ދޫނި ރޯގާ ޖެހިގެން މެކްސިކޯ ރައްޔިތަކު މަރުވެއްޖެ ކަމަށް ބުނެ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކުރި އިއުލާނަކީ ދޮގެއް ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ހޯހޭ އަލްކޯސާ ވިދާޅުވެއްޖެ އެވެ.
ޑަބްލިޔުއެޗްއޯ އިން ކުރި އިއުލާނެއްގައި އޮތީ މެކްސިކޯގައި ދޫނި ރޯގާގެ ބާވަތެއް ޖެހިގެން މީހަކު މަރުވެއްޖެ ކަމަށެވެ. ދޫނި ރޯގާގެ އެ ވައްތަރަކީ މީގެ ކުރިން އިންސާނުންގެ ގަޔަަށް އަރާކަން އެނގިފައި ނެތް ބާވަތެއް ކަމަށް ވެސް އިއުލާނުގައި އޮތެވެ.
ވަޒީރު ހޯހޭ އަލްކޯސާ ވިދާޅުވީ މަރުވި ކަމަށް އެ ބުނާ 59 އަހަރުގެ މީހާގެ ގައިން ޑަބްލިޔުއެޗްއޯ އެ ބުނާ ދޫނި ރޯގާގެ އޭ(އެޗް5އެން2) ވައިރަސް ފެނިފައި ނުވާ ކަމަށެވެ. އެ މީހާ މަރުވީ އެހެން ބަލިތަކެއްގައި -- ކިޑްނީ ބައްޔާއި ފުއްޕާމޭގެ ބަލީގައި ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު އާންމުންނަށް ކުރެއްވި އިލްތިމާސަކީ ޑަބްލިޔުއެޗްއޯއާ މެދު ސަމާލުވުމެވެ. ދުނިޔޭގެ ސިއްހަތު ޖަމާއަތުގެ ނަމުން ނަންދީފައި އޮތަސް ވަޒީރު ވިދާޅުވި ގޮތުގައި މިފަދަ ހަބަރުތަކުން އެނގެނީ އެ ޖަމާއަތުން ދޮގުހަދާ ކަމެވެ.
ސަރުކާރާ އެކު އާންމު ރައްޔިތުން ތިބުމަށްވެސް ވަޒީރު އެދިވަޑައިގެންނެވި އެވެ. އަދި ދޫނި ރޯގާއާ ގުޅުން ހުރި އެއްވެސް ބައްޔެއް -- ގައިން ގަޔަށް އަރާ ހާލަތުގައި ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދޫނި ރޯގާ ޖެހިގެން މީހަކު މަރުވި ހަބަރު ޑަބްލިޔުއެޗްއޯއަށް އިއުލާންކުރެވުނުއިރު، އޭނާގެ ކިބައިގައި ހުރި އެހެން ބައްޔަކުން އޭނާ މަރުވެދާނެ ކަމަށް ލަފާނުކުރެވި އޮތީ ކީއްވެތޯ ހޯހޭ އަލްކޯސާ ސުވާލުކުރެއްވި އެވެ.
މަރުވި ކަމަށް ބުނާ މީހާ އަކީ ތަފާތު އެހެން ބަލިތަކަށް -- ހަކުރު ބައްޔާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ކުރި މީހެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ. މިހެން ކަން އޮވެފައި އޭނާ ކުއްލިއަކަށް މަރުވުމުން އެކަން ދޫނި ރޯގާއާ ގުޅުނީ ކިހިނެއްތޯ ވަޒީރު ސުވާލުކުރެއްވި އެވެ.