ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހާއްސަކޮށް ސިނގިރޭޓް ބުއިމަކީ ވެސް ޖަޕާނުގައި ވަރަށް އަގުބޮޑު ކަމެކެވެ. ސަބަބަކީ ވަޒީފާތަކުގައި އުޅޭ މީހުންނަށް ސިނގިރޭޓް ބޯން ލިބޭ ވަގުތުކޮޅު ކުޑަވެފައި ބައެއް ފަހަރަށް ސިނގިރޭޓް ބޯން އެ ނަގާ ބްރޭކްގެ ސަބަބުން އެމީހާގެ އެ މަހުގެ މުސާރަ އެއްކޮށް ޖޫރިމަނާއަށް ދައްކަން ޖެހޭ ފަހަރު ވެސް އަންނާތީ އެވެ.
ޖަޕާންގެ އޮސާކާގައި ދިރިއުޅޭ ސަރުކާރުގެ މުވައްޒަފަކަށް ވެސް ދިމާވީ މިފަދަ ގޮތެކެވެ. އޮފީސް ގަޑީގައި ސިނގިރޭޓް ބޯތަން ފެނުމުން އޭނާ ބޮޑު ޖޫރިމަނާއެއް ކޮށްފައި ވެއެވެ. މިއީ 1.44 މިލިއަން ޖަޕަނީޒް ޔެން (ގާތްގަނޑަކަށް 10،500 ޔޫއެސް ޑޮލަރު)ގެ ބޮޑު ޖޫރިމަނާ އެކެވެ.
ދަ ސްޓްރެއިޓްސް ޓައިމްސްގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ފާއިތުވީ 14 ވަރަކަށް އަހަރު ތެރޭގައި 4،500 ފަހަރު މި މީހާ އޮފީސް ގަޑީގައި ސިނގިރޭޓް ބުއިކަން ސާބިތުވެފައި ވެއެވެ.
އެހެންވެ 61 އަހަރުގެ މި މުވައްޒަފަކަށް އަދަބު ލިބުނުއިރު އޭނާއާއެކު ސިނގިރޭޓް ބުއިމުގެ ބޭނުމުގައި ބްރޭކް ނެގި އިތުރު ދެ އެކުވެރިއަކަށް ވެސް ހަމަ މިވަރުގެ އަދަބެއް އައިސްފައި ވެއެވެ. މި އެންމެންނަކީ ވެސް އޮފީހެއްގެ ފައިނޭންސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި މީހުންނެވެ.
ބްރޭކް ނެގުމުގެ ގަވާއިދާ ޚިލާފުވި މީހުންނަށް ލިބުނު އަދަބުގެ ތެރޭގައި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރެއިން ކޮންމެ މަހެއްގެ މުސާރައިގެ 10 ޕަސެންޓް ކަނޑާލުން ހިމެނެ އެވެ.
މި މީހުންނަށް މި އަދަބު ލިބުނީ އެތައް ފަހަރަކު އިންޒާރު ދިނުމުން ވެސް އެމީހުން މިކަން ހުއްޓާނުލައި ކުރިޔަށް ގެންދިއުމުންނެވެ.
އެ އޮފީހުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ލިބުނު ޝަކުވާ އަކާ ގުޅީގެން މި މީޙުންގެ މައްސަލަ ތަހުގީގުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
މި މައްސަލަ ބެލުމުގެ ތެރޭގައި އެތައް ފަހަރަކު މި މީހުންނާ ސުވާލުކޮށްފައި ވެއެވެ. ނަމަވެސް އޮފީސް ގަޑީގައި ސިނގިރޭޓް ބޯ ކަމަށް މި މީހުން އެއްބަހެއް ނުވެ އެވެ. ޖޫރިމަނާ ކުރި ފިރިހެންމީހާ އަކީ އެ އޮފީހުގެ ޑިރެކްޓަރުން ފެންވަރުގެ މަގާމެއްގައި ހުރި 61 އަހަރުގެ މީހެކެވެ. ޖަޕާނުގައި އުމުރުން ދުވަސްވީ މީހުން ކުށްތަކަށް އަރައިގަތުމަކީ ވަރަށް ބޮޑު ކުށެކެވެ.
މި މީހާ އޮފީހުގައި ހޭދަކުރި ވަގުތު ތަކުގެ ތެރެއިން 355 ގަޑިއިރާއި 19 މިނިޓް ސިނގިރޭޓް ބުއިމުގައި ހޭދަކޮށްފައިވާ ކަމަށް ތަހުގީގަށް ސާބިތުވެފައި ވެއެވެ.
އޮސާކާގެ ސަރުކާރު އޮފީސްތަކާއި ސްކޫލްތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައިވަނީ 2008 ވަނަ އަހަރު އެވެ. އަދި 2019 އިން ފެށިގެން ސަރުކާރުގެ މުވައްޒަފުން ޑިއުޓީގެ ވަގުތުގައި ދުންފަތުގެ އިސްތިއުމާލުކުރުން މުޅިން ވަނީ މަނާކޮށްފަ އެވެ.
ޖަޕާނު މީހުންނަކީ ވަރަށް އަޚްލާގީ ގޮތުން ރަނގަޅު ސަގާފަތްތަކެއް ގެންގުޅޭ ބައެކެވެ. އެހެންވެ ކުށްތަކަށް އަރައިގަތުން އެމީހުންގެ ތެރޭގައި ވަރަށް މަދެވެ.