ދުނިޔެ

ދެކުނު ޗައިނާ ކަނޑަށް ތިއޮޑޯ ރޫޒްވެލްޓާއެކު ޔޫއެސް ކެރިއާ ސްޓްރައިކް ގްރޫޕް ވަދެއްޖެ

އެމެރިކާގެ މަތިންދާބޯޓް އުފުލާ މަނަވަރު، "ޔޫއެސްއެސް ތިއޮޑޯ ރޫޒްވެލްޓް" އާއެކު "ޔޫއެސް ކެރިއާ ސްޓްރައިކް ގުރޫޕް" ދެކުނު ޗައިނާ ކަނޑަށް ވަދެއްޖެ އެވެ. ކެރިއާ ސްޓްރައިކް ގުރޫޕްގައި ހިމެނެނީ އެއާކްރާފްޓް ކެރިއާއަކާއި އަމާޒަށް މިސައިލް ފޮނުވާ އުޅަނދަކާއި އަދި މިސައިލް ހަލާކޮށްލެވޭ ފެންވަރުގެ ދެތިން އުޅަނދެކެވެ.

ޔޫއެސް މިލިޓަރީން ބުނީ ކެރިއާ ސްޓްރައިކް ގްރޫޕް ދެކުނު ޗައިނާ ކަނޑުގައި އުޅޭތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި ފޯރިމެރުމުގެ ބޭނުމަކީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދު އާންމުކޮށް ބޭނުންކުރުމުގައި އެބަޔަކަށް އެބައެއްގެ ހިއްސާ މިނިވަންކަމާއެކު ލިބޭކަން ކަށަވަރުކުރުން ކަމަށާއި ދަތުރުފަތުރު ކުރުމުގައި އެއްވެސް ބަޔަކަށް ހުރަސްއެޅޭ ތޯ ބެލުން ކަމަށެވެ.

ދެކުނު ޗައިނާ ކަނޑަކީ އެކި ގައުމުތަކުގެ މަސްލަހަތު އޮތް ކަނޑެކެވެ. ޗައިނާއިން ވެސް އެކަނޑުގެ މިލްކުވެރިކަމަށް ދައުވާކުރެ އެވެ. ފިލިޕީންސް، ވިއެޓްނާމް، މެލޭސިއާ ބްރުނާއި އަދި ޓައިވާނުން ވެސް މިކަނޑުން ބައެއް ބޭނުންވެ އެވެ.

އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުފަހަރު ދެކުނު ޗައިނާ ކަނޑުގައި ހަރަކާތްތެރިވާން މިފެށީ، ޗައިނާއާ ޓައިވާނާ ދެމެދު ކޯޅުން ބޮޑުވެ ވޮޝިންގްޓަނަށް ރިހުމަކަށް ވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޔޫއެސް އިންޑޯ-ޕެސިފިކް ކޮމާންޑުން ބަޔާނެއް މެދުވެރިކޮށް، ދެކުނު ޗައިނާ ކަނޑަށް ކެރިއާ ގްރޫޕް ވަދެފައިވާކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. މިކަމެއް ހިނގައިގެން މިއުޅެނީ ޗައިނާގެ ބޮންއަޅާ މަތިންދާބޯޓްތައް ޓައިވާންގެ ވައިގެ ސަރަހައްދުން ދަތުރުކުރާ ކަމަށް އެގައުމުން ރިޕޯޓްކުރި ދުވަހު އެވެ.

ދެކުނު ޗައިނާ ކަނޑުގައި އެމެރިކާގެ ދައުރު ބޮޑުވެފައި މިވަނީ ޖޯ ބައިޑަން އެމެރިކާގެ ރައިސްކަމާ ހަމަ ހަވާލުވެ ވަޑައިގެންނެވި ތަނާހެންނެވެ. ބައިޑަން ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންތަނީ ބްލިންކެން، ސެނެޓްގައި ވާހަދައްކަވަމުން ވިދާޅުވި ގޮތުން އެމެރިކާއަށް އެންމެ ދުއްތުރާކުރާނެ ގައުމަކަށް ޗައިނާ ވާނެ އެވެ.