ސްވައިން ފްލޫ

ފްލޫ ޓާސްކް ފޯހަށް ކޮމިޓީއަށް ހާޒިރުވާން ދަތިވުމުން ފަސްކޮށްފި

ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާ، އެޗް1އެން1ގެ ކަންކަން ބަލާ ފްލޫ ޓާސްކް ފޯސްއަށް ރައްޔިތުން މަޖިލީހުގެ ސަރުކާރު މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުވާން ދަތި ކަމަށް ބުނެ އެ ބައްދަލުވުން އެހެން ދުވަހަކަށް އެޖެންޑާ ކޮށްދިނުމަށް އެދިއްޖެ އެވެ.

ސްވައިން ފްލޫ ފެތުރެމުންދާ އިރު ސަރުކާރުގެ މައްސޫލިއްތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހެޅި މައްސަލައަކީ އެކަމާ ގުޅިގެން ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް އަޅަމުންދޭތޯ ބެލުމެވެ. އެ ގޮތުން ހެލްތު މިނިސްޓްރީގެ ކަމާބެހޭ ފަރާތްތައް ހާޒިރު ކުރުމަށް އެ ކޮމިޓީން ނިންމީ މިދިޔަ އަންގާރަ ދުވަހުގަ އެވެ. އަދި އެ ފަރާތްތައް ރޭ 8:30 އަށް ކޮމިޓީއަށް ހާޒިރުވުމަށް ވެސް އެންގި އެވެ.

ނަމަވެސް ސަރުކާރުގެ މައްސޫލިއްތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ ފްލޫ ޓާސްކް ފޯސްއަށް ރޭ ކޮމިޓީއަށް ހާޒިރުވުމަށް ދަތިވާ ކަމަށް އަންގާފައިވާ ކަމަށާއި އެހެންކަމުން ރޭ އެ ކޮމިޓީ ބައްދަލުވުން ކެންސަލްވެފައިވާ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެ ފަރާތްތަށް އަލުން ހާޒިރުވުމަށް އަންގާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

"ވަކި ކޮން ދުވަހެއް ކަމެއް ކަނޑައެއް ނާޅަން. ފްލޫ ޓާސްކް ފޯސްއާ ވާހަކަދައްކާފަ އެ ބޭފުޅުންނަށް ވެސް ފަސޭހަ ވަގުތެއް ނިންމާނީ،" ރިޔާޒު ވިދާޅުވި އެވެ.

ފްލޫ ޓާސްކްފޯސް ހާޒިރު ކުރުމަށް ހުށަހެޅި އިދިކޮޅު އެމްޑީޕީގެ ފަރާތުން މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެވެ. އަދި އެ ހުށަހެޅުން ފާސްވީ ޕީޕީއެމްގެ ހުރިހާ މެންބަރުންގެ ވެސް ތާއީދާ އެކުގަ އެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 222 މީހަކު ވަނީ އެޗް1އެން1 އަށް ޕޮސިޓިވްވެފަ އެވެ. އަދި އޭގެ ތެރެއިން 20 މީހަކު އެޑްމިޓުކޮށްފައިވާ އިރު މިހާތަނަށް ހަ މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.