ލައިފްސްޓައިލް

ޓީޗަރަކު ކުރިކަމަކުން ސްކޫލެއްގެ ފެން ބިލަށް 27،000 ޑޮލަރު

ޖަޕާނުގެ ސްކޫލެއްގެ އެންމެ މަހެއްގެ ފެން ބިލަށް 27000 ޔޫއެސް ޑޮލަރަށް ވާ ވަރުގެ ޖަޕަނީސް ޔެން ދައްކަން ޖެހިއްޖެ އެވެ. މިއީ އެ ސްކޫލްގެ ޓީޗަރަކު ގަސްތުގައި ކުރި ކަމަކުން ދިމާވި ކަމެކެވެ.

ޕޫލް މެއިންޓެނަންސް އިންޗާޖަކަށް ހުރި ޓީޗަރު ޕޫލަށް ފެން އަޅަން ހުންނަ އިސްކުރެއް ބަންދު ނުކޮށް އެތައް މަހެއް ވަންދެން ވަނީ ބަހައްޓާފަ އެވެ. އޭނާ މިކަން ކުރީ އޭނާއަށް ހީވެފައިވާ ކުށް ހީއެއްގެ މައްޗަށް ބިނާ ކޮށެވެ. އޭނާ ހީކުރީ އެގޮތަށް ޕޫލުގެ ފެންގަނޑަށް އަބަދު ފެން އެޅި އެޅި ހުންނަނަމަ ކޮވިޑުން ޕޫލްގެ ފެންގަނޑު ސަލާމަތްވާނެ ކަމަށެވެ. އެހެންވެ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހަށް އޭނާ އެއްގޮތަކަށް ވެސް އެ އިސްކުރު ބަންދެއް ނުކުރެ އެވެ.

އާއްމުގޮތެއްގައި ޕޫލުގެ ފެންގަނޑުގެ ކޮލިޓީ ހިފަހައްޓަނީ ކްލޮރިން އާއި ފިލްޓަރިން މެޝިނުންނެވެ. ނަމަވެސް ޓީޗަރަކަށް ކޮންމެވެސް ގޮތަކުން މާ މޮޅު ޚިޔާލެއް އައިސްގެން އިސްކުރު ދޫކޮށްފައި ބެހެއްޓީ ކަމަށް ލޯކަލް އެޑިއުކޭޝަން ބޯޑު އޮފިޝަލް އަކިރާ ކޮޖިރީ ވިދާޅުވެފައި ވެއެވެ.

ޕޫލަށް އަބަދު ފެން އެޅިއެޅި ހުންނަކަން ބައެއް ސްޓާފުންނަށް އެނގިގެން ބައެއް ފަހަރު އައިސް އިސްކުރު ބަންދުވެސް ކުރެ އެވެ. ނަމަވެސް ޕޫލް ބެލެހެއްޓުމާ ހަވާލުވެ ހުރި ޓީޗަރު ވަރަށް ރުޅިއައިސްފައި ހުރެ އަނެއްކާވެސް އިސްކުރު ދޫކުރަނީ އެވެ.

ކޮޖިރީ ވިދާޅުވި ގޮތުގައި މިގޮތަށް މިހާ ގިނަ ދުވަހު އިސްކުރު ދޫކޮށްފައި ހުރުމުގެ ސަބަބުން 4000 ޓަނުގެ ފެން ބޭކާރުވެފައި ވެއެވެ. މިއީ 11 ފަހަރަށް ޕޫލު ފުރެންދެން އެޅޭހާ ފެނެވެ.

މިހާރު ޖަޕާނުގެ ކަމާ ބެހޭ އިދާރާތަކުން މި ޓީޗަރަކަށާއި އިތުރު ދެ ސުޕަވައިޒަރަކަށް ޑިމާންޑް ކުރަމުން ދަނީ ފެން ބިލަށް އެރި 3.5 މިލިއަން ޔެން (27000 ޔޫއެސް ޑޮލަރު) ގެ ދެބައިކުޅަ އެއްބައި އެމީހުން ދެއްކުމަށެވެ.