ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

"ޗައިނާގެ ކޮވިޑް ހާލަތާ މެދު ވަރަށް ކަންބޮޑުވޭ"

ޗައިނާގައި ކޮވިޑް ކޭސްތައް އޮބިނޯންނަވަރު އިތުރުވުމަކީ ކަންބޮޑުވެ ހިތާމަކުރައްވާ ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސްވެރިޔާ ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.

ވެކްސިން ދިނުން ހަލުއިކޮށް އަދި ހާއްސަކޮށް ބަލިބޮޑު މީހުންނަށް ފަރުވާ އަވަސް ކުރުމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ޗައިނާ ސަރުކާރަށް ގޮވާލާފަ އެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ޑައިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ ޗައިނާގެ ހާލަތު ބަދަލުވަމުންދާތީ ޑަބްލިއުއެޗްއޯ އިން ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި ބަލި މީހުން އިތުރުވެ ސީރިއަސްވާ ކަމަށް ލިބިވަޑައިގަންނަވާ ރިޕޯޓްތަކާ މެދު ހިތާމަކުރައްވާ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ޗައިނާއަށް އެއްބާރުލުން ދެއްވާނެ ކަމަށް ޑައިރެކްޓާ ޖެނެރަލް ވިދާޅުވި އެވެ. ޗައިނާގައި އެންމެ ބާރަށް ކޮވިޑް ފެތުރޭ ހިސާބުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ އިން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާއިން ކޮވިޑް ނައްތާލުމަށް 2020 އިން ފެށިގެން އަޅާފައި ހުރި ހަރުކަށި ފިޔަވަޅުތަކާ އެކުވެސް ޗައިނާގެ އަވަށްތަކުން ކޮވިޑު ނައްތާލެވިފައެއް ނުވެ އެވެ.

ޗައިނާ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ދިގުދެމިގެން ދިއުމުގެ ސަަބަބުން އާންމުންގެ އެތައް ބަޔަކު މަގުތަކަށް ނުކުމެ ހަމަނުޖެހުން ވަނީ އުފައްދާފަ އެވެ.

މިކަމާ ގުޅިގެން ސަރުކާރުން ވަނީ ކޮވިޑުގެ ގަވާއިދުތަކަށް ލުއިދީ ބައެއް ސަރަހައްދުތައް އާންމުންނަށް ހުޅުވާލާފަ އެވެ. އަދި އާންމުންނަށް މަސައްކަތްކޮށް އުޅުމަށް ލުއިފަސޭހަ ގަވާއިދުތަކެއް ވަނީ އާންމުކޮށްފަ އެވެ.

އާންމުންނަށް ލުއިދިނުމަށް ހުޅުވާލުމާ އެކު ކޮވިޑް ފެތުރުން އިތުރުވެ ޗައިނާއިން އެހެން ގައުމުތަކަށް މިބަލި ފެތުރިދާނެ ކަމުގެ ބިރު އަނެއްކާ ވެސް ވަނީ ބޮޑުވެފަ އެވެ. ޗައިނާއާ ކައިރި ބައެއް ގައުމުތަކުން ކޮވިޑަށް ސަމާލުވުމަށް ވެސް ވަނީ ގޮވާލާފަ އެވެ.