ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމް ކުންފުނިން އެސްޓީއޯއިން ނެގި ފައިސާއާ ގުޅުން ހުރި ލިޔެކިޔުންތައް ފެނުނު ކަމަށް އެސްޓީއޯއިން ބުނަނީ ޝަރީއަތަށް ނުފޫޒު ފޯރުވަން ކަމަށް މެރީޑިއަމް ކުންފުނިން ބުނެފި އެވެ.
މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މެރީޑިއަމް އިން އެސްޓީއޯއިން ނެގި ފައިސާގެ ލިޔެކިޔުންތަކުގެ ޑިޖިޓަލް ކޮޕީއެއް ކޮމްޕިއުޓާ ސިސްޓަމްތަކުގައި އެބަ ހުރި ކަމަށެވެ. އަދި ވިދާޅުވީ ލިޔެކިޔުންތަކުގެ ކޮޕީއެއް ހައި ކޯޓަށާއި ފުލުހުންނަށް ހަވާލުކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން މެރީޑިއަމް ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެސްޓީއޯއިން ކުރަމުންދާ މަސައްކަތަކީ ހަގީގަތެއް ނެތް މަސައްކަތެއް ކަމަށެވެ. އެ ގޮތުން ޝަރީއަތުގެ އަޑުއެހުން ނިމި، ހައި ކޯޓުގައި މައްސަލަ ބަލަމުން ދަނިކޮށް ޝަރީއަތަށް ޖަވާބުދާރީވުމުގެ ބަދަލުގައި ލިޔެކިޔުންތައް ފެނުނު ކަމަށް ބުނުމަކީ ހިނގަމުންދާ ޝަރީއަތަށް ނުފޫޒު ފޯރުވުމަށްޓަކައި ކުރަމުންދާ ކަމެއް ކަމަށް މެރީޑިއަމް އިން ދެކޭ ކަމަށް އެ ކުންފުނީގެ ބަޔާނުގައިވެ އެވެ.
މެރީޑިއަމް ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ހުރިހާ މުއާމަލާތެއް ކުރުމަށް ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ބަލައި ހޯދާފައިވާ މައްސަލައަކަށް އެ މައްސަލަވީއިރު އެ ކުންފުނިން އެއިރު ވެސް މަސައްކަތް ކުރީ ގާނޫނާ އެއްގޮތަށް ކަން ހާމަވެފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ.
ދެހާސްދިހަ ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެސްޓީއޯއިން މެރީޑިއަމް އިން ނެގި ތެލަށް 19 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް ބުނެ އެސްޓީއޯއިން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ 2016 ވަނަ އަހަރު ސިވިލް ކޯޓަށެވެ. ސިވިލް ކޯޓުން އޭރު ހުކުމް ކުރީ ދައުވާގައި ބުނާ ތެޔޮ މެރީޑިއަމަށް ދޫކުރިކަން ސާބިތުމުބާތީ އެ ފައިސާ ދޭން އަމުރު ކުރެވެން ނެތް ކަމަށެވެ. މިހާރު އެ މައްސަލަ ބަލަމުން ދަނީ ހައި ކޯޓުންނެވެ.