ހަބަރު

ރިޔާޒުގެ މެރީޑިއަމަށް ދޫކުރި 19 މިލިއަން ރުފިޔާގެ ލިޔެކިޔުންތައް ހޯދައިފި

Jul 4, 2019
1

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމް ކުންފުނިން ނެގި ކަމަށް ބުނާ 19 މިލިއަން ރުފިޔާގެ ތެލާ ގުޅުން ހުރި ލިޔެކިޔުންތައް ހޯދައި ހައި ކޯޓާ ހަވާލު ކޮށްފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިއްޔެ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި މަޖިލިސް މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ މެރީޑިއަމަށް ދޫކޮށްފައިވާ ފައިސާގެ މުއާމަލާތްތަކާ ގުޅުން ހުރި ޕްރިންޓް ކޮށްފައިވާ އެއްވެސް ލިޔެކިޔުމެއް ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ލިޔެކިޔުންތަކުގެ ޑިޖިޓަލް ކޮޕީތައް ކޮމްޕިއުޓާ ސިސްޓަމުގައި އެބަ ހުރި ކަމަށެވެ.

އަމްރު ވިދާޅުވީ މައްސަލަ ނުނިމި ހައި ކޯޓުގައި ގިނަ ދުވަސްވަމުންދާތީ ކުންފުންޏަށް ގެއްލުން ލިބެމުންދާ ކަމަށެވެ. އެހެންކަމުން މައްސަލަ ވީހާވެސް އަވަހަށް ނިންމާ ދިނުމަށް ހައި ކޯޓުގައި އެދިފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ލިޔެކިިޔުންތަކުގެ ކޮޕީއެއް ހައި ކޯޓަށާއި ފުލުހުންނަށް ވެސް ހަވާލުކޮށްފައިވާނެ ކަމަށެވެ.

ދެހާސްދިހަ ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެސްޓީއޯއިން މެރީޑިއަމުން ނެގި ތެލަށް 19 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް ބުނެ އެސްޓީއޯއިން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ 2016 ވަނަ އަހަރު ސިވިލް ކޯޓަށެވެ. ސިވިލް ކޯޓުން އޭރު ހުކުމް ކުރީ ދައުވާގައި ބުނާ ތެޔޮ މެރީޑިއަމަށް ދޫކުރިކަން ސާބިތުމުބާތީ އެ ފައިސާ ދޭން އަމުރު ކުރެވެން ނެތް ކަމަށެވެ. މިހާރު އެ މައްސަލަ ބަލަމުން ދަނީ ހައި ކޯޓުންނެވެ.