އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގައި ސްވައިން ފްލޫ ޖެހިގެން 14 މީހުން މަރުވެއްޖެ އެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހުން މިއަދު ބުނީ މިދިޔަ ހަފުތާގައި މަރުވި މީހުންނާއެކު މަހާރާޝްތުރާ ސްޓޭޓުގައި މިމަހު ސްވައިން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު 30 އަށް އަރާފައިވާ ކަމަށެވެ. އަދި ބުނީ އެބަލި ޖެހޭ މީހުން ހާލު ދެރަވާ މިންވަރު ވެސް އިތުރުވެފައިވާ ކަމަށާއި ހާލު ދެރަ 16 މީހަަށް ސްޓޭޓްގެ އެކި ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އިންޑިއާގެ ސިއްހީ އޮފިޝަލުން ވިދާޅުވެފައި ވަނީ ސްވައިން ފްލޫގެ ސަބަބުން ބަލި މީހުންގެ ހާލު ދެރަވެފައި ވަނީ އެބަލީގައި މީހުންގެ ފުއްޕާ މޭ ހަލާކުވެގެން ކަމަށެވެ. އަދި ބައެއް ބަލިމީހުންނަށް އެގޮތަށް ދިމާ ވަނީ ދިފާއީ ނިޒާމު ބަލިކަށިވެގެން ނުވަތަ ފަރުވާ ކުރުން ލަސްކުރުމުގެ ސަބަބުން ކަށް ވެސް އޮފިޝަލުން ވިދާޅުވެފައި ވެއެވެ.
މަހާރާޝްތުއާ ސްޓޭޓްގެ ރަށްތަކުގެ ތެރެއިން ބަލި އެންމެ ބާރަށް ފެތުރޭ ރަށަކީ ޕޫނާއެވެ. މިއަހަރުގެ މިހައިތަނަށް މަހާރާޝްތުރާ ސްޓޭޓްގެ 182 މީހަށް ބަލި ޖެހިފައިވާއިރު އޭގެ ތެރެއިން 82 މީހުންނަކީ ޕޫނާގައި އުޅޭ މީހުންނެވެ. އަދި ބަލީގައި މަރުވި 40 މީހުންގެ ތެރެއިން 15 މީހުންނަކީ ވެސް އެރަށުގައި އުޅުނު މީހުންނެވެ.
ސްވައިން ފްލޫ ( އެޗް1އެން1 ) ރާއްޖޭގައި ވެސް ދަނީ ބާރަށް ފެތުރެމުންނެވެ.