ސްޓެލްކޯއަށް ތެޔޮ އެތެރެކުރުމުގެ ހުއްދަ ދޭން އެދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފި އެވެ.
ޖާބިރު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތަރު މެމްބަރުންނެވެ. ނުފެންނަ ކަމަށް 28 މެމްބަރަކު ވޯޓު ދެއްވި އެވެ. އެހެންކަމުން މި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފާހެއް ނުވި އެވެ.
މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ރަޝިއާއަށް އަޅަން ފަށާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އިގްތިސޯދީ ގޮތުން ދިވެހިންނަށް އަސަރުތަކެއް ކުރާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އެގޮތުން ރާއްޖެއަކީ 100 ޕަސެންޓް ހަކަތަ އެތެރެކުރާ ގައުމަކަށް ވާތީ މިހާރުވެސް ކުއްލި ކުއްލިއަށް ބޮޑުވަމުންދާ ތެލުގެ އަގާ ގުޅިގެން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ކަރަންޓް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވާ ކަަމަށެވެ. އަދި ކުރިއަށް އޮތް ރޯދަ މަހު ވެސް ކަރަންޓަށް ކުރަންޖެހޭ ހަރަދު އިތުރުވެ ތަކެތީގެ އަގުތައް މައްޗަށްދާއިރު ދިވެހިންނަށް އިތުރު އުނދަގޫތަކެއް ތަހައްމަލުކުރަން ޖެހިދާނެ ކަމަށެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެކުރަނީ އެސްޓީއޯއިން ކަމަށްވާތީ އަދި ފަހުން ސްޓެލްކޯއަށް ވިޔަފާރި އުސޫލުން ތެޔޮ ގަނެ ވިއްކަން ޖެހުމުން އޭގެ ބުރަ އުފުލަން ޖެހެނީ ރައްޔިތު މީހާއަށް ކަމަށެވެ. އެހެންނަމަވެސް ސްޓެލްކޯ އިން ތެޔޮ އެތެރެކުރެވިއްޖެ ނަމަ ކަރަންޓު ބިލުން ކުރާ ހޭދައަށް ހެޔޮ ބަދަލެއް ގެނެވިދާނެ ކަމަށެވެ. އަދި ލަސްނުކޮށް އެ ހުއްދަ ސްޓްލެކޯއަށް ދިނުމަށް ޖާބިރު ގޮވާލެއްވި އެވެ.