ދުނިޔޭގެ މުޅި އާބާދީއަށް މަންކީޕޮކްސް ވެކްސިން ދޭން ނުޖެހޭނެ ކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ގެ އޮފިޝަލް، ޑރ. ސިލްވީ ބްރިއާންޑް ވިދާޅުވެއްޖެ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މަންކީޕޮކްސްގެ އަލާމާތްތައް މުޅި ދުނިޔެއަށް އެއްފަހަރާ ފެތުރޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އޭނާ ވިދާޅުވީ ވައިރަސްގެ އަސަރު އަދި އުޅެނީ ވަކި ބައްރުތަކެއްގައި ކަމަށެވެ.
މަންކީޕޮކްސް އަކީ ޖަނަވާރުންގެ މެދުގައި ދޭތެރެ ދޭތެރެއިން އާންމު ވެގަންނަ ބައެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންސާނުންނަށް ބަލިއަރައިގެން އުޅެނީ ކޮން ޖަނަވާރަކުންކަން އަދި ސާފުވެފައި ނެތް ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރު ގައުމުތަކާ މުޚާތަބުކުރައްވައި ޑރ. ސިލްވީ ވިދާޅުވި ގޮތުގައި ޑަބްލިޔުއެޗްއޯ އިން މި ވަގުތު ނިންމާފައި އޮތީ މުޅި އާބާދީއަށް ވެކްސިން ދޭން ނުޖެހޭނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ބަލި ފެތުރުމުގައި ވެސް އާދަތަކެއް ފާހަގަ ކުރެވޭ ކަމަށާއި ވަކި ނަސްލެއްގެ މެދުގައި ފަސޭހަ ކަމާއެކު ފެތުރިގަންނަ ކަމަށެވެ.
ކޮވިޑާ ގުޅިގެން ދުނިޔޭގައި ހިންގި ކަހަލަ ވެކްސިން ޕްރޮގްރާމްތައް ހިންގަން ޑަބްލިޔުއެޗްއޯއިން ނަސޭހަތްތެރި ނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މަންކީޕޮކްސް ޖެހިގެން ޑަބްލިޔުއެޗްއޯއަށް މިހާތަނަށް އަންގާފައި ވަނީ 200 މީހުންނަަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑރ. ސިލްވީ ވިދާޅުވި ގޮތުގައި އިންސާނުންގެ މެދުގައި މަންކީޕޮކްސް ފެތުރޭކަން އަދި ކިރިއާ އެނގުނީ އެވެ. އެހެން ނަމަވެސް ބަލި ފެތުރޭ އަވަސްމިން އަދި ކަންބޮޑުވާ ވަރެއް ނުވެ އެވެ.
ސިއްހަތު ޖަމިއްޔާގެ ޑޮކްޓަރުންގެ ޕެނަލުން ވަކި ގޮތެއް އަންގަންދެން ސިޔާސަތަށް ބަދަލެއް ނާންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ވެކްސިން ކެމްޕޭންތައް ހިންގަން އިރުޝާދުދޭ ހިސާބުން މެމްބަރު ގައުމުތަކަށް އެކަން އަންގާނެ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މަންކީޕޮކްސް ކުއްލިއަކަށް ފެތުރިގަންނާނެ ކަމަކަށް ނުބެލެވެ އެވެ. މި ބައްޔާ މެދު އާންމުން ހ؛ޭލުންތެރިވެ ސާފުތާހިރު މިންގަނޑު ދަމަހައްޓާ ނަަމަ ބަލިން ރައްކާތެރިވުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
ޑަބްލިޔުއެޗްއޯގެ އޮފިޝަލް ވިދާޅުވި ގޮތުގައި ދަތުރުކުރުން މަނާކުރުމާއި އެއްވެ އުޅުން ފަދަ އާންމު މުއާމަލާތްތައް ހުއްޓުވަން ސިއްހަތު ޖަމިއްޔާއިން އިރުޝާދެއް ނުދެ އެވެ. އޭނާ ވިދާޅުވީ މިވަގުތަށް އެންމެ މުހިންމީ ބައްޔާ މެދު އާންމުން ހޭލުންތެރި ކުރުވުން ކަމަށެވެ.