ޓައިވާން

ޓައިވާނުން ކޯސްޓް ގާޑަށް އުޅަނދު އިތުރުކުރަނީ، މި ފަހަރު ކަޓަމަރާނެއް

ޓައިވާނުން ކޯސްޓް ގާޑުގައި ބޭނުން ކުރަން ކަޓަމަރާނެއް ކަމިޝަން ކޮށްފި އެވެ. މިއީ ބޭނުން ޖެހިއްޖެ ނަމަ މިސައިލް ހަރުކުރެވޭ ފެންވަރަށް، ޓައިވާންގައި އުފެއްދި އުޅަނދެކެވެ. ޗައިނާއިން ކުރިމަތި ވެދާނެ ނުރައްކަލަކަށް ކުރިމަތިލުމަށް ތައްޔާރުވުމުގެ ގޮތުން ކޯސްޓް ގާޑަށް އަދި އިތުރު ކަޓަމަރާން ނެރޭނެ ކަމަށް އެ ގައުމުން ބުނެ އެވެ.

ޓައިވާނަށް ހީވެފައި އޮންނަނީ ކޮންމެ ވަގުތެއްގައި ވެސް ޗައިނާއިން ޓައިވާނަށް ބާރު ހިންގައިފާނެ ކަމަށެވެ. މިއީ ނުކުރާނެ ކަމެއް ކަމަށް ޗައިނާއަކުން ވެސް ނުބުނެ އެވެ.

ކަޓަމަރާން ކަމިޝަން ކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެން ޓައިވާންގެ ރައީސް، ސައި އިންގް-ވެން ވިދާޅުވީ، މިއީ ބޭނުންޖެހިއްޖެ ހިނދެގައި ދިފާއީ ބާރެއް ކަމަށެވެ. ކޯސްޓް ގާޑުން މަސްލަހަތު ބަލަހައްޓަމުން އަންނައިރު، ގައުމީ ދިފާއީ ވަޒަން ބާރުވެރި ކުރެވެމުން ވެސް އަންނާނެ ކަމަށެވެ.

ކޯސްޓް ގާޑު ބާރު ގަދަ ކުރަން ޓައިވާނުން ވަރަށް ބޮޑު އިސްކަމެއް ދެ އެވެ. ކޯސްޓް ގާޑަށް އުޅަނދު އިތުރު ކުރަން ކުރާ މަސައްކަތުގައި މި އުޅަނދަށް 37.30 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ. ޓައިވާނުން ބުނީ ދޭހަ ކޮށްދެނީ ގައުމީ ދިފާއީ ބާރު ވަރުގަދަކުރަން ރައީސް ބޭނުފުޅުވެލައްވާ މިންވަރު ކަމަށެވެ. ޒަމާނީ ބާރެއް ގައުމުގައި އޮތުމަކީ އެކަމަނާގެ ތަސައްވުރެއް ކަމެވެ.

ޓާއިވާނަށް ޒަމާނީ ހަތިޔާރު ސަޕްލައި ކޮށް ދެނީ އެމެރިކާއިންނެވެ. ޓައިވާނަށް ހަތިޔާރު ވިއްކުމަށްޓަކައި، 280 މިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް، ސްޓޭޓް ޑިޕާޓްމަންޓުން މިދާކަށް ދުވަހު ވަނީ އާނބަސް ބުނެފަ އެވެ. މިއީ ޗައިނާ އަށް ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވާނެ އެވެ.