ޖަޕާނުގެ ހޮސްޕިޓަލެއްގައި 30 އަހަރު ވަންދެން ބޯން ބޭނުންކޮށްފައި ވަނީ ފާހާނާއިން ބޭރުވާ ފެން ކަން އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެޑްމިޓްކޮށްފައި ތިބި ބަލި މީހުންނަށް ދާދިފަހުން އެނގިއްޖެ އެވެ. މިފަދަ ބޮޑު ކަމެއް ދިމާވެގެން އުޅޭކަން ނޭނގި 30 އަހަރު ފާއިތުވެފައި ވާތީ އެންމެން މިވަގުތު ތިބީ ބޮޑު ޝޮކެއްގަ އެވެ.
ޖަޕާނު ނޫސް ޔޮމިއުރީ ޝިމްބުންގައިވާ ރިޕޯޓެއް ބުނާ ގޮތުގައި އޮސާކާ ޔުނިވަސިޓީ ހޮސްޕިޓަލުން މިކަން އިއުލާން ކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެ ހޮސްޕިޓަލުގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ހޮސްޕިޓަލުގެ ބައެއް ފެން ހޮޅިތައް ބައެއް އޭރިއާ ތަކުން ގުޅާފައި ހުރީ ގޯސް ކޮށެވެ. އެހެންވެ މިކަން އިތުރަށް ބެލިއިރު ބޯފެން އަންނަ ހޮޅިތައް ގުޅާފައި ހުރީ ފާޚާނާ ތަށިތަކަށް ކަމާއި ފާޚާނާތަކުން ފައިބާ ފެންތައް ގުޅާފައި ހުރީ ބޯފެން ނަގާ ހޮޅިތަކަށް ކަން ޔަގީން ކުރެވިފައިވާ ކަމަށެވެ. މިގޮތަށް ފެން ހޮޅިތައް ގުޅިތާ މިހާރު 30 އަހަރު ވެއްޖެ އެވެ. އެއީ މި ހޮސްޕިޓަލު 1993 ގައި ހުޅުވި އިރުއްސުރެ ފެންހޮޅިތައް ހުރީ މިގޮތަށް ކަމަށް ވާތީ އެވެ.
އެގޮތުން ހޮސްޕިޓަލުގައި ބޯފެން ނަގާ 120 އިސްކުރަކުން އަންނަނީ ފާޚާނާ ފެނެވެ. މި ހޮސްޕިޓަލުގެ މުވައްޒަފުންނާއި ބަލި މީހުން ބުއިމަށާއި އެއްޗެތި ދޮވުމަށް އަދި ކޯ ދޮވެ ހަދަން މިހާތަނަށް ބޭނުންކޮށްފައި ވަނީ މި އިސްކުރުތަކުން އަންނަ ފެނެވެ.
އެއްވެސް މީހަކަށް މިކަން ފާހަގަ ނުކުރެވި ހުއްޓާ މިކަން ފަޅާ އަރަން މެދުވެރިވީ ހޮސްޕިޓަލުން އާ ބިލްޑިންގެއް އިމާރާތް ކުރަން ނިންމުމުންނެވެ. ޑައިގްނޯސްޓިކް އަދި ޓްރީޓްމަންޓް ބިލްޑިންގެއް އަލަށް އިމާރާތްކުރަން ހޮސްޕިޓަލު އިންސްޕެކްޓްކުރިއިރު މި މައްސަލަ ފެނުނީ އެވެ.
ހޮސްޕިޓަލުން ބުނާ ގޮތުގައި ކޮންމެ ހަފުތާއަކު އެއްފަހަރު އެ ހޮސްޕިޓަލުގެ ފެނުގެ ވަހާއި ކުލަ އާއި ރަހަ ޓެސްޓް ކުރެ އެވެ. އަދި މި ޓެސްޓްތަކުގެ ނަތީޖާގައިވާ ގޮތުން ހޮސްޕިޓަލުގެ ފެނުގައި އެއްވެސް މައްސަލައެއް ނެތެވެ. އަދި މި ޔުނިވަސިޓީ ހޮސްޕިޓަލުން ބުނަނީ މި ފެން ބޮއިގެން އެއްވެސް މީހަކަށް ސިއްހީ އެއްވެސް މައްސަލައެއް ވެސް ކުރިމަތިވެފައިވާކަން އެނގެން ނެތް ކަމަށެވެ.
މި ޚަބަރު މުޅި ރަށުގައި ފެތުރި އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ އަދި އެތަނުން ޚިދުމަތް ހޯދާފައިވާ އެތައް ހާސް ބަޔަކު ވަނީ ރުޅިގަދަވެ ހިތްހަމަނުޖެހިފަ އެވެ. އަދި ހޮސްޕިޓަލުގެ ވެރިން ވަނީ އެންމެންގެ ކިބައިން މައާފަށް އެދި ބަޔާނެއް ވެސް ނެރެފަ އެވެ.