މަޖިލީހުގެ ޖަލްސާއަށް 43 މެންބަރުން ހަމަ ނުވަނީސް އިންތިހާބުތަކާ ބެހޭ ގާނޫނު ފާސް ކުރަން ވޯޓަށް އަހަން ފެންނަ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މިއަދު ހުށަހެޅުއްވި ހުށަހެޅުމަށް ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އާއި އެމްޑީއޭގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަަދު އާމިރު ވޯޓެއް ނުދެއްވި އެވެ.
ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން ރައްޔިތުން އެއެއްގެ މައްޗަށް އަމަލުކުރަންޖެހޭ ކޮންމެ ކަމެއް ފާސްކުރަންޖެހޭނީ ގާނޫނުގައިވާ މަޖިލިސް މެންބަރުންގެ އަދަދުގެ ދެބައިކޮށްފަ އެއްބައި މެންބަރުން ތިއްބަވައިގެންނެވެ. އެއީ 43 މެންބަރުންގެ ހާޒިރުގައި ނަގާ ވޯޓަކަށް ވާން ޖެހެ އެވެ. ނަމަވެސް އިދިކޮޅު މެންބަރުން މަޖިލީސް ބޮއިކޮޓްކޮށްފައިވާތީ އެ އަދަދަކަށް މެންބަރުން ހަމައެއް ނުވެ އެވެ.
ނަމަވެސް އިންތިހާބުތަކާ ބެހޭ ގާނޫނުތައް ފާސް ކުރަން ޖެހޭތީ މަސީހު މިއަދު ހުށަހެޅީ ދިޔަ ދެ ދުވަހުގެ މަތިން ވެސް ރިޔާސީ އިންތިހާބުތަކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް އިދިކޮޅު މެންބަރުން މަޖިލީހަށް ހާޒިރުވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރި ނަމަވެސް ޖަލްސާގައި ބައިވެރިވެފައި ނުވާތީ އާއި އެ ތިން އިސްލާހު ފާސް ކުރުމަށް ޒަރޫރަތްތެރި ހާލަތެއް އައިސްފައިވާތީ 43 މެންބަރުން ހަމަ ނުވަަނީސް ވޯޓަށް އަހަން ފެންނަ ކަމަށެވެ. އެ ހުށަހެޅުން ފާސް ކުރަން ފެންނަ ކަމަށް ވޯޓުދެއްވީ މަޖިލީހަށް ހާޒިރުވި 35 މެންބަރުންގެ ތެރެއިން 31 މެންބަރުންނެވެ. ރިޔާޒާއި އާމިރުގެ އިތުރުން ޕީޕީއެމްއަށް ނިސްބަތްވާ ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން އެ ހުށަހެޅުމަށް ވޯޓެއް ނުދެއްވަ އެވެ.
މެންބަރުންގެ އަދަދު ހަމަ ނުކޮށް މިއަދު ފާސްކޮށްފައި ވަނީ ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތައް ބަދަލު ކުރާ އިސްލާހާއި އެ މަގާމަށް ކުރިމަތިލުމަށް ދައްކަން ޖެހޭ ފީ ބޮޑު ކުރުމާއި އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކެކެވެ.