ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބޭނުންފުޅު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބުރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް އަދި ނައިބު ރައީސްކަން ދިއްގަރު ދާއިރާގެ މެންބަރު، ދަރިކަލުން އަހުމަދު ފާރިސް މައުމޫނަށް ހޯއްދަވައި ދެއްވަން ކަމަށް އެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
ރިޔާޒު ރަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި އެހެން ވިދާޅުވިއިރު އޭނާ ވިދާޅުވީ، ކިތަންމެ ޑީލެއް ހެދި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.
އިބޫ މަޖިލީހުގެ ރައީސް ކަމަށް ގެނެސް، ފާރިސް ނައިބު ރައީސް ކަމަށް ގެންނަން ރައީސް މައުމޫން މަސައްކަތްޕުޅު ކުރައްވަމުންދާ ކަމަށް ރިޔާޒު ތުހުމަތު ކުރެއްވިއިރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް މިހާރު ވަނީ މަޖިލީހަށް މައްސަލައެއް ވައްދާފަ އެވެ. އެ ޖަލްސާ މި މަހުގެ 27 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.
މަޖިލީހުގެ ރައީސް މަސީހު މަގާމުން ދުރުކުރުމަށް މައްސަލަ ހުށަހެޅުމުގައި އެންމެ އިސްކޮށް އުޅުއްވަނީ މެންބަރު ފާރިސް އެވެ. އޭނާއާއެކު އިބޫވެސް ހުންނެވި އިރު އެކަމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ރައީސް މައުމޫން ވެސް ވަނީ ވިދާޅުވެފައެވެ.
މަސީހު މަގާމުން ދުރުކުރުމަށް މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު ނައިބު ރައީސް ރީކޯ މޫސާ މަނިކު، އެ މަގާމުން ދުރުކުރުމަށް މައްސަލައެއް ވެއްދުމުގެ މަސައްކަތްތައް ވެސް ވަނީ ކުރަން ފަށާފަ އެވެ.
ފާރިސް ވިދާޅުވެފައިވާ ގޮތުގައި މަސީހު މަގާމު ދުރުކުރުމަށް ބޭނުންވާ އަދަދަށް މެންބަރުންގެ ވޯޓު ވަނީ ހަމަވެފަ އެވެ. ނަމަވެސް މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ އެ ވޯޓު ފެއިލްކޮށްލާނެ ކަމަށް ވިދާޅުވެފަ އެވެ.