ސްވައިން ފްލޫ

ފްލޫއާ ގުޅިގެން އައިޖީއެމްއެޗްގައި ބައެއް ސާޖަރީތައް މެދުކަނޑާލައިފި

Mar 19, 2017

ރާއްޖޭގައި މިހާރު ފެތުރެމުންދާ ސުވައިން ފުލޫގެ ސަބަބުން އެޑްމިޓްކޮށްގެން ފަރުވާ ކުރަންޖެހޭ މީހުން އިތުރުވެފައިވާތީ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައި ބަލިމީހާ އެޑްމިޓް ކުރަންޖެހޭ ފަދަ ސާޖަރީތައް ކުރުން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މެދުކަނޑާލައިފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ސާޖަރީތައް މެދުކަނޑާލަން ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެން ކަމަށެވެ.

ސްވައިން ފްލޫ ވައިރަސް ރާއްޖޭގައި ބާރަށް ފެތުރެމުން ދާއިރު މިހާތަނަށް އެ ފްލޫއަށް ޓެސްޓްކޮށްފައި ވަނީ 350 މީހުންނެވެ. އަދި މިހާތަނަށް 114 މީހުން ވަނީ އެ ބައްޔަށް ޕޮސިޓިވް ވެފަ އެވެ. ސްވައިން ފްލޫ ޖެހިގެން ދެ މީހަކު މަރުވެފައިވާއިރު ހަ މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ

ސްވައިން ފުލޫގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭ ގޮތަށް އެޗްޕީއޭއިން އިއްޔެ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ އަންގާރަ ދުވަހު 2334 މީހެއް ފަރުވާ ހޯދާފައިވާ އިރު އޭގެ އަނެއް ދުވަހު އެ ބައްޔަށް ފަރުވާ ހޯދި މީހުންގެ އަދަދު ވަނީ 1890 އަށް މަދުވެފަ އެވެ. އަދި ބުރާސްފަތި ދުވަހު ރޯގާއަށް ފަރުވާ ހޯދި މީހުންގެ އަދަދު 2540 އަކަށް އިތުރުވި ނަމަވެސް އިއްޔެ އެ އަދަދު ވަނީ 1543 އަށް މަދުވެފަ އެވެ.

މިދިޔަ ހަތަރު ދުވަސް ތެރޭގައި އަތޮޅުތަކު ތެރެއިން އެންމެ ގިނައިން އަރިދަފުސް ރޯގާއަށް ފަރުވާ ހޯދާފައި ރ. އަތޮޅުންނެވެ. އެ އަތޮޅުން ރޯގާ ޖެހިގެން ފަރުވާ ހޯދާފައި ވަނީ 433 މީހުންނެވެ. އަދި އެ މުއްދަތު ތެރޭގައި އެންމެ މަދުން ފަރުވާ ހޯދާފައި ވަނީ ވ. އަތޮޅުންނެވެ. އެއީ 21 މިހުންނެވެ.