ރޯގާޖެހި ހުން އައިސްގެން އަންނަ ބަލި މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ހުޅުވި ފްލޫ ކްލިނިކް ބަންދު ކުރަން ނިންމައިފި އެވެ.
އައިޖީއެމްއެެޗްއިން ބުނީ އެ ކްލިނިކުން އެންމެ ފަހަށް ފަރުވާ ދޭނީ މިއަދު ކަމަށާއި މާދަމާއިން ފެށިގެން ކްލިނިކް ބަންދުވާނެ ކަމަށެވެ. ކްލިނިކް ބަންދުކުރަނީ އެ ތަނުން ހިދުމަތް ހޯދާ މީހުންގެ އަދަދު މަދުވުމުންނެވެ. މިހާރު ހުމާއި ރޯގާ ޖެހިގެން ދައްކާ އަދަދުތަކަށް ބަލާއިރު އިތުރު ކްލިނިކަކާ ނުލާ ހޮސްޕިޓަލްގެ އެމަންޖެންސީގައި ފަރުވާ ދެވޭނެ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.
ހުމާއި ރޯގާ ފެތުރެމުންދާތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު އެލާޓް ވެސް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. އެލާޓް ކެންސަލް ކޮށްފައިވަނީ މިހާރު ހުމާއި ރޯގާ އާންމު ހާލަތަށް އައިސްފައިވާ ކަމަށް ބުނެ އެވެ.
ރާއްޖޭގައި ހާއްސަކޮށް މާލޭގައި ހުމާއި ރޯގާ އިތުރުވުމުން ސަރުކާރުން ވަނީ ސްކޫލްތައް ވެސް ބަންދުކޮށްފަ އެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލައި އަންނަ ހަފުތާ ސްކޫލްތައް އަލުން ހުޅުވަން ވަނީ ނިންމާފަ އެވެ.