ދުނިޔެ

ޖަޕާނުގައި ދޫނި ރޯގާ ފެތުރެނީ، ޝައްކުކުރެވޭ ކުކުޅުތައް ނައްތާލާނެ

ޖަޕާނުގައި ދޫނި ރޯގާ ފެތުރެން ފަށައިފި އެވެ. އެ ގައުމުގެ އެގްރިކަލްޗާ މިނިސްޓްރީން ބުނީ ޕޯލްޓްރީ ފާމްތަކުގައި ބަލިމަޑުކަމުގެ އޮއިވަރެއް އުފެދިފައިވާ ކަމަށެވެ. މިއީ ފާއިތުވި ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ޖަޕާނުގައި ދޫނި ރޯގާ އެންމެ ބޮޑަށް ފެތުރިގަތް ފަހަރެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ ހިރޮޝީމާގެ އަވަށްތަކުން އޭވިއަން އިންފްލުއެންޒާ ފެނިފައިވާ ކަމަށެވެ. ބިސް އަޅުވާ ފާމްތަކުން ރޯގާގެ އަސަރު ފެނުނު ނަމަވެސް، މިނިސްޓްރީން ބުނި ގޮތުގައި ބިސް ކެއުމަކުން އިންސާނުންނަށް ދޫނި ރޯގާއެއް ނާރާނެ އެވެ.

ޖަޕާނުގައި 2016 އަށް ފަހު ދޫނި ރޯގާގެ ހާލަތު މި ފަހަރު ނޫނީ އަތްދަށުން ގޮސްފައެއް ނުވެ އެވެ. ދޫނި ރޯގާ އުޅޭކަން ފުރަތަމަ ފާހަގަ ކުރެވުނީ ފާއިތުވި މަހު، ކަގަވާއިންނެވެ. އެ އަށް ފަހު ޝިކޮކު، ފުކުއޮކާ، ހިޔޮގޮ، މިޔަޒަކީ އަދި ނާރާ ޕްރިފެކްޗާއިން ވެސް ވަނީ ފެނިފަ އެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނި ގޮތުގައި، ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުގައި، މިހާރާގައި ހުރި ފާމްތަކުން 130،000 ކުކުޅު ކަތިލައި ވަޅުލެވޭނެ ކަމަށެވެ. އަދި ފާމް ވަށައި ތިން ކިލޯ މިޓަރު ސަރަހައްދެއް ބަންދު ކުރެވޭނެ ކަމަށެވެ.

ދޫނި ރޯގާ ފެތުރިގަންނަ ކޮންމެ ފަހަރަކު އެތައް ހާސް ކުކުޅެއް ނައްތާލެވޭ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެހެންކަމުން ދޫނި ރޯގާއާ ގުޅުން ހުރި ބަލިމަޑުކަމުގައި ދެ މިލިއަނެއްހާ ކުކުޅު މިހާތަނަށް ނައްތާލެވިފައި ވާނެ ކަމަށެވެ.

ދުނިޔޭގައި ދޫނި ރޯގާގެ އަސަރު އެކި ގައުމުތަކުން މިހާރު ވެސް ދަނީ ފެންނަމުންނެވެ. ސައުތު ކޮރެއާއިން ދޫނި ރޯގާ ފެނި، ފާއިތުވި ހަފުތާގައި 400،000 ކުކުޅާއި އަސްދޫނި ނައްތާލެވިފައިވެ އެވެ. ޔޫރަޕްގައި ދޫނި ރޯގާ ފެތުރިގަތްފާނެ ކަމަށް ބަލައި ޕޯލްޓްރީ އިންޑަސްޓީ އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.