އަފްޣާނިސްތާން

އަފްޣާނުގައި ކޮވިޑަށްވުރެ ގިނައީ ޓީބީގެ މަރުތައް

އަފްޣާނިސްތާންގައި މިދިއަ އަހަރު ޓީބީ ޖެހިގެން ގާތްގަކަކަށް 10،000 މީހުން މަރުވި އެވެ. މިއީ ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުން، ކޮވިޑް ޖެހިގެން މަރުވި އަދަދުގެ ތިންގުނަ އެވެ.

ކާބުލްގައި އޮތް ކޮންފަރެންސެއްގައި މައުލޫމާތު ދެއްވަމުން މިނިސްޓާ އޮފް ޕަބްލިކް ހެލްތު ވާހިދު މަޖްރޫހް ވިދާޅުވީ 2020 ގައި 50،000 މީހުންނަށް ޓީބީ ޖެހުނު ކަމަށެވެ. އަދި 9،8000 މީހުން މިބަލީގައި މަރުވި ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން އަންދާޒާކުރާ ގޮތުން އަފްޣާނިސްތާންގައި މިދިއަ އަހަރު ޓީބީ ޖެހުނު އަދަދު 73،000 އަށް އަރާނެ އެވެ. އެހެން ނަމަވެސް ސިއްހީ ނިޒާމް ހުރި ގޮތުން ކަށަވަރު ކުރެވިފައި ވަނީ 50،000 އެވެ. މީގެ ތެރެއިން 20 ޕަސެންޓްކީ ކުޑަކުދިން ކަމަށް މަޖްރޫހް ވިދާޅުވި އެވެ.

ޓީބީ ކޮންޓްރޯލް ކުރަން ކުރި މަސައްކަތްތައް 2020 ގައި ކޮންޓްރޯލުން ނެއްޓި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އެއީ ކޮވިޑާ ހެދި ކުރިން އެނގިފައި ނެތް މަސައްކަތްތަކެއް ކުރަން ޖެހުމުންނެވެ. އެހެން ކަމުން ޓީބީއަށް ބޭސްކުރާ މީހުންނަށް އެކަށީގެންވާ ރަނގަޅު ފަރުވާ ނުދެވުނު ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.

މަޖުރޫހް ވިދާޅުވީ ޓީބީ ބަލި މީހުންގެ ތެރޭގައި ގިނައީ ކަނބަލުން ކަމަށެވެ. ކާނެއް އެއްޗެއް ނެތުމާއި ހަށިގަނޑުގައި ދިފާއީބާރު ދަށްވުމުން ކަނބަލުންނަށް އަސަރުކުރީ މާބޮޑަށް ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

ޓީބީގައި ދުވަސްތައް ތަޖުރިބާކުރާ ކަނބަލަކު ބުނީ ޓިބީއަށް ހަމަސް ވަންދެން ދެބުރަށް ބޭސްކޭއިރުވެސް ހަށިގަނޑުން ޓީބީ ނުފިލާ ކަމަށެވެ. އޭނާ ބުނީ އެއީ ބަރާބަރަށް ބޭސްކާން ނުލިބުމުން ދިމާވި ކަމެއް ކަމަށެވެ.

އަފްޣާނިސްތާން ޓިއުބާކްލޯސިސް ކޮންޓްރޯލް ބޯޑްގެ ވެރިޔާ ސިމާ ސަމާ ވިދާޅުވީ އެހީތެރިވެދޭ ޖަމާއަތްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުވާ ކަމަށާއި އަފްޣާނިސްތާން އޮތީ އެހީއަށް ބޭނުންވެފައި ކަމަށެވެ.