ދުނިޔެ

ދޫނިރޯގާ ފެތުރޭތީ ޖަޕާނުގަައި 1.5 މިލިއަން ކުކުޅު ކަތިލަނީ

ޖަޕާނުގައި ދޫނިރޯގާ އާދަޔާ ޚިލާފަށް ފެތެރެމުންދާ ދެ އަަވަށެއްގައި -- އޮކަޔަމާ އާއި އިބަރާކީގައި 1.5 މިލިއަން ކުކުޅު ކަތިލަނީ އެވެ.

ޚަބަރުތައް ބުނާ ގޮތުން ސިއްހީ އިދާރާތަކުގެ އުންމީދަކީ ދޫނިރޯގާ ފެތުރުމަށް ހުށަހެޅިފައި ތިބި ކަމަށް ބެލެވޭ ކުކުޅާއި ދޫނިސޫފާސޫފި ފަދަ ބާވަތްތައް ނައްތާލުމެވެ.

ޖަޕާނުން މީގެ ކުރިންވެސް ވަނީ ދޫނިރޯގާގެ ބިރަށް އެތައް މިލިއަން ކުކުޅެއް ކަތިލައި ނައްތާލާފަ އެވެ.

ސިއްހީ އިދާރާތަކުން ބުނާ ގޮތުން ކުކުޅުތައް ނައްތާލަނީ ވަރަށް ބޮޑަށް ޓެސްޓްކުރުމަށް ފަހު އެވެ.

ޖެނެޓިކް ޓެސްޓް ހަދައި ދޫނިރޯގާގެ ވައިރަސް ހުރިކަން ކަށަވަރު ކޮށްފައި ނޫނީ ކުކުޅުތައް ނައްތައިނުލާނެ ކަމަށް ވެސް އިދާރާތަކުން ބުނެ އެވެ.

ޖަޕާންގައި އިތުރު އަވަށްތަކަށް ދޫނިރޯގާ ފެތުރިދާނެ ކަމުގެ ބިރަށް އެހެން އަވަށްތަކަށް ކުކުޅާއި ކުކުޅުބިސް ގެންދިއުން ވެސް އޮތީ މަނާކޮށްފަ އެވެ. ދޫނިރޯގާ ފާޅުވި އަވަށްތަކާ ކަރިއި ހިސާބުތައް ވެސް މިހާރު އޮތީ ލޮކްޑައުންކޮށްފަ އެވެ.

ދޫނިރޯގާ މީގެ ކުރިން ފެނުނު އަވަށްތަކުގެ ތެރޭގައި ކަގަވާ އާއި ހޮކައިޑޯ ހިމެނެ އެވެ. މި އަވަށްތަކާ މެދު ވެސް ހަރުކަށި އުސޫލުން ބަލައި ވަނީ މޮނީޓާކޮށްފަ އެވެ.

ޖަޕާންގައި ދޫނިރޯގާ އާންމުކޮށް ފާޅުވަނީ ގިނަ އަދަދަކަށް ކުކުޅު ގެންގުޅޭ ހިސާބުތަކުންނެވެ. އެހެންކަމުން ދޫނިރޯގާގެ އަލާމާތްތައް އާންމުންނާ ހަމައަށް ފޯރުމުގެ ކުރިން ކުކުޅުތައް ނައްތާލަނީ އެވެ.

ދޫނިރޯގާ އަކީ ވަރަށް ފަސޭހައިން ފެތުރޭ ވައިރަހެކެެވެ. ދޫނިރޯގާގެ ސަބަބުން މީހުން އޮޅުކޮށްގެން ލޯބިން ގެންގުޅޭ ދޫނީގެ ބާވަތްތައް ވެސް ނައްތާލަން ވަނީ ޖެހިފަ އެވެ.

ދޫނިރޯގާ އަކީ އޭގެ ޒާތުގައި އިންސާނުންގެ މެދުގައި ފެތުރިގަންނަ ވައިރަހެއް ނޫނެވެ. އެހެން ނަމަވެސް ދޫނިރޯގާއަށް ނިސްބަތްކުރެވޭ ވަކި ބާވަތެއް އިންސާނުނަށް ފޯރާ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

އެ ނޫން ގޮތެއްގައި ދޫނިރޯގާގެ ސަބަބުން ފާޅުވެދާނެ ކަމަށް ބެލެވޭ ބާވަތްތަކުގެ ބަލިމަޑުކަން އިންސާނުންނާއި އެހެނިހެން ޖަނަވާރުންގެ ކިބައިން ފެންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ ބުނެފަ އެވެ.