ހަބަރު

ރިޔާޒާއި އަދުރޭގެ ކުންފުނިން ތެޔޮ ގަނެފައިވަނީ ބޮޑު އަގުގައި: ފެނަކަ

ފެނަކަ ކޯޕަރޭޝަން އިން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރެއްގެ މަސްލަހަތު އޮންނަ ދެ ކުންފުންޏަކުން ބޮޑު އަގުގައި ތެޔޮ ގަތް މައްސަލައިގެ މައުލޫމާތުތަކާއި ލިޔެކިޔުންތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރެކަރަވަރީގެ ރިޔާސީ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ކަންކަން ބަލަން ރައްޔިތުންގެ މަޖިލީހުގައި އޮންނަ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ފިއުލް ސައިޕްލައިއަށް ކުންފުނިން ކޯޓާ ކޮށްފައިވާ އަގަށްވުރެ މަތީ އަގުތަކަށް ދެ މެންބަރެއްގެ މަސްލަހަތު އޮންނަ ދެ ކުންފުންޏަކުން ތެޔޮ ގަނެފައިވާ ކަމަށެވެ. އެ މުއާމަލާތްތަކުގެ މައުލޫމާތުތައް އޭސީސީއާއި ރިޔާސީ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"ފެނަކައިން އެބަހުރި 8.25 ރުފިޔާއަށް ފިއުލް ސަޕްލައި މޯލްޑިވްސް އިން ތެޔޮ ގަނެފަ ނަމަވެސް 28 ރުފިޔާގެ އަގުން އެ ކުންފުނިތަކުން ގަނެފަ، އެއީ ލ. އަތޮޅަށް ނިސްބަތްވާ ކުރީގެ މެންބަރަކާއި ތ. އަތޮޅަށް ނިސްބަތްވާ ކުރީގެ މެންބަރެއްގެ މަސްލަހަތު އޮންނަ ދެ ކުންފުނިން. އެ ކަމާ ބެހޭ މައުލޫމާތުތައް ރެސެޓް އެކަވަރީ ކޮމިޝަނަށް ވާނީ ހުށަހަޅާފައި. އަދި އޭސީސީއަށް ވެސް ވާނީ ހުށަހަޅާފައި،" ސައީދު ވިދާޅުވި އެވެ.

އެ މެންބަރުންނަކީ ކޮބައިތޯ މެންބަރަކު ސުވާލު ކުރެއްވުމުން އެމްޑީ ވިދާޅުވީ އެ ދެ މެންބަރުންނަކީ ލ. ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ގެ މަސްލަހަތު އޮންނަ ކުންފުންޏަކާއި ތ. ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި އެ ދެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ވެސް ނުދައްކާ އެބަހުއްޓެވެ. ނަމަވެސް ފައިސާގެ އަދަދެއް ވިދާޅެއް ނުވެ އެވެ. އަދި ވިދާޅުވީ އެ މުއާމަލާތްތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދިފައިވާތީ އެ ފައިސާތައް ނުދައްކާ ހިފަހައްޓާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި އާ މެނޭޖްމަންޓް ކުންފުންޏާ ހަވާލުވިއިރު ފިއުލް ސަޕްލައި މޯލްޑިވްސްއަށް 658 މިލިއަން ރުފިޔާ ދައްކަން އޮތެވެ. ނަމަވެސް އޭގެ ތެރެއިން 392 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާރު ދެއްކިފައިވާ ކަމަށެވެ. އަދި އެހެން ކުންފުނިތަކަށް 63 މިލިއަން ރުފިޔާ ދައްކަން އޮތް ކަމަށާއި އޭގެ ތެރެއިން މިހާރު ނުދެއްކި ބާކީ އޮތީ ނުވަ މިލިއަން ރުފިޔާ ކަމަށް ސައީދު ވިދާޅުވި އެވެ.