ޑަބްލިޔޫއެޗްއޯ

ކޮންގޯގައި ގޮތްނޭނގޭ ބައްޔެއް، 50 އަށްވުރެ ގިނަ މަރު

ކޮންގޯގައި ގޮތްނޭނގޭ ނުރައްކާތެރި ބައްޔެއް ފެތުރި މަރުވި މީހަކު ގެންދަނީ
0%
0%
0%

ކޮންގޯގެ އިރުމަތީ ސަރަހައްދުގައި ނުރައްކާތެރި ބައްޔެއް ފެތުރި އެތައް ބަޔަކު މަރުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހާމަކޮށްފައިވާ ގޮތުގައި މިބަލީގައި މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މި ބަލީގެ އާންމު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޭރަށް ހިންގުމާއި، ވަރުބަލިވުން އަދި ހަށިގަނޑުގައި ލޭ ގަނޑުވުން ހިމެނެ އެވެ. ބަލީގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް މަތިވަމުންދާ ކަމަށްވެސް ޑަބްލިއުއެޗްއޯ އިން މައުލޫމާތުދެ އެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މި ބަލީގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވަނީ ބަލި ޖެހުނުކަން އެނގޭ ހިސާބުން ގާތްގަނޑަކަށް 48 ގަޑިއިރުގެ ތެރޭގައި މީހާގެ ފުރާނައަށް ނުރައްކާވާތީ އެވެ. އެހެންކަމުން ބަލީގެ އަލާމާތްތައް ފެންނަން ފެށުމާއެކު ވަގުތުން ސިއްހީ ހިދުމަތްތެރިންނަށް ދެއްކުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެ އެވެ.

މިހާތަނަށް ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ގިނައީ 15 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ ބަލި ޖެހިފައިވާ ކޮންމެ ދެ މީހަކުން އެކަކު މަރުވެފައިވުމެވެ. މި ބައްޔަކީ ކޮބައިކަން ދެނެގަތުމަށްޓަކައި ޑަބްލިޔުއެޗްއޯ އިން ވަނީ ތަހުލީލުތަކެއް ހަދަން ފަށާފަ އެވެ.

ޑަބްލިއުއެޗްއޯގެ ޑޮކްޓަރުން ކޮންގޯގައި ހަރަކާތްތެރިވަނީ

ކޮންގޯގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި މި ބަލި ފެތުރެމުންދާ ސަރަހައްދަށް ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ދަތިތަކެއްވެސް ކުރިމަތިވެފައިވެ އެވެ. ހާއްސަކޮށް އެ ސަރަހައްދުގައި ދާހިލީ ހަނގުރާމައެއް ހިނގަމުންދާތީ ސިއްހީ އެހީތެރިންނަށް އެ ސަރަހައްދަށް ވަދެނިކުމެ ހެދުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށްވެ އެވެ.

މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ޑަބްލިޔުއެޗްއޯ އިން ވަނީ ކޮންގޯގެ ސަރުކާރާ ގުޅިގެން ކުއްލި މަސައްކަތްތަކެއް ފަށާފަ އެވެ. މީގެ ތެރޭގައި ބަލި ޖެހިފައިވާ މީހުން ދެނެގަތުމާއި، އެ މީހުންނަށް އަވަސް ފަރުވާ ދިނުމާއި، ބަލި ފެތުރުން ހުއްޓުވުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުން ހިމެނެ އެވެ.

ބަލި ފެތުރެމުންދާ ސަރަހައްދަކީ ކުރީގައި އެބޯލާ ބަލި ފެތުރުނު ސަރަހައްދަކަށްވުމާއެކު، ގިނަ ބައެއްގެ ކަންބޮޑުވުން އިތުރުވެފައިވެ އެވެ. ނަމަވެސް ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއީ އެބޯލާ ނޫންކަން ކަށަވަރުވެފައިވެ އެވެ.

ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ބައެއް މީހުންނަށް ވަގުތީ މަރުކަޒުތަކުގައި ފަރުވާ ދެމުންދެ އެވެ. އެހެންނަމަވެސް ސިއްހީ ވަސީލަތްތަކުގެ ދަތިކަމާ ހެދި ގިނަ ބަޔަކަށް އެކަށީގެންވާ ފަރުވާ ލިބެމުން ނުދާ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެ އެވެ.

މި ބަލި ފެތުރެމުންދާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910