ޑަބްލިޔޫއެޗްއޯ

މަންކީޕޮކްސް އަކީ އާންމު ސިއްހަތަށް ނުރައްކަލެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ކަނޑައަޅައިފި

މަންކީޕޮކްސްގެ ކޭސްތައް 70 އަށް ވުރެ ގިނަ ގައުމުން ފެނުމުން އެއީ އާދައިގެ ހާލަތެއް ނޫން ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.

މަންކީޕޮކްސް މިހާރު އެ އޮތީ "ގްލޯބަލް އެމާޖެންސީ" -- އާންމު ސިއްހަތަށް ނުރައްކަލަކަށް ވެފައި ކަމަށް ވެސް ޑަބްލިޔުއެޗްއޯ އިން ބުނެ އެވެ. އެހެންކަމުން މި ބައްޔާ މެދު ގައުމުތަކުން ސަމާލުވުމަށް ޑަބްލިޔުއެޗްއޯ ވަނީ އިލްތިމާސްކޮށްފަ އެވެ.

ޑަބްލިޔުއެޗްއޯގެ ޑައިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޮސް އެދަނޮމް ގެބްރިޔޭސުސް ވިދާޅުވި ގޮތުން ދުނިޔޭގެ ގިނަ ގައުމުތަކަށް މަންކީޕޮކްސްގެ މާބޮޑު ނުރައްކަލެއް އަދި ނެތެވެ. އެހެން ނަމަވެސް، ޔޫރަޕުގައި މަންކީޕޮކްސް ނުރައްކާ ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެޑްރޮސް ވިދާޅުވި ގޮތުގައި މަންކީޕޮކްސް ފެތުރެނީ ޖިންސީ ގުޅުމުންކަން މިހާރު ވަނީ ކަށަވަރު ކުރެވިފަ އެވެ. އަދި އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި މިބަލި ވަރަށް އާންމު ކަމަށް ވެސް ވިދާޅުވި އެވެ.

މަންކީޕޮކްސް އަކީ އާންމު ސިއްހަތަށް ނުރައްކަލެއް ކަމަށް އިއުލާން ކުރެއްވި ސަބަބެއް ކަމަށް ޑައިރެކްޓަރު ޖެނެރަލް ވިދާޅުވީ އެއީ ބައިނަލްއަގްވާމީ އާންމު ހާލަތަށް ގައުމުތަކުން ސަމާލުވުމަށް ކަމަށެވެ.

ޓެޑްރޮސް އަދި ވިދާޅުވީ ހަގީގަތުގައި އާންމު ސިއްހަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި އިންޒާރު ދެއްވަނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށް ކަމަށެވެ. އެނާ އަދި ވިދާޅުވީ މިބަލީގެ ނުއްކާ އެންމެ ބޮޑީ އެކަކަށް ވުރެ ގިނަ މީހުންނާ އެކު ގުޅުން ހިންގާ މީހުންނަށް ކަމަށެވެ.

މަންކީޕޮކްސް، ސަމާލުވާން ޖެހޭ ދެތިން ނުކުތާއެއް

މަންކީޕޮކްސް އަކީ ޖަނަވާރުންގެ މެދުގައި ދޭތެރެ ދޭތެރެއިން ފެތުރިގަންނަ ބައްޔެއް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. މި ބަލި އިންސާނުންނަށް ފޯރި ގޮތް އަދި މުޅިން ސާފު ނުވާ ކަމަށް ވެސް އޮތީ ބުނެފަ އެވެ.

މަންކީޕޮކްސް ފެތުރެން މެދުވެރި ވަނީ ހަށިގަނޑުގެ ތެތް ކަމެވެ. ދަލާއި ކުޅާއި އަދި ބަލިޖެހިފައި ހުންނަ މީހެއްގެ ގައިން ނުކުންނަ އެހެން ތެތް ކަމަކުން ވެސް މިބައްޔަށް ފެތުރިގަނެ ވެއެވެ.

ބަލިޖެހިފައި ހުންނަ މީހަކު ބޭނުންކުރާ ތުވާއްޔާއި ނިދާ އެނދު އަދި ގެންގުޅޭ ސްމާޓްފޯނަކީ ވެސް ބަލި ފެތުރުމަށް މެދުވެރިއަކަށް ވެއެވެ. އެއްބުރި ބޮއެ އެއްލާލާފައި އޮންނަ ސިނގިރޭޓް ބަޑަކުން ވެސް ބައްޔަށް ހުށަހެޅުން އެކަށީގެންވެ އެވެ.

ރަހިމުގައި އޮންނަ ތުއްތު ދަރިފުޅަށް ވެސް މަންމަގެ ގައިން މިބަލިއަރާ ކަމަށް ދުނިޔޭގެ ސިއްހީ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުން މަންކީޕޮކްސް އަކީ ފުރާނައަށް ނުރައްކާ ބޮޑު ބައެއް ނޫނެވެ. ބަލީގެ އާންމު ނިޝާނަކީ ގައިގައި ނަގާ ބޮޑެތި ފޮޅުތަކެކެވެ.

ބަލިޖެހުމުގެ އަލާމާތެއް ގޮތުން ހުންއައިސް ގައިގައި ރިއްސި ނަމަވެސް، ހުން އައުމާއި ގައިގައި ރިހުމަކީ ހަމައެކަނި މަންކީޕޮކްސްއަށް ހާއްސަ އަލާމާތެއް ނޫނެވެ.

މަންކީޕޮކްސް ޖެހުމުން ފާހަގަ ކުރެވޭ އެހެން އަލާމާތްތަކުގެ ތެރޭގައި ކަރުދަށުގައި އަދި އަތާއި ފައި ހަށިގަނޑާ ގުޅޭ ހިސާބުގައި ގޮށްލުން ހިމެނެ އެވެ.

އާދަޔާ ޚިޔާފަށް ހީކެރުވުމާއި ނޭވާ ކޮޅުންލުން އަދި ޗިކަންޕޮކްސް -- ފާނަބަސަންދު ޖެހުމުން އަތާއި މޫނުގައި ފާޅުވާ ރޮނގުތައް ފެންނަން ހުރެ އެވެ.