެމެރިކާއާ ގުޅިގެން ޗައިނާގެ އިސްތިގުލާލަށް ގޯނާކުރުން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

މެނީލާގެ ދިފާއީ އިހްތިޔާރަށް ބަހުސްކުރުމަކީ އެއްވެސް ގައުމަކަށް އޮތް ފުރުސަތެއް ނޫން ކަމަށް ފްރާންސެލް ޕަޑިއްލާ ވިދާޅުވި އެވެ. ފިލިޕީންސްގެ ދިފާއީ ބާރުތައް ރުކުރުވާލައި ބާރުވެރިކުމުގައި ކަންކުރަންޖެހޭ ގޮތް ކިޔައިދިނުމަށް ބޭރުގެ އެއްވެސް ގައުމަކަށް ދައުވަަތު ނުދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ކާނަލް ވިދާޅުވި ގޮތުން ފިލިޕީންސްގެ އަސްކަރިއްޔާ ޒަމާނީކުރަނީ ވަކި ގައުމަކާ ދެކޮޅަކަށް ނޫނެވެ. އަދި އެއީ ޗައިނާއަށް ނުރައްކަލެއް އޮތް ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާގައި އުފައްދާ ޓައިފޮން މިސައިލް ސިސްޓަމްތައް ގަތުމަށް އެމެރިކާއާ އެކު ކުރި މަޝްވަރާތައް ކޮޅެއްގައި ޖައްސައި މިހާރު ވަނީ ފިލިޕީންސްގައި ބެހެއްޓުމުގެ މަސައްކަތް ފަށާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލިޕީންސުން ފުރަތަމަ މަރުހަލާގައި ބަހައްޓަނީ ދުރު ރާސްތާ މިސައިލް ނިޒާމެކެވެ.

ފިލިޕީންސްގައި ދުރުރާސްތާ މިސައިލް ނިޒާމެއް ނުބެހެއްޓުމަށް ޗައިނާއިން އެތައް ފަހަރަކު ވަނީ އެދިފަ އެވެ. ނަމަވެސް ފިލިޕީންސުން މިހާރު ދަނީ މިސައިލް ލޯޑަރުތައް އެ ގައުމުގެ އެކި ހިސާބުގައި ބަހައްޓަމުންނެވެ.