ދުނިޔެ

"ތާލިބާނުންނާ މަޝްވަރާކުރަން ޖެހެނީ ރައްޔިތުންނަށް ޓަކައި"

އަފްޣާނިސްތާންގައި ތާލިބާނުން ވެރިކަންކުރި ނަމަވެސް މަޝްވަރާ ކުރަން ޖެހިވަޑައިގަންނަވާ ކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަންގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.

އަފްޣާންގެ ވެރިރަށް ކާބުލްއަށް ވަޑައިގެން ތާލިބާނުންގެ ލީޑަރުންނާ ބައްދަލު ކުރެއްވުމަށް ފަހު ޑަބްލިިޔުއެޗްއޯގެ ޑައިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ ގައުމު ބަލަހައްޓަން ތިބި ބަޔަކާ މަޝްވަރާކުރަން ޖެހެނީ އާންމު ފަރުދުންނަށްޓަކައި ކަމަށެވެ.

ޑައިރެކްޓަރު ޖެނެރަލް ވިދާޅުވި ގޮތުގައި ޑަބްލިޔުއެޗްއޯއިން އަޅާނުލައިފި ނަމަ ސިއްހީ ދާއިރާއިން އަފްޣާން ރައްޔިތުންނަށް އެހީތެރިކަމެއް ނުލިބޭނެ ކަމަށާއި ހާލަތު ދާނީ ގޯހުން ގޯހަށެވެ.

ޓެޑްރޮސް ވިދާޅުވީ އަފްޣާންގައި ވެރިކަން ބަދަލުވުމާ ގުޅިގެން ސިއްހީ ދާއިރާ ބަލަހައްޓާނެ ވެރިއަކު ނެތެވެ. އޭނާ ވިދާޅުވީ އަފްޣާން މިހާރު އޮތީ ސިއްހީ ގޮތުން އެހީތެރިކަމަށް ބޭނުން ޖެހިފައި ކަމަށާއި އާންމު ފަރުވާއަށް ދޭންޖެހޭ އެހީތެރިކަން ރާވައި ހިންގާނެ ގާބިލުކަން ނެތް ކަމަށެވެ.

ޑަބްލިޔުއެޗްއޯގެ ވެރިޔާ ވިދާޅުވި ގޮތުގައި ތާލިބާނުން ތިބީ އެ ޖަމިއްޔާއަށް އެއްބާރުލުން ދޭ ގޮތަށެވެ. އޭނާ ވިދާޅުވި ގޮތުގައި އދ. އަށް އަދި އދ. ގެ ގުނަވަންތަކަށް އަފްޣާންގައި ހުރަހެއް ނެތެެވެ.

ތާލިބާނުންނާ ހަވާލާދީ އޭނާ ވިދާޅުވީ ކޮވިޑް ވެކްސިން ފަދަ ދުނިޔެއަށް މުހިންމު ހާލަތްތަކުގައި ވެސް ވޯލްޑް ހެލްތު އޮގަނައިޒޭޝަންގެ އެޖެންޑާތައް އަފްޣާންގައި ތަންފީޒުކުރުމަށް ތާލިބާނުން އެހިތެރިވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ޑަބްލިޔުއެޗްއޯ އަށް ރައްކާތެރިކަމާއި މަގު ތަނަވަސްކޮށްދޭނެ ކަމަށް ތާލިބާނުން ބުނާ ކަމަށެވެ.

ޓެޑްރޮސް ވިދާޅުވީ ދުނިޔޭގެ މާލީ އިދާރާތަކުގައި ހުރި އަފްޣާން ފައިސާ ދޫކޮށްދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަފްޣާންގައި އަންހެން ކުދިންނަށް ތައުލީމުދިނުމާ ބެހޭ ގޮތުން މަޝްވަރާ ފުޅާކުރެވެން އޮތީ ވެސް ތާލިބާނުންނަށް އެހީތެރިވެގެން ކަމަށް ޑައިރެކްޓަރު ޖެނެރަލް ވިދާޅުވި އެވެ.

ޑަބްލިޔުއެޗްއޯގެ ވެރިޔާ ވިދާޅުވީ ތާލިބާނުންގެ ފަރާތުން އެއްބާރުލުން ލިބޭނެކަން ކަށަވަރުވުމުން އުންމީދު އާވެވަޑައިގެންފި ކަމަށާއި ވޯޑް ހެލްތު ހެލްތު އޮގަނައިޒޭޝަން އަކީ އިންސާނިއްޔަތަށް ޚިދުމަތްކުރަން އުފައްދާފައި އޮތް ޖަމާއަތެއް ކަމަށެވެ.