ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާ - ހޮންގްކޮންގް ބޯޑަރު ހުޅުވާލުމަށް ފެހި ސިގްނަލް ދީފި

ދުނިޔެއަށް ފެތުރިގަތް ކޮވިޑުގެ ބިރާ ހެދި ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފައި އޮތް ހޮންކޮންގް، ޗައިނާ ބޯޑަރު އަލުން ހުޅުވުމަށް ބެއިޖިން އިން ފެހި ސިގްނަލް ދީފި ކަމަށް ހޮންގްކޮންގްގެ ޗީފް އެގްޒެކްޓިވް ޖޯން ލީ ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ.

ޗައިނާ އާއި ހޮންކޮންގްއާ ދެމެދު ދަތުރުފަތުރު ކުރެވުމަކީ ގިނަ ބައެއްގެ އިންތިޒާރެއް ކަމަށް ޖޯން ލީ ވިދާޅުވި އެވެ.

އޭނާއާ ހަވާލާދީ ހޮންގްކޮންގްގެ ނޫސްތަކުން ބުނާ ގޮތުން ޗައިނާގެ އިދާރާތަކުން ދިން ހުއްދައާ އެކު ބޯޑަރު ހުޅުވުން ދެން ލަހެއް ނުވާނެ އެވެ.

ޗީފް އެގްޒެކްޓިވް ވިދާޅުވީ ޖެނުއަރީ މަހުގެ މެދުތެރޭގައި ބޯޑަރު ހުޅުވާލުމުގެ ހުރިހާ ކަމެއް ފާސްކުރެވި އަމަލީ ސިފަ ޖެހޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ބޯޑަރު ބަންދުކޮށްފައި އޮންނަތާ މިހާ ގިނަ ދުވަސް ވުމުގެ ސަބަބުން އިގުތިސާދީ ގޮތުން އާންމުންނަށް ނުރަނގަޅު އަސަރުކޮށްފައިވާ ކަމަށް ލީ ވިދާޅުވި އެވެ. ވިޔަފާރިތައް އާންމު ހާލަތަށް ގެނެވި މުއާމަލާތްތައް ހިންގަން ފެށުމަކީ ގިނަ ބަޔަކު އުފާކުރާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޖޯން ލީ މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ޗައިނާއަށް ކުރެއްވި ފުރަތަ ދަތުރުގައި މިދިޔަ ބުދަ ދުވަހު އެ ގައުމަށް ވަޑައިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރެއްވި އެވެ. އަދި ޗައިނާ ސަރުކާރުގެ އިސް ވެރިންނާވެސް ބައްދަލުކުރެއްވި އެވެ.

މި ދަތުރުގައި ހޮންގްކޮންގްގެ ބޯޑަރު ހުޅުވާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. އަދި ހޮންކޮންގް މެދުވެރިކޮށް ދުނިޔެއަށް ވިޔަފާރި -- ޕޯސްޓުން ތަކެތި ފޮނުވުމާއި މުދާ އުފުލާ ބޯޓުތަކުގެ ދަތުރުތައް ފެށުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.