މަކުނުވިދުރި ޖެހިފައި ތިބި ތިން މީހަކު އަނެއްކާވެސް ޕާކިސްތާނުން ފެނިއްޖެ އެވެ. ޕާކިސްތާނަށް މި ތިން މީހުން ދިޔައީ ގަލުފު ގައުމަކުން ކަމަށް ސިއްހީ އޮފިޝަލުން ބުންޏެވެ. މަކުނުވިދުރި އަކީ ދިވެހިބަހުން މަންކީޕޮކްސްއަށް ކިޔާ ނަމެވެ.
ޚަބަރުތައް ބުނާ ގޮތުން މި މީހުން ޕާކިސްތާނަށް ދަތުރުކުރީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ނެވެ.
ޕާކިސްތާނަށް މަކުނުވިދުރި އެރިއިރު، މަކުނުވިދުރި މުޅި ދުނިޔެއަށް ފެތުރިގެން ހިނގައިދާނެ ކަމަށް ބުނެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިންޒާރެއް ނެރެފަ އެވެ.
ސިއްހަތު ޖަމިއްޔާގެ އިންޒާރު ބުނާ ގޮތުން މި ފަހަރު ފެތުރެނީ މަކުނުވިދުރީގެ އާ ވައްތަރެކެވެ.
މަކުނުވިދުރީގެ މި ވައްތަރު އެފްރިކާއިން ޔޫރަޕަަށް ދަތުރުކޮށް އަދި މިހާރު އޭޝިއަށް ދަތުރުކީ ކަމަށްވެސް ބުނެވެ އެވެ.
ޕާކިސްތާންގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާ ބޮތުން މި ތިން މީހުންނަށް ޖެހުނީ މަކުނުވިދުރީގެ ކޮން ބާވަތެއް، ވޭރިއަންޓެއް ކަމެއް އަދި ނޭނގެ އެވެ. މިދިޔަ އަހަރުވެސް ޕާކިސްތާނުން މަކުނުވިދުރި ވަނީ ފެނިފަ އެވެ.
ދިވެހިބަހުގެ ރަދީފު ބުނާ ގޮތުން މަކުނުވިދުރި އަކީ "ރާމާމަކުނާއި މީދާ ފަދަ ޖަނަވާރެއްގެ ފަރާތުން ވައިރަހެއްގެ ޒަރީއާއިން އިންސާނުންނަށް ވާސިލުވެފައިވާ ގައިންގަޔަށް އަރާ ބައްޔެކެވެ،
މި ބަލި އެކެއްގެ ކިބައިން އަނެކަކަށް ޖެހެނީ ވަރަށް ބޮޑަށް ގައިގޯޅިވެ ގިނައިރު އެއްތާވެ އުޅުމުގެ ސަބަބުން ހަމުގެ ތެރެއިން ނުވަތަ ނޭވާލާ ނިޒާމުގެ ތެރެއިންނެވެ،
ބަލިޖެހުމުން ހުންއައުމާއި ބޮލުގައި ރިއްސުމާއި ނޭވާކުރުވުމާއި ހިކިކެއްސުމަކުން ކެއްސުން ފަދަ އަލާމާތްތަކެއް ފެނުމާއެކު، މޫނާއި އަތާއި މުޅި ހަށިގަނޑުގައި ދޮސްބިހިތަކެއް ނަގަ އެވެ"
މަކުނުވިދުރި ފެތުރެން މެދުވެރި ވަނީ ހަށިގަނޑުގެ ތެތް ކަމެވެ. ދަލާއި ކުޅާއި އަދި ބަލިޖެހިފައި ހުންނަ މީހެއްގެ ގައިން ނުކުންނަ އެހެން ތެތް ކަމަކުން ވެސް މި ބަލި ފެތުރެ އެވެ.
ބަލިޖެހިފައި ހުންނަ މީހަކު ބޭނުންކުރާ ތުވާއްޔާއި ނިދާ އެނދު އަދި ގެންގުޅޭ ސްމާޓްފޯނަކީ ވެސް ބަލި ފެތުރުމަށް މެދުވެރިއަކަށް ވެއެވެ.
ރަހިމުގައި އޮންނަ ތުއްތު ދަރިފުޅަށް ވެސް މަންމަގެ ގައިން މި ބަލިއަރާ ކަމަށް ދުނިޔޭގެ ސިއްހަތު އިދާރާތަކުން ވަނީ ބުނެފަ އެވެ.
އެޖަމިއްޔާއިން ބުނާ ގޮތުން މަކުނުވިދުރި އަކީ ފުރާނައަށް ނުރައްކާ ބޮޑު ބައްޔެއް ނޫނެވެ. ބަލީގެ އާންމު ނިޝާނަކީ ގައިގައި ނަގާ ބޮޑެތި ފޮޅުތަކެކެވެ.
ބަލިޖެހުމުގެ އަލާމާތެއްގެ ގޮތުން ހުންއައިސް ގައިގައި ރިއްސި ނަމަވެސް، ހުން އައުމާއި ގައިގައި ރިހުމަކީ ހަމައެކަނި މަކުނުވިދުރިއަށް ހާއްސަ އަލާމާތެއް ނޫނެވެ.
މަންކީޕޮކްސްއަށް "މަންކީޕޮކްސް"ގެ ބަދަލުގައި "އެމްޕޮކްސް" ކިޔުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ލަފާދީފަ އެވެ.