ދުނިޔެ

މުހިންމީ ކޮވިޑް އުފެދުނު ގޮތެއް ނޫން، ރައްކާތެރިވުން: ފައުޗީ

ކޮވިޑް ބޭރުވީ ޗައިނާގެ ވުހާންގެ ލެބޯޓަރީއަކުން ކަމަށް ގަބޫލު ކުރާ މީހުން ވަރަށް ގިނަ އެވެ. އެމެރިކާގެ ސެންޓަ ފޮ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ކުރީގެ ޑައިރެކްޓަރު، ރޮބާޓް ރެޑްފީލްޑް ވިދާޅުވީ އޭނާ ވެސް ގަބޫލު ކުރައްވަނީ އެގޮތް ކަމަށެވެ. އޭނާ ވިދާޅުވީ ވުހާން ލެބޯޓަރީން ވައިރަސް ބޭރުވުން އެއީ ބަޔަކު ގަސްދުގައި ކުރި ކަމަކަށް ނުވެދާނެ ކަމަށާއި އެކަމަކު ބޭރުވީ ލެބޯޓަރީން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ކޮވިޑް ވައިރަސް ޗައިނާ އަށް ނިސްބަތް ކުރުން މިއޮތީ ވަރަށް ބޮޑަށް ސިޔާސީވެފަ އެވެ. އެމެރިކާ އިން ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މިކަން ޗައިނާ ބޮލުގައި އަޅުވަން ބޭނުންވެ އެވެ.

ވުހާންގެ ލެބޯޓަރީން ވައިރަހެއް ބޭރުވުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ޑަބްލިޔުއެޗްއޯގެ ސައިންސްވެރިން ބުނި ނަމަވެސް، އެމެރިކާ އިން މިކަން ގަބޫލެއް ނުކުރެ އެވެ. އެމެރިކާ ދެކޭ ގޮތުގައި އާންމުން ގަބޫލު ކުރަން ޖެހޭނީ ކޮވިޑަކީ ވުހާންގެ ލެބުން ބޭރުވި އެއްޗެއްގެ ގޮތުގަ އެވެ.

އެމެރިކާގެ ސަރުކާރުން ބައިއަޅާ މީޑިއާ ޗެނަލްތަކުގެ ވިސްނުމަކީ ވެސް ކޮވިޑް ޗައިނާގެ ބޮލުގައި އެޅުވުމެވެ. އަދި ގިނަ ބަޔަކު ގަބޫލުކުރާ މީހަކު ތަނެއްގަައި ހުރި ނަމަ ސުވާލުކޮށް އޭނާ ލައްވާ އެއްބަސް ކުރުވަން ވެސް ވަރަށް މަސައްކަތްކުރެ އެވެ.

ރޮބާޓް ރެޑްފީލްޑް ވިދާޅުވި ވިދާޅުވުމަކީ ހަމަ އެކަން ހިނގި ގޮތް ކަމަށް ވިދާޅުވެ އެއްބަސްވެ ވަޑައިގަންނަވާތޯ ޑރ. އެންތަނީ ފައުޗީއާ ވެސް ވަނީ ސުވާލު ކޮށްފަ އެެވެ. ފައުޗީއަކީ ރައީސް ބައިޑަންއަށް ލަފާ އަރުވާ މެޑިކަލް އެޑްވައިޒަރެވެ. އަދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީޒަސްގެ ޑައިރެކްޓަރެވެ.

ފައުޗީ ވިދާޅުވީ ރެޑްފީލްޑް އެ ވިދާޅުވީ އެނާ ގަބޫލުކުރައްވާ ގޮތް ކަމަށެވެ. އެއީ ހަގީގަތުގައި އެކަން ހިނގި ގޮތް ކަމަށް ނުވެދާނެ ކަމަށާއި ލެބޯޓަރީއަކީ ވައިރަސް ބޭރުވުން ގާތް ތަނަކަށް ވާތީ ރެޑްފީލް އެހެން ވިދާޅުވީ ކަމަށެވެ.

ފައުޗީގެ މަގާމާއި ހައިސިއްޔަތުގެ ގޮތުން ވެސް ކަށަވަރު ނޫން ކަމަކަށް އެއްބަސްވެ ވަޑައިގަންނަވަން ކެރިވަޑައެއް ނުގަންނަވާނެ އެވެ. ސުވާލުކުރާ މީހުން ބޭނުން ޖަވާބެއް ދެއްވާކަށް ކެރިވަޑައި ނުގަންނަވާނެ އެވެ. އެހެން ނަމަވެސް، ވިދާޅުވީ ކޮވިޑް އެންމެ ފުރަތަމަ ފެތުރިގަތީ ވުހާންގައި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށެވެ.

ފައުޗީ ވިދާޅުވީ މިހާރު މުހިންމީ ކޮވިޑް އުފެދުނު ތަނެއް ނޫން ކަމަށާއި މި ހާލަތުގައި މުހިންމީ މާސްކް އެޅުމާއި ގައިދުރުކުން އަދި ގިނަ މީހުން ޖަމާނުވުން ކަމަށެވެ. އަދި އެދިވަޑައިގަންނަވަނީ ސާފު ތާހިރުވުން ކަމަށާއި ކޮންމެހެން ދާން މަޖުބޫރު ތަނަކަށް ނޫނީ ނުދިއުމަށް ކަމަށެވެ.