ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާގެ ފަތުރުވެރިންނަށް ގައުމުތަށް ހުޅުވާލާއިރު ކޮވިޑަށް ތައްޔާރުވަނީ

ޗައިނާގެ ބޯޑަރުތައް ހުޅުވާލައި ކޮވިޑާ އެކު ދިރިއުޅުމުގެ ފުރުސަތު އާންމުންނަށް ދެނީ އެވެ. ތިން އަހަރު ދުވަސް ވަންދެން ގައުމު ބަންދުކޮށްފައި އޮތް އޮތުމަށް ނިމުމަކަށް ގެނެސް އަންނަ ޖެނުއަރީ އަށެއްގައި ޗައިނާ ހުޅުވާލާއިރު -- ގައުމުތަކަށް އޮތް ބިރަކީ، އެ ގައުމުތަކުގައި އަލުން ކޮވިޑް ފެތުރިގެންފާނެ ކަމަށް އޮތް ބިރެވެ.

ޗައިނާގައި އަދިވެސް ކޮވިޑް ކޮންޓްރޯލް ނުކުރެވެ އެވެ. ބައެއް ސަރަހައްދުތައް އަދިވެސް އޮތީ ލޮކްޑައުންކޮށް ބަންދުކޮށްފަ އެވެ. ހޮސްޕިޓާތާކާއި ސިއްހީ މަރުކަޒުތަކަށް ބާރުބޮޑުވެ ފަރުވާދިނުމަށް ވެސް އޮތީ ދަތިވެފަ އެވެ.

މި ހާލަތުގައި ޗައިނާ އޮތްއިރު، އެ ގައުމުން ފުރައިގެން ޓޫރިސްޓުން އެހެން ގައުމުތަކަށް ދަތުރުކުރުމަކީ ސަމާލުވާން ޖެހޭ ކަމެކެވެ. އަނެއްކޮޅުން ކޮވިޑްގެ އާ ވޭރިއަންޓްތައް ފެތުރިގެންފާނެ ކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދީފައި އޮތް އިންޒާރަކީ ވެސް ބަލައިގަންނަން ޖެހޭ ކަމެކެވެ.

އޭޝިއާގެ ގައުމުތަކުގެ އިތުރުން ޔޫރަޕުގެ ބައެއް ގައުމުތަކުން މިހާރު ވަނީ ޗައިނާގެ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ތައްޔާރުވާން ފަށާފަ އެވެ. ކޮވިޑާ ގުޅިގެން ކުރިމަތިވި އިގުތިސާދީ ދަތިހާލަތުން އަރައިގަތުމަށްޓަކައި ފަތުރުވެރިންނަށް ފުރުސަތު ހުޅުވާލުމަކީ ކޮންމެންހެންވެސް ކުަރަން ޖެހޭ ކަމަކަށް ވާތީ އެވެ.

ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު ކޮވިޑްގެ ހާލަތަށް ސަމާލުވުމުގެ ގޮތުން ޗައިނާއިން އެތެރެވާ ޓޫރިސްޓުން ސްކްރީން ކުރުމަށް އޮތީ ނިންމާފަ އެވެ. '

ޗައިނާގެ ފަތުރުވެރިން އެތެރެވަމުންދާ ނިސްބަތުން ޓެސްޓްކުރުމުގެ ގަވާއިދު ބަދަލުކޮށް އަދި ކޮވިޑް ކޭހެއް ފެނިއްޖެނަމަ އަމަލުކުރާނެ ގޮތްތައް ވެސް މިހާރު ވަނީ އެކުލަވާލާފަ އެވެ.

އަވަށްޓެރި އިންޑިއާއިން ވެސް ވަނީ މިކަމަށް ތައްޔާރުވުމަށް ސަރަހައްދީ ސަރުކާރުތަކަށް ގޮވާލާފަ އެވެ. ފަރުވާދޭ މަރުކަޒުތައް ތައްޔާރު ކުރުމަށާއި އޮކްސިޖަނާއި ވެންޓިލޭޓަރުތައް ގުދަންކުރުމަށް ވެސް ވަނީ ނިއުދިއްލީން ގޮވާލާފަ އެވެ.

ދިވެހިރާއްޖެ އަކީ ވެސް ޗައިނާގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އެހެންކަމުން ވެލާނާ އެއާޕޯޓަށް ފަތުރުވެރިން އެތެރެވާ ހިސާބުން ފެށިގެން ރިސޯޓްތަކުގައި -- އަދި އާންމު ތަންތަނުގައި އެ މީހުން އުޅެން ޖެހޭ ގޮތް ބަޔާންކުރުމަކީ މުހިންމު ކަމެއް ކަމަށް ފެނެ އެވެ. އަދި ކޮވިޑަށް ޓެސްޓްކުރެވޭނެ ފަސޭހަ ނިޒާމުތައް އެެއާޕޯޓްގައި ގާއިމުކުރުމަކީ ވެސް ބޮޑު ސަރަހައްދަކަށް ކޮވިޑް ފެތުރިދާނެ ކަމަށް އޮތް ޝައްކަށް ލުޔަކަށް ވާނެ އެވެ.