ދުނިޔެ

ޗައިނާއިން ޓައިވާނަށް ހަމަލާދީފި ނަމަ ދިފާއުގައި ނުކުންނާން: ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވާ ގޮތުގައި ޗައިނާއިން ޓައިވާނަށް ހަމަލާދީފި ނަމަ ޖަޒީރާ ދައުލަތުގެ ދިފާއުގައި އެމެރިކާ ނުކުންނާނެ އެވެ.

ސީއެންއެން ޕްރޮގްރާމެއްގައި ބައިޑަންއަށް ދެންނެވުނު ސުވާލަކީ ޓައިޕޭގެ ދިފާއުގައި ވަޑައިގަންނަވާނަން ތޯ އެވެ. ޖަވާބުގައި ވިދާޅުވީ ޓައިވާން ދިފާއުކޮ ށްދޭނެ ކަމަށް އޮންނާނީ ވައުދުވެ ވަޑައިގެންފައި ކަމަށެވެ.

އެމެރިކާ ބުނާ ގޮތުން "ވަން ޗައިނާ ޕޮލިސީ" އަށް އެމެރިކާ އިހުތިރާމް ކުރެ އެވެ. އެހެން ނަމަވެސް ޓާއިވާނަށް އުދުވާނީ ހަމަލާތަކެއް އަމާޒުވެއްޖެ ނަމަ ދިފާއީ އެހީތެރިކަން ފޯރު ކޮށްދޭނެ އެވެ. އޭގެ ތެރޭގައި ހަތިޔާރާއިި އިންޓެލިޖެންސް ލިބޭނެ ގޮތް ހެދުން ހިމެނެ އެވެ.

މަޝްރަހުގައި ހުރި ވާހަކަތަކަށް ބަލާއިރު ޗައިނާއިން ކޮންމެ ވަގުތެއްގައި ވެސް ޓައިވާނަށް އަރައިގެންފާނެ އެވެ. އެމެރިކާގެ ޑިފެންސް ސެކްރެޓަރި، ލޮއިޑް އޮސްޓިން ވިދާޅުވީ ބަޔަކު ދައްކަހާ ވާހަކައަކަށް ދެއްވާނެ ޖަވާބެއް ނެތް ކަމަށެވެ.

ޗައިނާއިން ބުނާ ގޮތުން އެމެރިކާގެ ވިސްނުން އޮތީ ޗައިނާ ލައްވައި ގޯހެއް ހެއްދުމަށެވެ. ބައިނަލްއަގްވާމީ ޖަމާއަތަށް ޗައިނާ ގޮވާލަނީ ޓައިވާންގައި އެމެރިކާއިން އިތުރު ގޯހެއް ހެދިއަ ނުދިނުމަށެވެ.

ޓައިވާން ކަނޑުއޮޅި އަކީ ވެސް މިފަހަކަށް އައިސް ނުތަނަވަސްކަން ބޮޑު މައިދާނެކެވެ. މިކަމާ ގުޅިގެން އެމެރިކާ ބުނަނީ ޗައިނާގެ އަމަލުތައް ހުރީ ކަންބޮޑުވާ ދަރަޖާގައި ކަމަށެވެ.

ޓައިވާނުން ބުނާ ގޮތުން ހަމަނުޖެހުން އުފައްދަނީ ޗައިނާ އެވެ. އޭގެ ހެއްކަކީ ޓައިވާންއަށް ނިސްބަތް އޮންނަ ދިފާއީ ސަރަހައްދުތަކަށް ފައިޓަރު ޖެޓްތަކާއި އަސްކަރީ އުޅަނދުތައް ޗައިނާއިން ފޮނުވުމެވެ.

ޗައިނާއިން ބުނާ ގޮތުން 24 މިލިއަން މީހުންގެ މައްޗަށް އެކުލެވޭ ޓައިވާން އަކީ ޗައިނާއިން ވަކިވެފައި އޮތް ޕްރޮވިންސެކެވެ. ތައިޕޭއިން ބުނަނީ ޓައިވާން އަކީ މިނިވަން ވަކި ދައުލަތެއް ކަމަށެވެ. ޓައިވާނުން މިބުނުން ގެންދަނީ ތަކުރާރު ކުރަމުންނެވެ.

ޓައިވާނަށް ގޮތް ކިޔޭ ސަރަހައްދު ތަކުގައި ޗައިނާއިން ވައިގެ ހަރަކާތްތައް އިތުރުކުރަމުން ގެންދާތީ އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެހެން ނަމަވެސް، ބެއިޖިން ބުނަނީ އެމެރިކާއިން ގެންދަނީ ޗައިނާގެ އެތެރޭގެ މައްސަލަތަކަށް ނުފޫޒު ފޯރުވަމުން ކަމަށެވެ.

ޗައިނާގެ ފައިޓަރު ޖެޓްތައް މިހާރު ކޮންމެ ދުވަހަކުހެން ޓައިވާންގެ ރައްކާތެރިކަމަށް ނުރައްކާކުރާ ކަމަށް ޓައިވާނުން ވެސް ބުނެ އެވެ.

ވޮޝިންޓަނާއި އެކުވެރި ގައުމުތަކަށް މިހާރު ކުރެވެން އޮތް ކަމަކީ ޓައިޕޭ އާއެކު އޮތީ ގާތް ގުޅުމެއްކަން ސާބިތުކޮށްދިނުމެވެ.

ޗައިނާއިން ހައިޕަސޮނިކް މިސައިލެއް ދާދިފަހުން ވަނީ ޓެސްޓްކޮށްފަ އެވެ. ސީއެންއެން ޕްރޮގްގައި ބައިވެރިވި ބޭފުޅަކު މިކަމާ ގުޅޭ ގޮތުން ބައިޑަންއަށް ދެންނެވުމުން ވިދާޅުވީ އެއީ މާބާރުގަދަ މިސައިލްތަކަކަށް ވެދާނެތީ ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށާއި އާންމު ރައްޔިތުން ވެސް އެކަމާ ވިސްނާނެ ކަމެއް ނެތް ކަމަށެވެ.