ދުނިޔެ

ޗައިނާގެ ކިބައިން ފިލިޕީންސް ދިފާއުކޮށްދޭނެ ކަމަށް އެމެރިކާ ބުނެފި

ފިލިޕީންސްގެ ކޯސްޓްގާޑަށް ޗައިނާގެ އަސްކަރިއްޔާއިން ލޭޒާ އަލި އެޅުވި މައްސަލައިގެ ތެރެއަށް އެމެރިކާ ވަދެ، ފިލިޕީންސްގެ ދިފާއުގައި އޮތްކަން ހަނދާކޮށްދީފި އެވެ.

އެމެރިކާ ބުނާ ގޮތުން ޗައިނާއިން ކިތަންމެ ޖެއްސުމެއް ފިލިޕީންސަށް ކުރި ނަމަވެސް، ފިލިޕީންސްގެ މިނިވަންކަމަށް ލޮޅުންއަރާ ހިސާބުން، ބާރުގެ ބޭނުންކުރަން އެމެރިކާއަށް މަޖުބޫރުވާނެ އެވެ.

ފިލިޕީންސަށް ހެޔޮއެދޭ ކަމަށް ހެދިގެން އެމެރިކާ މި އުޅެނީ ދެކުނު ޗައިނާ ކަނޑުން ފިލިޕީންސަށް ވެސް ހިއްސާއެއް އޮތުމުންނެވެ.

ޗައިނާ ދެކޭ ގޮތުގައި ދެކުނު ޗައިނާ ކަނޑަކީ އެ ގައުމަށް ޚާއްސަ ކަނޑެކެވެ. އަދި ޗައިނާގެ ހުއްދަ ނެތި -- ކޮންޓްރޯލެއް ނެތި ބައިނަލްއަގްވާމީ އުޅަނދުތައް އެ ކަނޑު ހުރަސްކޮށް ދަތުރުކުރުމަކީ ވެސް އެދެވޭ ކަމެއް ނޫނެވެ.

ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އަދި އެ ކަނޑަށް ވާގޮތަށް ހުރި ގުދުރަތީ ރަށްތަކާއި ތެލާއި މައުދަން ފަދަ މުއްސަދިކަން ބެހެވިގެން ދިއުމުގައި -- ޗައިނާ އާއި ފިލިޕީންސް އަދި ޓައިވާން، މެލޭޝިއާ، ވިއެޓްނާމް އަދި ބުރުނާއީ މެދުގައި ނުތަނަވަސްކަން އުފެދިފައި އޮންނަތާ ޒަމާންތަކެއް ވެއްޖެ އެވެ.

މިނުތަނަވަސްކަމުން ފައިދާ ހޯދުމަށްޓަކައި އެމެރިކާއިން ދަނީ ޗައިނާ ފިޔަވައި ދެން ތިބި ހިއްސާދާރުންގެ ބޮލަށް ވަދެ ޗައިނާއާ ކުރިމަތިލުމަށް ހިތްވަރުދެމުންނެވެ. ފިލިޕީންސްގެ ހިމާޔަތުގައި އޮންނާނެ ކަމަށް އެމެރިކާ ބުނަނީ ވެސް ޗައިނާއަށް ފުރުސަތު ހަނިކުރުމަށެވެ.

ދެކުނު ޗައިނާ ކަނޑުގައި ދޭތެރެ ދޭތެރެއިން ޗައިނާ އާއި ފިލިޕީންސް ކުރިމަތިލައި ހަމަނުޖެހުން ހިންގަ އެވެ. މިފަހުން ޖެހިގެން އުޅޭ މައްސަލަ އަކީ ޗައިނާގެ ކަނޑުގެ ސިފައިން، ފިލިޕީންގެ ކޯސްޓްގާޑަށް އަސްކަރީ ދަރަޖައިގެ ލޭޒާ އަޅުވައި އެ މީހުންގެ ލޮލަށް ގެއްލުން ދިން މައްސަލަ އެވެ.

މި މައްސަލައާ ގުޅިގެން ފިލިޕީންސްގައި ހުންނަވާ ޗައިނާ ސަފީރު، ފިލިޕީންސްގެ ރައީސް، ފާޑިނަންޑް މާކޯސް ޖޫނިއާގެ އަރިހަށް ވެސް ވަނީ ހާޒިރުކޮށްފަ އެވެ.