ދުނިޔެ

އެމެރިކާ ސިފައިން ޓައިވާނަށް ޖަމާ ކުރުމަކީ ހަނގުރާމައެއް: ޗައިނާ

އެމެރިކާގެ ޕެންޓަގަނުން ސިއްރިއްޔާތުގައި ހަނގުރާމަމަތީ ސިފައިން ޓައިވާނަށް ޖަމާކުރާ ކަމަށް ބުނެ އެމެރިކާ ނޫސްތަކުން އޮތީ ރިޕޯޓް ކޮށްފަ އެވެ. ޕެންޓަގަން އަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ހެޑްކުއާޓަރު ހުންނަ އިމާރާތެވެ.

ޓައިވާނަކީ މިނިވަން ދައުލަތެއް ނޫން ކަމަށާއި އެއީ ޗައިނާގެ ބައެއް ކަމަށް އދ. އާއި ދުނިޔޭގެ ބައެއް އެހެން ގައުމުތަކުން ގަބޫލު ކުރާއިރު، ޗައިނާއާ ޓައިވާނާ ދެމެދަށް އެމެރިކާ ވަދެ ސިއްރިއްޔާތުގައި ޓައިވާނަށް އަސްކަރީ ގޮތުން އެހީތެރިވުމަކީ އަލިފާނަށް ދަރުއެޅުން ކަމަށް ޗައިނާ ސިފަ ކުރެ އެވެ.

ޗައިނާއިން މިހާރު ބުނާ ގޮތުން ދުރު ނޫން މުސްތަގުބަލެއްގައި ޗައިނާގެ މުށުތެރެއަށް ޓައިވާން ލާނެ އެވެ. އެއީ ލޭ އޮހޮރުވުމެއް ނެތް ސުލްހަވެރި ބަދަލަކަށް ހައްދަވާނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އޮތީ ވިދާޅުވެފަ އެވެ.

ޝީ ވިދާޅުވި ގޮތުން ޗައިނާއާ ޓައިވާންގައި ދެ ނިޒާމެއް އޮތުން އެއީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް ޓައިވާނަކީ ކުރިން އޮތް ގޮތަށް ޗައިނާގެ ބަޔަކަށް ހައްދަވާނެ އެވެ.

އެމެރިކާ ސިފައިން ޓައިވާނަށް އަރައި އަސްކަރިއްޔާ ތަމްރީން ކުރުމަކީ ހަނގުރާމައިގެ ފަރިތަކުރުންތަކެއް ކަމަށް ޗައިނާ ބުނެ އެވެ. ޗައިނާ ބުނީ އެމެރިކާގެ މި އަމަލުގެ ސަބަބުން ޓައިވާން އަތުލަން ކުރާ މަސައްކަތްތައް ޗައިނާއިން އަވަސް ކުރާނެ ކަމަށެވެ.

ޓައިވާންގައި ތިބި އެމެރިކާ ސިފައިންނަށް ހަމަލާ ދޭން ޗައިނާ ނޫސްތަކުން ދަނީ ގޮވަމުންނެވެ. ނޫސްތަކަށް ކޮމެންޓްކުރާ މީހުން ވެސް ޗައިނާއިން ޓައިވާން ހިފުމަށް ތާއީދުކުރެ އެވެ.

އެމެރިކާއިން ޓައިވާން ސަރަހައްދުގައި މިހާރު އެ ކުރާ ކަމަކީ ޗައިނާ ރުޅިއެރުވުން ކަމަށް ޚަބަރުތައް ބުނެ އެވެ. އެމެރިކާގެ ބޭނުމަކީ ޗައިނާ ލޭ ކައްކާލުން ކަމަށާއި ޗައިނާ ލައްވާ ޖަޒުބާތުގައި ގޯސް ހެދުމަކީ އެމެރިކާ ގެންގުޅޭ ބުއްދިއެއް ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ގްލޯބަލް ޓައިމްސްއިން މި ވާހަކަތައް ރިޕޯޓްކޮށް ބުނެފައި ވަނީ އެމެރިކާގެ ވިސްނުމަކީ ޗައިނާއިން ޓައިވާނަށް އަރައިގެންފާނެ ކަމަށް ދުނިޔެއަށް ބުނެދިނުން ކަމަށެވެ. އަދި އެއީ ޓައިވާނަށް އިތުރު ސިފައިން ފޮނުވުމަށް އެމެރިކާ ޖައްސާ ސްޓަންޓެއް ކަމަށެވެ.

ގްލޯބަލް ޓައިމްސްއިން ބުނާ ގޮތުން ޗައިނާއަށް މިވަގުތު އޮތީ އެމެރިކާއާ ޓައިވާން ސައިޒުކުރުން ކަމަށާއި އޭރުން ހުންނާނީ ބަޑިބޭހާ ކުޅެވިފައި ކަމަށެވެ.